އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.
އީދުގެ ތަހުނިޔާގެ ހިތާބުގައި ކޮމިޝަނަރ ވިދާޅުވެފައިވަނީ ޢީދާ ގުޅިގެން އެކި ތަންތަނަށް ދަތުރުފަތުރުކުރުން ގިނަވެގެންދާއިރު މިއީ އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނިވެ އެނގި ތަޢާރުފުވުން އިތުރުވެގެންދާ ކަމެއް ކަމަށެވެ.
ހަމަ އެހެންމެ މިއީ މޫސުމުގެ ފުރޮޅުންތަކާއި، ރަށްރަށުގެ އިޖުތިމާޢީ މާޙައުލަށް ބަލައި ރައްކާތެރި ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށާއި އެންމެންގެ ސަލާމަތާއި މަޞްލަޙަތަށްޓަކައި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ތަބާވެ މި ފަދަ ކޮންމެ ފުރުޞަތެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ޢީދަކީ ރޯދައިގެ މަތިވެރި އަޅުކަމަށް ފަހު، އަދި އެ މާތް އަޅުކަމުން ލިބުނު ވަރުބަލިކަމަށްފަހު، އަޅުގަނޑުމެންނާ ބައްދަލުކުރާ އިޙްތިފާލެއް ކަމަށްވާއިރު މަޤުޞަދަކީ، ދޭދޭ ގުޅުންތައް ބަދަހިކުރުމާއި ހިތްހެޔޮކަން ރައްދުކުރުން ކަމަށް ކޮމިޝަނަރގެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމީ އަޚުވަންތަކަން ދިރުވައިއާލާކުރުމާއި ޢާއިލާގައި، ރަށުގައި އަތޮޅާއި މުޅި ޤައުމުގައި ލޯތްބާ ކުލުނު އާންމުކުރުމުގެ އިތުރުން އިސްލާމުންގެ މަތިވެރި އަޚްލާޤު މުޅި ދުނިޔެއަށް ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދަށާއި، ދިވެހި އެންމެހައި ފުލުހުންނަށް އަރިސްކުރައްވާފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ މަދަނީ އެހެނިހެން މުވައްޒަފުން ވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި، އަދި އަޅުގަނޑުމެން އެންމެންގެ ލޮބުވެތި އާއިލާތަކާއި، ދިވެހި އެންމެހައި ރައްޔިތުން ހިމެނޭ ގޮތުންވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. .