އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ ރޭހުގައި އެންމެ ކުރީގައި އުޅުއްވާ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ރިޝީ ސުނާކް ބައްދަލު ކުރައްވައި މަޝްވަރާކުރެއްވި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފިއެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން ދެ މަސްދަރަކުން ވަނީ އެކަން އެ ނޫހަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބޮރިސް އަދި ސުނާކްގެ ފަރާތުން ވެސް އެކަމުގައި ބަހެއް ލިބިފައިވާ ނުވާ ކަމަށް ބީބީސީން ބުނެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އައު ބޭފުޅަކު އައްޔަން ކުރުމަށް ކެނޑިޑޭޓުން ނޮމިނޭޓު ކުރުމަށް މަސައްކަތް ފަށާފައިވަނީ ލިޒް ޓްރަސް އެންމެ ހަ ހަފްތާއަށްފަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމަގާމަށް މިހާރު ވާދަކުރައްވާ ތިން ބޭފުޅުންގެ ތެރެއިން ކުރީގައި އުޅުއްވަނީ އެ ކަމަނާ އާ އެކު ވާދަކުރެއްވި ރިޝީ ސުނާކްއެވެ.
ސުނާކް އަށް 128 މެމްބަރުންގެ ތާއީދު ލިބިފައިވާ ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ބުނެފައިވާއިރު ބޮރިސްގެ ކެމްޕޭން ޓީމުން ބުނެފައިވަނީ އޭނާއަށް 100 މެމްބަރުންގެ ތާއީދު ލިބިފައިވާ ކަމަށެވެ. ނަމަވެސް ބީބީސީއަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ބޮރިސްއަށް ތާއީދު ކުރަނީ 53 މެމްބަރުންނެވެ.
ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާ ތިންވަނަ ކެނޑިޑޭޓް ކަމަށްވާ ޕެނީ މޯރޑޯންޓް އަށް ތާއީދު ކުރަނީ އެންމެ 23 މެމްބަރުން ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ބޮރިސް އާއި ސުނާކް ބައްދަލު ކުރެއްވީ ހޮނިހިރު ދުވަހު ބޮރިސް ޗުއްޓީ ނިންމަވާލެއްވުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނެވެ.