ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 08:28
ރާއްޖޭގެ ވިދާދު އާއި ފައިނާޒް
ރާއްޖޭގެ ވިދާދު އާއި ފައިނާޒް
ކެރަމް އެސޯސިއޭޝަން
ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް
ރާއްޖޭގެ ވިދާދު އާއި ފައިނާޒްގެ ޕެއާ އަށް ލޯ މެޑަލް
އެ މެޗުގައި ރާއްޖެއިން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދީ 2-1 އިން.

މެލޭޝިޔާގައި މިހާރު ކުރިއަށް ދާ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި އަންހެން ޑަބަލްސް ބައިން ރާއްޖޭގެ އައިމިނަތު ވިދާދު އާއި އައިޝަތު ފައިނާޒްގެ ޕެއާ ލޯ މެޑަލް ހޯދައިފިއެވެ.

މުބާރާތުގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗުގައި ރާއްޖެއިން ވާދަކުރީ ސްރީ ލަންކާއާއެވެ. އެ މެޗުގައި ރާއްޖެއިން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. ތިން ވަނަ ހޮވާ މެޗު ކުޅެން ރާއްޖެ އަށް ޖެހުނީ ސެމީ ފައިނަލުން ބަލިވުމުންނެވެ. ވިދާދު އާއި ފައިނާޒްގެ ޕެއާ ސެމީ ފައި ބަލިވީ، އިންޑިއާގެ ރަޝްމީ އަދި ނީލަމްގެ ޕެއާ އަތުންނެވެ.

ވާދަވެރިކޮށް ދިޔަ މެޗުގެ ފުރަތަމަ ގޭމު ކާމިޔާބުކުރީ ލަންކާ އިންނެވެ. ލަންކާގެ ރިބެކާ އާއި މަދުވަންތީގެ ޕެއާ އިން ފުރަތަމަ ގޭމު ހޯދީ 25-3 އިންނެވެ. ނަމަވެސް ރާއްޖެއިން ވަނީ ދެ ވަނަ ސެޓު ކާމިޔާބުކޮށް އުންމީދެއް ހޯދާފައެވެ. ވިދާދު އާއި ފައިނާޒް ދެ ވަނަ ގޭމު ހޯދީ 4-25 އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ގޭމުގައި ލަންކާ އިން ބޮޑު ލީޑެއް ހޯދިއެވެ. އެއީ 21-3 އިންނެވެ. ނަމަވެސް ރާއްޖޭގެ ވިދާދު އާއި ފައިނާޒް ވަނީ މޮޅު ކުޅުމެއް ދައްކައި ގޭމު ރާއްޖެ ކޮޅަށް އަބުރާލާފައެވެ. އެއީ ހަ ވަނަ ބޯޑާއި، ހަތް ވަނަ ބޮޑު އަދި އަށް ވަނަ ބޯޑުންނެވެ. ރާއްޖެއިން ގޭމު ކާމިޔާބުކުރީ 21-22 އިންނެވެ.

ރާއްޖޭގެ އަންހެން އަނެއް ޕެއާ އަށް ނާކާމިޔާބުވެފައިވަނީ ކުއާޓާ ފައިނަލުންނެވެ. އެ ޕެއާގައި ރާއްޖޭގެ އާމިނަތު ވިޝާމާ އަދި އައިޝަތު ނަހުފާ ވާދަކުރީ އިންޑިއާގެ ކާޖަލް ކުމާރީ އަދި ދިބާޖަނީގެ ޕެއާއާއެވެ. އެ މެޗުން ރާއްޖެ ބަލިވީ 25-18 އަދި 25-13 އިންނެވެ.

ފިރިހެން ޑަބަލްސްގައި އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އިސްމާއިލް އަޒްމީން އަދި އާދަމް އަދީލްގެ ޕެއާ ބަލިވީ ގަދަ 16 ވަނަ ބުރުންނެވެ. އެ ބުރުގައި މި ޕެއާ ވާދަކުރީ ސްރީ ލަންކާގެ އުޑޭޝް ޕެރެރާ އަދި ސޫރަޖްގެ ޕެއާއާއެވެ. އެ މެޗުން ރާއްޖެ ބަލިވީ 25-9 އަދި 26-6 އިންނެވެ.

ރާއްޖޭގެ އިބްރާހިމް ހުޖާން އަދި މުޙައްމަދު މުންތަސިރު ވަނީ ގަދަ 16 ކާމިޔާބުކޮށް، ކުއާޓާ އަށް ދަތުރުކޮށްފައެވެ. މި ޕެއާ ކުއާޓާގައި ބަލިވީ އިންޑިއާގެ ސްރިނިވާސް އަދި ސަންދީޕް އަތުން 25-0 އަދި 25-0 އިންނެވެ.

މުބާރާތުގައި އަންގާރަ ދުވަހު ކުރިއަށް ދާނީ ޓީމު އިވެންޓުތަކެވެ.

- ކޮމެންޓް