ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 12:33
އިރާން ޓީމު ޓްރެއިނިންގައި
އިރާން ޓީމު ޓްރެއިނިންގައި
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ދަނޑު ބޭރުގެ މައްސަލަތަކުން އިރާން މެޗަށް ނުކުންނާނީ ކުރީގެ ބަލި ހަނދާން ނައްތާލަން
ސަރްދާން އަޒްމޫން މުޅިން ފިޓުނޫނަސް މެޗުގެ ބޮޑުބައެއްގައި އޭނާގެ ބޭނުން ހިފާނެ

ވޭލްސްއާ ދެކޮޅަށް އިރާނު މިއަދު ނުކުންނަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތުމުގެ ހިތްދަތިކަމުގެ ހަނދާން ނައްތާލަމުންނެވެ. އެމީހުންނަށް ޓޭބަލުގެ ފުލުން އަރައިގަނެ، މުބާރާތުގެ ދެ ވަނަ ބުރަށް މިސްރާބުޖެހޭނީ މިއަދު ވޭލްސް ބަލިކޮށްގެންނެވެ. މިނޫން ނަތީޖާއެއް ނުކުމެއްޖެނަމަ، އަނެއްކާ ވެސް ޖެހޭނީ ފޮށިތަންމަތި ބަނދެ ގަތަރާ މާދުރު ނޫން ހިސާބުގައި އޮތް އަމިއްލަ ގައުމަށް ދަތުރު ފަށަން ތައްޔާރުވާށެވެ.

ކޯޗު ކާލޮސް ކުއެރޯޒް މިހެންވެ މިރޭގެ މެޗުގައި އެޓޭކިން ފުޓްބޯޅަ އަށް އިސްކަންދޭނެއެވެ. ޓީމުގެ ތަރި ސަރްދާން އަޒްމޫން މުޅިން ފިޓުނޫނަސް މެޗުގެ ބޮޑުބައެއްގައި އޭނާގެ ބޭނުން ހިފާނެއެވެ. އިނގިރޭސިން އީރާން ކޮޅަށް ހަ ލަނޑު ޖެހި މެޗުގައި ވެސް މެޗުގެ ފަހު 10 ވަރަކަށް މިނިޓަށް ކުޅެ ނުކުމެ ފޯވަޑް ލައިނުގައި އެންމެ ބޮޑު ތޫނުފިލިކަމެއް ދެއްކީ އޭނާއެވެ.

ރަޝިޔާ ވޯލްޑްގައި ވެސް ކުޅުނު ފަދައިން އިރާނުގެ ގޭމް ޕްލޭނަކީ އަދިވެސް އެކައްޗެކެވެ. އިރާނަށްވުރެ ވަރުގަދަ ކޮންމެ ޓީމަކާ ދެކޮޅަށް އެމީހުން ތިބެނީ ފަހަތުގައި މަޑުކޮށްގެން ފުރުސަތެއް ލިބޭތޯ ބަލަން ފާރައަށެވެ. މި ރޭވުމުގައި އިރާނަށް ކާމިޔާބު ހޯދޭނީ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރާނެ ސަރްދާރް އަޒްމޫން އާއި މެހްދީ ތެރެމީގެ ހުރި ހުޝިޔާރުކަމެއްގެ މައްޗަށެވެ. މިހެންވެ މިއަދު މި ދެ ކުޅުންތެރިންގެ އެންމެ މުހިންމު މެޗުކަން ކުއެރޯޒް ވަނީ ވިސްނައިދީފައެވެ.

އެއްދުވަސްވަރެއްގައި އޭޝިޔާގެ ގަދަ ބާރަކަށްވި ނަމަވެސް އިރާނުގެ ފުޓްބޯޅަ މިހާރު ކުރިނާރަނީ ދަނޑުބޭރުގެ މައްސަލަތަކާ ހުރެއެވެ. ހާއްސަކޮށް އިންޓަނޭޝަނަލް މުބާރާތްތަކަށް ހުންނަންޖެހޭ ރޭވުންތެރިކަމާއި، ޕްލޭންތައް ނެތުމުންނެވެ. ފުޓްބޯޅަ ފެޑަރޭޝަނުގެ ކަންކަން ބޮއްސުންލުމާއި އެކަށީގެންވާ ފެންވަރުގެ އެކުވެރިކަމުގެ މެޗުތައް ނުކުޅޭތީއެވެ. ގައުމުގެ ސިޔާސީ އަރައިރުންތަކާއި ފުޓްބޯޅައާ ގުޅުވާލާތީއެވެ. މި ފަދަ ކަންކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އިންގްލޭންޑް މެޗުގައި އިރާނު ޓީމު އޮތީ ގައުމީ ސަލާމް ކިޔަން ދެކޮޅު ހަދާފައެވެ. މިރޭ ވެސް އެކަން ތަކުރާރުކުރަން ބައެއް ކުޅުންތެރިން ވަނީ ނިންމާފައެވެ. ވޯލްޑްކަޕުގެ ކުރިން ކެނެޑާއާއެކު ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލްކުރަން ޖެހުނީ ވެސް ގައުމުގެ އެތެރޭގެ މައްސަލަތައް ހައްލުނުވެގެންނެވެ.

ވޯލްޑްކަޕް ކުޑަތަންވަމުން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަކު ނެތި ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ތައްޔާރީތަކަށް އެޅުނު ވަރަށް ބޮޑު ހުރަހަކަށްވިއެވެ. މިފަދަ ސަބަބުތަކާހުރެ ކުއެރޯޒް ވެސް ހުރީ ކުޅުންތެރިން އެމީހުން ބޭނުންގޮތަކަށް އަމަލުކުރުމަށް ހުއްދަދީގެންނެވެ.

- ކޮމެންޓް