ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 11:46
ޖަރުމަނުގެ ކޯޗު ކީޕަރު ނޯޔާއާ ވާހަކަ ދައްކަނީ
ޖަރުމަނުގެ ކޯޗު ކީޕަރު ނޯޔާއާ ވާހަކަ ދައްކަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޖަރުމަނު އޮތީ ވަރުގަދަކޮށް، ކީޕަރު ނޯޔާ އަށް ކުރާ އިތުބާރު ބޮޑު
ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޖަރުމަނު ދިޔައީ "ޗޮކުން"

ބްރެޒިލް ނަގާފައި ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ ޖަރުމަނު ވިލާތެވެ. ދެ ޖަރުމަނު ވަކިން އޮތް ދުވަސްވަރާއި އޭގެ ފަހުން އައި ޒަމާނުގައި ވެސް ޖަރުމަނަކީ ވަރުގަދަ ބާރެކެވެ.

އެމީހުން ވަނީ މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕްގެ ތަށި ހޯދާފައެވެ. ނަމަވެސް ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޖަރުމަނު ދިޔައީ "ޗޮކުން"ނެވެ. ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައިރު، ބައިކޮޅަށް ވަދެފައިވަނީ ފީކަޅާ ގޯލްތަކެކެވެ. މި ގޯލްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު، ކުއްލިގޮތަކަށް ޓީމާ ގުޅި ކުޅެން ފެށި ތަޖުރިބާކާރު ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ ހެދި ބޮޑެތި ގޯސްތައް ފާހަގަކުރެވުނަސް އެވާހަކަ ދައްކާކަށް ޖަރުމަނުގެ ގިނަ ބަޔަކު ބޭނުމެއްނުވިއެވެ. އަވަސްވެގަތީ އޭގެ ކުރީ ވޯލްޑްކަޕުގެ މޮޅު ކީޕަރުގެ މަގާމު ހޯދި ނޯޔާ ހެދި ގޯސްތަކާއި، އޭނާ ލައްވައި ކުޅުވަން ޖަރުމަނުން ކުރި މަސައްކަތަކަށް އަމާޒުވި ފާޑުކިއުންތަކަށް ފަސް އަޅައި ފޮރުވައިލުމަށެވެ.

މި ނަތީޖާ ތަކުރާތުވިޔަ ނުދިނުމަށް ތައްޔާރުވަމުން ދަނިކޮށް، މި ފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވާން ކުޅުނު އެންމެ ފަހު މެޗުގައި ޖަރުމަނަށް ނެރެވުނީ ހޭލައި ތިބެން މަޖުބޫރުވާފަދަ ނަތީޖާއެކެވެ.. އޭޝިޔާގެ ފުޓްބޯޅައިގައި އާދައިގެ ގައުމެއް ކަމަށްވާ އޮމާން އަތުން މޮޅުވެވުނީ ކިރިޔަ ކިރިޔާއެވެ. މިއީ ޖަރުމަނު ދޮރުގައި ކަޓިޖެހި ނުރައްކަލުގެ ރަނގަބީލެކެވެ. މި ހިތި ނަތީޖާ ބަދަލުކުރަން އެމީހުން މިރޭ ޖަޕާނާ ދެކޮޅަށް ނުކުންނަނީ މުޅިން އާ ހިތްވަރަކާއެކުއެވެ. ކުރިއާ ޚިލާފަށް، މި ވަގުތު ޓީމަށް ލިބިފައިވާ ހިތްހަމަޖެހުމަކީ ގޯލާ ރައްޓެހި ފޯވަޑުންތަކެއް ތިބުމެވެ. ޚާއްސަކޮށް އޮމާން ކޮޅަށް ގޯލްޖެހި ނިކްލަސް ފުލްކްރޫގަކީ މިވަގުތު ޖަރުމަނުގެ ބުންޑަސް ލީގާގައި ވެސް ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. އޭނާއާއެކު ކުރިއަށް ކުޅެން ދެން ތިބީ ލެރޯއީ ސާނޭ، ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ، ޒުވާން ފޯވަޑް ޔޫސޮފާ މައުކޯކޯ، ސާގް ގެނަބްރީ އަދި ކަރީމް އަޑެޔޭމީއެވެ. ކޯޗު ހަންސީ ފްލިކް ބަޔާން މިއުނިކްގައި ކާމިޔާބު ހޯދީ 4-2-3-1 އަށް ކުޅުވައިގެންނެވެ. މިހެންވެ، މިހުރިހާ ކުޅުންތެރިންނަށް އެއްފަހަރާ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ލިބުމުމަކީ ދުރުކަމެކެވެ.

ނަމަވެސް މި ފޯމޭޝަނަކީ އެޓޭކަށް ކުޅޭ ކުޅުންތެރިންނަށް އެމީހުންގެ ހުނަރުވެރިކަމާއި ޖާދޫ ދައްކައި ފްރީ ރޯލެއް ކުޅެން އެންމެ ރަނގަޅަށް އެނގޭ ފޯމޭޝަން ކަމަށް ފްލިކް ގަބޫލުކުރެއެވެ. ނަމަވެސް ބޯޅަ ލިބުމުން މި ފޯމޭޝަން 3-2-5 އަށް ނުވަތަ 3-1-6 އަށް ބަދަލުކުރުމުގެ ގާބިލްކަން އޭނާވަނީ ކުޅުންތެރިންނަށް އުނގަންނައިދީފައެވެ.

ކުރީގެ އެއްވަނަ މިޑްފީލްޑަރު ޓޯނީ ކްރޫސް ފަދަ ކުޅުންތެރިން ރިޓަޔާ ކުރި ނަމަވެސް މެދުތެރޭގައި ހާއެޅުމެއް ނެތެވެ. ޓީމުގެ މައިގަނޑު މައްސަލައަކީ ޑިފެންސް ލައިންގެ މައްސަލައެވެ. ފަހަތަށް ކުޅޭނެ އެއް ފެންވަރެއްގެ ހަތަރު ކުޅުންތެރިން ހޯދިފައިނުވާއިރު، ކޯޗު ބޭނުންވަނީ ފަހަތުން ކޮމާންޑްކުރާނެ ވަރުގަދަ ތަނބެކެވެ. މިކަމަށް މިވަގުތު އެންމެ ރަނގަޅީ ރެއާލް މެޑްރިޑްގެ އެންޓޯނިއޯ ރުޑިގާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޖިސްމާނީ ގޮތުންން ވެސް އޭނާ ވަރުގަދަވެފައި އިސްކޮޅު އެބަހުއްޓެވެ. މި މަގާމަށް ދެން ހުރި ކުޅުންތެރިއަކީ އަންދްރޭ ޝޫލާއެވެ. އެކަމަކު އޭނާ އަކީ ރުޑި ގާފަދަ ހުނަރުވެރިއެ އްނޫނެވެ. ނަމަވެސް ޓީމުގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ކޮބައިކަމެއް ހުދު ޖަރުމަނަށް ވެސް ވަނީ ނޭނގުމުގެ ތެރޭގައެވެ. މިހެންވެ ކޯޗު ހަންސީ ފްލިކް ކުޅުންތެރިންނަށް އިރުޝާދު ދީފައިވަނީ އިދިކޮޅަށް ކޮންމެ ޓީމެއް ނުކުތަސް، އެ ބަޔަކު އަންޑައެސްޓިމޭޓްނުކޮށް ޖަރުމަނުގެ އަމިއްލަ ވިސްނުމާއެކު މެޗުގެ ކޮންޓްރޯލް ހޯދުމަށެވެ.

ނަމަވެސް ސުވާލު އުފެދޭ ކަމަކީ އަނެއްކާ ވެސް ކީޕަރު ނޯޔާއެވެ. ދާދި ފަހުން އޭނާ އަށް ލިބުނު އަނިޔާއަކަށް ފަރުވާކުރުމަށްފަހު މުޅިން ފިޓްވެގެން ކުޅެން ފެށިތާ މާގިނަ ދުވަހެއް އަދިނުވެއެވެ. ނަމަވެސް ޖަރުމަނުން ތިބީ އޭނާ އަށް ފުރިހަމައަށް އިތުބާރުކޮށްގެންނެވެ.

- ކޮމެންޓް