ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 18:56
ޖީހާން މަހްމޫދު
ޖީހާން މަހްމޫދު
ރާއްޖެއެމްވީ
އަނިޔާކުރުން ހުއްޓުވުން
އަނިޔާކުރުން ހުއްޓުވުމަށް އިދާރާތަކުން ކުރާ މަސައްކަތްތަކުގައި ސިވިލް ސޮސެއިޓީގެ ބައިވެރިވުން މުހިންމު: ޖީހާން
އިދާރާތައް ރަނގަޅުކުރަން މަސައްކަތްކޮށް ޕްރެޝަރ ބޮޑުވާ ހިސާބުން، މޮނިޓަރ ކުރުން އުނދަނގޫ
ސިވިލް ސޮސެއިޓީގެ ބައިވެރިވުން ނެތި އެފަދަ މަސައްކަތްތައް ކުރާ ނަމަ އިދާރާތަކަށް އަންގާ އެންގުން ތަކަށް އަމަލު ކުރި ނަމަވެސް އެކަންކަން ބަލާ މޮނިޓަރ ކުރުމުގެ މަސައްކަތަށް ދަތި

އަނިޔާކުރުން ހުއްޓުވުމަށް އިދާރާތަކުން ކުރާ މަސައްކަތްތަކުގައި ސިވިލް ސޮސެއިޓީގެ ބައިވެރިވުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން މިފަދައިން ވިދާޅުވީ ނިޔާކުރުމާ ދެކޮޅަށް، ގުޅިގެން މަސައްކަތްކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެސޯސިއޭޝަން ފޯ ޕްރިވެންޝަން އޮފް ޓޯޗަރއާ އެޗްއާރްސީއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މައިގަނޑު މަޤްޞަދެކެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަނެ، އެޙައްޤުތައް އެންމެންނަށް ފޯރުކޮށްދީ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ކޮމިޝަނަށް ލާޒިމްކުރެއެވެ. އެހެންނަމަވެސް އެކި އިދާރާތަކަށް ޒިޔާރަތްކޮށް އިސްލާހު ކުރަން އަންގާ ކަންކަން އިސްލާހު ނުކޮށް ތަކުރާރުވާ މައްސަލަ ފެންމަތިވެއެވެ.

ޖީހާން ވިދާޅުވީ ސިވިލް ސޮސެއިޓީގެ ބައިވެރިވުން ނެތި އެފަދަ މަސައްކަތްތައް ކުރާ ނަމަ އިދާރާތަކަށް އަންގާ އެންގުން ތަކަށް އަމަލު ކުރި ނަމަވެސް އެކަންކަން ބަލާ މޮނިޓަރ ކުރުމުގެ މަސައްކަތަށް ދަތިވާ ކަަމަށެވެ. އަދި އެ މަސައްކަތް ހަރުދަނާކޮށް ކުރޭތޯ ބަލަން މުއައްސަސާތަކާއި ސުވާލުކުރުމަށް ވެސް ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ސިވިލް ސޮސެއިޓީގެ ދައުރު ވަރަށް މުހިންމު ކަމަށް ޖީނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮންމެ ސަރުކާރަކުން ވެސް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ރަނގަޅުކުރުމަށް ބޭނުންވި ނަމަވެސް، އިދާރާތައް ރަނގަޅުކުރަން މަސައްކަތްކޮށް ޕްރެޝަރ ބޮޑުވާ ހިސާބުން ގޮންޖެހުމަކަށް ވާކަމަށް ޖީހާން ވިދާޅުވިއެވެ. އެ ހިސާބުން އަނިޔާލިބުން ހުއްޓުވުމަކީ ހަމައެކަނި އިދާރާތަކުގެ މަސްޢޫލިއްޔަތެއް ކަަމަށް ބެލެވެން ފަށާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި އުނދަނގޫތަކާ ދިމާވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް