ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 05:44
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
އަންހެނުންނަށް ކުރާ އަނިޔާ
އަމާޒަކީ 2030ގެ ނިޔަލަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުން :އެޗްއާރުސީއެމް
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް
މިއަހަރުގެ މިދުވަހުގެ ޝިއާރަކީ ޔުނައިޓް އެކްޓިވިޒަމް ޓު އެންޑް ވަޔަރލަންސް އެގެއިންސްޓް ވުމެން އެންޑް ގާލްސް

މިހާރު ކަނޑައަޅާފައިވާ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުންކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ން ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ އެޑްވޮކަސީ އޮފިސަރު ފާތުމަތު އަހުމަދު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމަށެވެ. ރާއްޖޭގައި މިދުވަސް ފާހަގަކުރުމަށް އާދިއްތަ ދުވަހު ހަރަކާތްތަކެއް ހިންގާނެކަމަށް ފާތުމަތު ވިދާޅުވިއެވެ.

މިއަހަރުގެ މިދުވަހުގެ ޝިއާރަކީ ޔުނައިޓް އެކްޓިވިޒަމް ޓު އެންޑް ވަޔަރލަންސް އެގެއިންސްޓް ވުމެން އެންޑް ގާލްސްއެވެ. ފާތުމަތު ވިދާޅުވީ މިއަހަރުގެ ޝިއާރުގެ ބޭނުމަކީ އެންމެން އެއްބައިވެ ގުޅިގެން އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކަށް ގެނައުމަށް މަސައްކަތްކުރުންކަމަށެވެ. އެގޮތުން އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތްކުރަންޖެހޭއިރު އާންމުންގެ އެހީތެރިކަންވެސް ބޭނުންވާކަމަށް ފާތުމަތު ވިދާޅުވިއެވެ.

ފާތުމަތު ވިދާޅުވީ އަންހެނުންނަށް އަނިޔާކުރާ މީހުންނާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށްވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާކަމަށެވެ. އެގޮތުން އެމީހުންގެ ފުރާނައަށްވެސް ގެއްލުންވާ ފަހަރު އަންނަކަމަށާއި އެހެންކަމުން ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ.

އަނިޔާލިބޭތަން ފެނުމުން އެކަން ރިޕޯޓްކުރަން އަދިވެސް ފަސް ޖެހޭކަމަށާއި އެއީ އާއިލީ މައްސަލައެއްގެ ގޮތުގައި ބައެއް މީހުން ދެކޭކަމަށް ފާތުމަތު ވިދާޅުވިއެވެ. އެކަމަށް މުޖުތަމައު ހޭލުންތެރިވާންޖެހޭކަމަށާއި އަނިޔާ ލިބޭނަމަ އެކަމެއް ކަމާބެހޭ ފަރާތަކާ ރިޕޯޓްކުރުމަކީ މުހިންމު ކަމެއްކަމަށް ފާތުމަތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް