ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 15:38
އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގެ ތެރެއިން
އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އަބުރުގެ ދައުވާ
ޝަރީއަތަށް ދާން ނިންމީ އެތައް ބައެއްގެ މަރާ، ގަތުލުއާންމަކާ ގުޅިގެން ދެކެވޭ ވާހަކައަކަށްވުމުން: ރައީސް ނަޝީދު
އާންމުކޮށް މީހަކު އަޅުގަނޑާ ދިމާއަށް އެއްޗެއް ބުންޏަސް އަޅުގަނޑު އެކަމުގައި ޝަރީއަތަކަށް ދާކަށް ގަސްތެއްނުކުރަން

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް އަބުރުގެ ދައުވާ ކުރެއްވުމަށް ނިންމެވީ, އެވާހަކައަކީ އެތައް ބައެއްގެ މަރާއި ގަތުލުއާންމަކާ ގުޅިގެން ދެކެވޭ ވާހަކައަކަށްވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ޝަރީފު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް، މައުމޫނުގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުން މެރިކަމުގެ ތުހުމަތު ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުއްވަން ނަޝީދު އޭރު ރާއްވަވާފައިވާކަމުގައެވެ. އޭގެ އިތުރުން ޝަރީފް ވިދާޅުވެފައިވަނީ އޭރުގެ ޕާލިމެންޓްރީ ގްރޫޕުން އެކަން ހުއްޓުވުމަށް ގަރާރެއްވެސް ފާސްކުރި ކަމަށެވެ.

ޝަރީފްގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ، 50 މީހުން މަރާލުމަށް ނަޝީދު މަސައްކަތްކުރައްވާފައިވަނީ ނޫސްވެރިންގެގޮތުގައި ކުލީ ސިފައިންތަކެއް ރާއްޖެ ގެނެސް، އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ކަމަށެވެ.

އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގައި ބުރާސްފަތި ދުވަހު މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.

އާންމުކޮށް މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެއް ބުންޏަސް އަޅުގަނޑު އެކަމުގަ ޝަރީއަތަކަށް ދާކަށް ގަސްތެއް ނުކުރަން. އެކަމަކު އެތައް ބައެއްގެ މަރާ، ގަތުލުއާންމަކާ ގުޅިގެން ދެކެވޭ ވާހަކައެއްވީމަ މައްސަލަ ހުށަހެޅުމަށް ނިންމީ.
ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަބުރުގެ ގާނޫނު ވުޖޫދުކުރުމުން އެކަމަށް އެމްޑީޕީން އެންމެ ބޮޑަށް ފާޑުކިޔާފައިވާއިރު، މިހާރު އަބުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނެއް އޮތުމުގެ މުހިންމުކަން ގަބޫލުފުޅުކުރެއްވޭތޯއާއި އަބުރާ ބެހުމުން ބަދަލު ނަގައިދޭ ގަވާއިދެއް 2005 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފާސްކުރުމުން، މީހެއްގެ އަބުރާ ބެހުމުން އަބުރު ނަގައިދިނުމަކީ ގަބޫލުފުޅުކުރައްވާ ކަމެއް ނޫންކަމަށް އޭރު ވިދާޅުވި ކަމަށާއި، އޭރު ދެއްކެވި ވާހަކަފުޅާ މިހާރު ދައްކަވާ ވާހަކަފުޅު ދިމާނުވާކަމަށް ބުނެ މީހަކު ވަނީ ސުވާލު ދަންނަވާފައެވެ.

މިކަމާގުޅިގެން ނަޝީދު ވިދާޅުވީ، އެއްވެސް އިރެއްގައި މަދަނީ މައްސަލައެއްގެ ގޮތުގައި އަބުރުގެ ދައުވާ ނުކުރެވޭނެކަމަށް އެމްޑީޕީން ބުނެފައި ނުވާނެކަމަށާއި އެހެންނަމަވެސް ޖިނާއީ ކަމެއްގެ ގޮތުގައި އަބުރުގެ ދައުވާ ކުރުމުކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވާ ބޭފުޅެއްކަމަށެވެ. އަދި އަބުރުގެ ދައުވާ ކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޕަބްލިކް ފޯރަމްތަކުގައި ވަކާލާތުވެސް ކުރައްވާއިރު، މިފަދަ ދައުވާއެއް ކުރެއްވުން ގަބޫލުފުޅު ކުރައްވަން އުނދަގޫކަމަށެވެ. ޝަރީފު ވިދާޅުވީ މިފަދަ އަބުރުގެ ދައުވާތައް ކުރައްވާނީ މުގާބޭއާއި ސައްދާމް ހުސައިންފަދަ ބޭފުޅުން ކަމަށެވެ.

މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނަޝީދުގެ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ނިސްބަތްކުރައްވައި ޝަރީފް ކުރެއްވި ޓުވީޓްގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން، ޝަރީފް ނަޝީދުގެ އަބުރާ ބެހުމުގެ އަމަލެއް ހިންގަވާފައިވާކަމަށް ކަނޑައަޅުއްވައިދެއްވައި، ނަޝީދުގެ އަބުރުފުޅަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް