މިއަހަރުގެ ފިތުރު އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި (މާފަންނު ސްޓޭޑިއަމް) ގައި ކުރުމަށް ހަމަޖެހިފައިވަނީ މޫސުން ތަން ދޭނަމަ ކަމަށެވެ.
މާފަންނު ސްޓޭޑިއަމްގައި ފިތުރު އީދު ނަމާދު ކުރުމަށްޓަކައި އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނި ބުނެފައެވެ. އީދު ނަމާދު ސްޓޭޑިއަމްގައި ކުރިނަމަވެސް މާލޭގެ އެހެން މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މާލޭގެ 15 މިސްކިތެއްގައި ޖަމާއަތުގައި އީދު ނަމާދު ކުރާނެއެވެ. ވިލިމާލޭގައި ބޮޑުޖަމާޢަތުގައި އީދު ނަމާދު ކުރާނީބޯޅަދަނޑުގައެވެ. ވިލިމާލެ މަސްޖިދުއްސަލާމް ގައިވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ސެންޓްރަލް ޕާރކްގައެވެ. މީގެ އިތުރުން މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީއާއި ހުޅުމާލެ ވަގުތީ މިސްކިތުގައި އީދު ނަމާދު ކުރާނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ 2012 ވަނަ އަހަރުގައިއެވެ. މާފަންނު ސްޓޭޑިއަމްގައި އެފަހަރު ބޭއްވި އީދު ނަމާދުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެތައް ހާސް އާންމުން ބައިވެރިވިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހުއެވެ.