ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 12:13
ރައްޔާންގެ މަރާ އިޒްރޭލުން ހިންގަމުންދިޔަ ސަރޗް އޮޕަރޭޝަނާ ސީދާ ގުޅުމެއް އޮތްކަމުގެ ކަށަވަރު ހެތްކެއް އަދި ނެތްކަމަށް ބުނެ، އިޒްރޭލުން އޮތީ ހަމަޖެހިލައިގެން
7 އަހަރުގެ ރައްޔާން ސުލައިމާންގެ މަރު
7 އަހަރުގެ ރައްޔާންގެ މަރަކީ އިޒްރޭލުން ހިންގި މުޑުދާރު ޖަރީމާއެއް!
ރައްޔާންގެ ހަށިގަނޑުގައި ޖިސްމާނީ އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް، މަރުވިކަމަށް ބެލެވޭ ސަބަބަކީ ހާރޓް ފެއިލްވުންކަމަށް ބާރުލިބޭ
ގަތް ބިރާއެކު އެ މައުސޫމު ހިތުގެ ހިނގުން ހުއްޓި، ވަގުތުން މަރުވި
ގެއާ ހިސާބަށް ދެވެންދެން އިޒްރޭލުން ދިޔައީ ދަރިވަރުންތައް ފަހަމުން، ގެއާ ހިސާބަށް އާދެވުމުން އިޒްރޭލުން ބޭނުންވީ ރައްޔާންގެ 2 ބޭބެ ހައްޔަރު ކުރަން

21 ވަނަ ގަރުނުގެ ތަރައްގީގެ ރޭހުގައި ދުނިޔޭގެ އެކި މަންޒިލްތައް ކުރިއަރަމުން ދިޔަ ކަމުގައި ވީނަމަވެސް، އެންމެ އަސާސީ އިންސާނީ ހައްގުކަމުގައިވާ ދިރިހުރުމުގެ ހައްގުން މަހުރޫމުވަމުންދާ ބަޔަކުވެސް މި ބިންމަތީގައި ތިބިކަން މިއަދު ހަނދާންހުންނަނީ މަދު ބައެކެވެ. ޒަމާނީ ޑިމޮކްރަސީއާއި އެނޫންވެސް ފަލްސަފާތަކުގައި ހިފައިގެން ގައުމުތަކުން ތަރައްގީގެ ރާސްތާ ކަޑައްތުކުރަމުން ދާއިރު، އެއް ގޮތަށްވުރެ ގިނަ ގޮތުން ފިއްތާލެވިފައިވާ ފަލަސްތީނު އަދިވެސް އޮތީ ޔަހޫދީ އިޒްރޭލުގެ ލާއިންސާނީ، އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައިކަން ހަނދާން ހުންނަނީ މަދު ބައެކެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކަތަކުން ވާހަކައެކެވެ. ކުޑައެއް ބޮޑެއް އެކަމުގައި ނެތްކަން މި ހާދިސާއިން ވެސް ސާބިތުކޮށްދެއެވެ.

އެއީ ސެޕްޓެމްބަރު 29 ވީ ބުރާސްފަތި ދުވަހެވެ. އުމުރުން އެންމެ 7 އަހަރުގެ ރައްޔާން ސުލައިމާން، އެކުވެރި ދަރިވަރުންނާއެކު ތުޤޫ އަވަށުގައި މިސްރާބުޖަހާފައިހުރީ ސްކޫލް ނިންމާލުމަށްފަހު ގެއާ ދިމާއަށެވެ.

ރައްޔާންއަކީ ވަރަށް ރަނގަޅު ދަރިވަރެއް. ޓީޗަރުންވެސް އަބަދުވެސް ރައްޔާންއަށް ވަރަށް ތައުރީފުކުރާނެ.
ޤުސާއީ ޚަލީލު؛ ރައްޔާންގެ ކުލާސް ކުއްޖެއް

އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ވަކާލާތުކުރަމުންދާ އެތައް ބައެއްގެ ލޮލުގެ ކުރިމަތީގައި ފާޅުގައި ލާއިންސާނީ ޖަރީމާ ހިންގަމުންދާ އިޒްރޭލުގެ ވަކިތަކުގެ ޝިކާރައަކަށް ރައްޔާން ވީ އެ ވަގުތުއެވެ. އިޒްރޭލުގެ ފައުޖުތަކުން ދިޔައީ ރައްޔާނާއި އޭނާގެ އެކުވެރިން ފަހައި ދުވަމުންނެވެ. ރައްޔާން ދިރިއުޅެމުންދިޔަ ގެއާ ހިސާބަށް ދެވެންދެން އެކަން ދިޔައީ އެ ގޮތަށެވެ.

މި ޖަރީމާއަށް ދުނިޔެ ހެކިވިޔަދީ. ރައްޔާނަކީ ދަރިވަރެއް. ދުނިޔޭގަ ތިބި އެހެން ކުދިން ފަދައިން ދިރިއުޅެން ބޭނުންވި ކުއްޖެއް. އޭނަ އެ ދިޔައީ އޭނަގެ ދަބަސް ދޫކޮށްފަ.
ފުއާދު ސުލައިމާން؛ ރައްޔާންގެ ތިމާގެ މީހެއް

ރައްޔާނަށް ކިރިއާ ގެއާ ހިސާބަށް ދެވުނުކަމެވެ. ގެންފައި ހުރި ބިރުން އެ މައުސޫމު ހިތުގެ ހިނގުން ހުއްޓި، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލިއެވެ. ބަޑިއެއްގެ ވަޒަނެއް އަދި އުންޑައެއް އަމާޒުނުވިނަމަވެސް، އެ ތުއްތު ހިތުގައި އެޅީ ގަދަ ވޭނެކެވެ. އެ ހިތުގައި ލީ ފުން ޒަޚަމެކެވެ.

އަހަރެންގެ ދަރިފުޅު އޭރު ގެއަށް އަންނަ މަގުމަތީގަ އުޅުނީ، އެހެން ދަރިވަރުންނާ އެކީ. އިޒްރޭލު އަސްކަރިއްޔާ އޭރު އެ ސަރަހައްދުގަ އުޅޭ. އެކަމަކު، އެ ސަރަހައްދުގަ އެއްވެސް ކަހަލަ ކުރިމަތިލުމެއް ނެތް. އަހަރުމެންގެ ގެއާ ހިސާބަށް އާދެވެންދެން އިޒްރޭލުން ދިޔައީ ދަރިވަރުންތައް ފަހަމުން. ގެއާ ހިސާބަށް އާދެވުނީމަ އިޒްރޭލުން ބޭނުންވީ ރައްޔާންގެ 2 ބޭބެ (އަހަރެންގެ ދޮށީ 2 ދަރިން) ހައްޔަރުކުރަން. ހައްޔަރުކުރާ ގޮތުގެ އިޖުރާއަތު އިވުނީމަ، ރައްޔާން ދިޔައީ އަހަރުމެންގެ ގެއަށް ދެން ވަދެވެން އޮންނަ ދޮރޯއްޓާ ދިމާއަށް. އޭނަ ހުރީ ބިރުން ހަލާކުވެފަ. ދެން އަހަރެންނަށް އޭނަ ފެނުނުއިރު އޮތީ ހުރި ތަނަށް މަރުވެގެން ވެއްޓިފަ.
ޔާސިރު ސުލައިމާން؛ ރައްޔާން ސުލައިމާންގެ ބައްޕަ

ރައްޔާންގެ ބައްޕަ ޔާސިރު އޭނާގެ ދަރިފުޅަށް ވީ ގޮތް ކިޔައިދޭ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެއެވެ. ޔަހޫދީ އިޒްރޭލުން އެ ވާހަކަތަކަށް އިންކާރުކުރެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލަށް ފާޅުގައި ތާއީދުކުރަމުންދާ، އަދި ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީކަމަށް ވަކާލާތުކުރާ އެމެރިކާއިން ވަނީ ރައްޔާންގެ މަރުގެ ހާދިސާއާ ގުޅިގެން ހިތާމަކުރާކަމަށާއި، ހާދިސާގެ ތަހުގީގެއް ހިންގަންޖެހޭކަމަށް ގޮވާލާފައެވެ.

ރައްޔާންގެ ހަށިގަނޑު ބެއްލެވި ސިއްހީ އޮފިޝަލަކު ރޮއިޓަރޒްއަށް ވިދާޅުވީ، ރައްޔާންގެ ހަށިގަނޑުގައި ޖިސްމާނީ އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ. އަދި މަރުގެ ސަބަބެއްކަމަށް ބެލެވޭ ސަބަބަކީ، ހާރޓް ފެއިލްވުންކަމަށް ބާރުލިބޭކަމަށެވެ. ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ރައްޔާންގެ މަރުގެ ހާދިސާ ކުށްވެރިކޮށްފައެވެ. އަދި އެއީ އިޒްރޭލުން ހިންގި، "މުޑުދާރު ޖަރީމާއެއް" ކަމަށް ވަނީ ސިފަކޮށްފައެވެ.

މިފަދަ ކޮންމެ ހާދިސާއަކާ ގުޅިގެން ކަން ހިނގާ އުސޫލުން، މި ފަހަރުވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވާހަކަދެއްކިއެވެ. ކުޅުނީ ދިފާއަށެވެ. އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނަކު އާންމުކުރި ކިތާބީ ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ ފައުޖުތަކުން ފަލަސްތީނުގެ އަވަށެއްގައި ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށާއި، އެ ބަޔަކީ ސައިކަލުގައި ދިޔަ ބަޔަކަށް އޮށްގަލުން ހަމަލާދިނުމަށްފަހު ފިލައިގެން އުޅުނުކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ ބައެއްކަމަށެވެ.

އިޒްރޭލުން ހިންގަމުންދިޔަ ސަރޗް އޮޕަރޭޝަނާ ރައްޔާންގެ މަރާ ސީދާ ގުޅުމެއް އޮތްކަމުގެ ކަށަވަރު ހެތްކެއް އަދި ނެތްކަމަށް ބުނެ އިޒްރޭލުން އޮތީ ހަމަޖެހިލައިގެންނެވެ.

އެއީ ހަމަ ދުނިޔޭގެ އެހެން ހިސާބުތަކުގަވެސް ދިރިއުޅޭ ކަހަލަ ކުއްޖެއް. އެކަމަކު އިސްތިއުމާރީ، ލާއިންސާނީ އިޒްރޭލުގެ ސިފައިން އެ ކުއްޖާ ބިރުގަންނަވާލީ. މަރާލީ. އެ ކުއްޖާގެ މައިންބަފައިންގެ ލޯ ކުރިމަތީގަ.
ފުއާދު ސުލައިމާން؛ ރައްޔާންގެ ތިމާގެ މީހެއް

ފަލަސްތީނުގެ ވާހަކަ ތަފާތެވެ. ހާދިސާ ހިނގިކަމަށް ބުނާ ވަގުތުގައި، އޮށްގާއުކުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާކަމަށް، ފަލަސްތީނުގެ އާންމު ރަށްވެހިން ބުނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ، ހާދިސާ އިތުރަށް މުރާޖާކުރަމުން ދާކަމަށް ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްޕަރސަން ވިދާންތު ޕަޓޭލް ވިދާޅުވީ، ފަލަސްތީނުގެ މައުސޫމު ކުއްޖެއްގެ މަރާއެކު އެމެރިކާވެސް "ހިތް ހަލާކުވެފައި"ވާ ކަމަށެވެ.

ރައްޔާންގެ ޖަނާޒާ ބާއްވާފައިވަނީ ސެޕްޓެމްބަރު 30 ވީ ހުކުރު ދުވަހުއެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޖަނަޒާގައި ބައިވެރިވެފައެވެ. އަދި އެ މަންޒަރު ސޯޝަލް މީޑިއާގައި ދައުރު ވަމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ދަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ރައްޔާންގެ އާއިލާއަށް ހަމްދަރުދީ ފޮނުވަމުންނެވެ.

- ކޮމެންޓް