ކ. މާލެ
|
8 އޯގަސްޓް 2025 | ހުކުރު 20:02
ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މޭޓްޒް
ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މޭޓްޒް
ގެޓީއިމޭޖަސް
އިސްރާއީލް-ޣައްޒާ
ޣައްޒާ ހިފަން ނިންމުމާއެކު، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓު ކުރުން ޖަރުމަނުވިލާތުން ހުއްޓާލައިފި
ޖަރުމަނުވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި ކަން އިއުލާނު ކުރަމުން ބުނީ ޣައްޒާ ގައި އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާ އާއި އެތައް ބަޔަކު ހައިހޫނުކަމުގައި މަރުވަމުންދާތީ، މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ކަމަށެވެ.

އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓު ކުރުން ޖަރުމަނުވިލާތުން ހުއްޓާލައިފިއެވެ.

ޖަރުމަނުން މިގޮތަށް ނިންމާފައި ވަނީ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަކަށް ހުއްދަދިނުމާ ގުޅިގެން، 22 މަސްދުވަހުގެ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް އިސްރާއީލަށް ޕްރެޝަރ ކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައެވެ.

ޗާންސެލަރ ފްރީޑްރިޗް މޭޓްޒް މި ނިންމުން ހުކުރު ދުވަހު އިއުލާންކުރެއްވީ، އިސްރާއީލުގެ ބަންދުކުރެވިފައިވާ ފަލަސްތީނު ސަރަހައްދުގެ އެންމެ ބޮޑު ސިޓީ ހިފުމުގެ ޕްލޭނަށް ވޯޓުދިންކަން ބަޔާންކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އިސްރާއީލުގެ ހަނގުރާމަތީ ކެބިނެޓުން ހުކުރު ދުވަހު މި ނިންމުން ނިންމި އިރު އޭގެ ކުރީ ދުވަހު، ނަތަންޔާހޫ ވަނީ ހަނގުރާމައިގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ބަނޑުހައިހޫނުކަމުގެ ކާރިސާ އަކަށް ވެއްޓި، ބައިނަލްއަގުވާމީ އިހުތިޖާޖުތައް އިތުރު ވަމުންދާ އިރު ވެސް، މުޅި ޣައްޒާ ސްޓްރިޕް އިސްރާއީލު ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

"މި ހާލަތުގައި، ޣައްޒާ ސްޓްރިޕްގައި ބޭނުން ކުރެވިދާނެ އެއްވެސް އަސްކަރީ އާލާތެއް އެކްސްޕޯޓް ކުރުން އިތުރު އެންގުމަކާ ހަމައަށް ޖަރުމަނު ސަރުކާރުން ހުއްދައެއް ނުދޭނެ،" ޗާންސެލަރ ވިދާޅުވިއެވެ.

އިސްރާއީލުގެ "އަމިއްލަ ދިފާއުގެ ހައްގު" އަދި ހަމާސް ގެ ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ތާއީދު ކުރަމުން ދިޔަ ނަމަވެސް، އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތަކަށް އިތުރަށް އަޅައިނުލާ ތިބެވެން ނެތްކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވިއެވެ.

"ޣައްޒާ ސްޓްރިޕްގައި އިސްރާއީލު ސިފައިން އިތުރަށް ހަރުކަށި ހަނގުރާމަވެރި ޢަމަލުތަކެއް ހިންގުމަށް އިސްރާއީލު ކެބިނެޓުން ރޭ ފާސްކުރުމާ އެކު އެ ލަނޑުދަނޑިތައް ހާސިލުވާނެ ގޮތް ދެނެގަތުމަށް ޖަރުމަނު ސަރުކާރަށް އިތުރަށް ދަތިވަމުންދޭ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާ ގައި އިސްރާއީލުގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށޭނެ ވަގުތު އަދި ސާފެއްނޫނެވެ. އެހެން ނަމަވެސް އެކަން ހިނގަން ފެށުމާއެކު އެތައް ހާސް ގިނަ ސިފައިން މޮބިލައިޒްކޮށް، މަޖުބޫރުން އާންމުން ނެރެން ފެށުމާއެކު، އިންސާނީ ކާރިސާ އިތުރަށް ގޯސް ވެގެން ދާނެ ކަން އެއީ ޔަގީން ކުރެވޭ ކަމެކެވެ.

ޣައްޒާ ގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި ހަނގުރާމައިގައި، 96 ކުދިން ހިމެނޭ ގޮތުން، 197 މީހުން ނިޔާވެފައިވަނީ ހައިހޫނު ކަމުގައެވެ. އޭގެ ސަބަބަކީ އިސްރާއީލުން އިންސާނީ އެހީގެ ސަޕްލައިތަކަށް ދަތި ކުރަމުން ދާތީއެވެ. އދ. ގެ އެސެސްމަންޓަކުން ވަނީ މި ސަރަހައްދުގައި ހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތި ވަމުންދާ ކަމަށް އިންޒާރުދީފައެވެ.

މޭޓްޒް ވަނީ އދ. ގެ އެންޖީއޯތައް ހިމެނޭގޮތަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކަށް ފުރިހަމަ އަދި ދެމެހެއްޓެނިވި އެކްސެސް ދިނުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.

"ރޭވިފައިވާ އޮޕަރޭޝަނާއެކު، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި އިސްރާއީލު ސަރުކާރުން ކުރިއަށް ވުރެ ބޮޑު ޒިންމާ އެއް އުފުލަން ޖެހޭނެ،" މޭޓްޒް އިތުރުކުރެއްވިއެވެ.

ބަޔާނުގައި މެޒް ވަނީ އިސްރާއީލުން ވެސްޓް ބޭންކް އެނެކްސް ކުރުމުގެ އެއްވެސް ފިޔަވަޅަކާ ދެކޮޅަށް އިސްރާއީލަށް އިންޒާރު ދެއްވާފައެވެ.

ޖުލައި މަހު، އިސްރާއީލުގެ ޕާލިމަންޓުން ވަނީ ވެސްޓް ބޭންކް އެނެކްސް ކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

2023 އޮކްޓޯބަރުން 2024 މެއި މަހާ ހަމަ އަށް، ޖަރުމަނުވިލާތުން ވަނީ އިސްރާއީލަށް 485 މިލިއަން ޔޫރޯ (564 މިލިއަން ޑޮލަރު) ގެ ހަތިޔާރު އެކްސްޕޯޓް ލައިސަންސް ދޫކޮށްފައެވެ. މިއީ އިސްރާއީލްގެ މައިގަނޑު ހަތިޔާރު ސަޕްލަޔަރުންގެ ތެރެއިން އެއް ގައުމެވެ.

- ކޮމެންޓް