ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 00:43
އިނގިރޭސވިލާތުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކް (މެދުގައި)
އިނގިރޭސވިލާތުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކް (މެދުގައި)
ރޮއިޓަސް
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމު
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އެ ޤައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކް ވާދަކުރައްވަން ނިންމަވައިފި
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވީ މަޖުބޫރުވެވަޑައިގެން
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު
ބޮޑުވަޒީރު ކަމަށާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވާދަކުރައްވާނެ ކަން ރިޝީ ސުނާކް އިއުލާން ކުރެއްވީ ހުކުރު ދުވަހު

އިނގިރޭސިވިލާތުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކް އެ ޤައުމުގެ ބޮޑު ވަޒީރުކަމަށް ވާދަކުރައްވާކަން އިއުލާން ކުރައްވައިފިއެވެ.

ރިޝީ ސުނާކް މިގޮތަށް އިއުލާން ކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުކުރު ދުވަހު ޓްވީޓު ކުރެއްވި ވީޑިއޯއެއްގައެވެ. ބޮޑުވަޒީރު ކަމާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާކަން އިއުލާން ކުރެއްވުމަށްފަހު ރިޝީ ވަނީ ޓްވިޓާ އެކައުންޓުގެ ނަން "ރެޑި ފޮ ރިޝީ" އަށްވެސް ބަދަލު ކުރައްވައިފައެވެ.

ރިޝީ ޓްވީޓް ކުރެއްވި ވީޑިއޯގައި ވަނީ އިތުބާރު އަލުން ހޯދައި އިގްތިސާދު އިއާދަކޮށް މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަން އަލުން އުފެއްދުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި މިވަގުތު ރަނގަޅު ނިންމުންތައް ނިންމޭނެ މީހަކު ބޭނުންވާ ކަމަށާއި ކޮންޒަވޭޓިވް ޕާޓިގެ ލީޑަރު ކަމަށާއި ބޮޑުވަޒީރުކަމަށް ވާދަ ކުރައްވަނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮރިސް ޖޯންސަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އާއްމުން ހިތްހަމަނުޖެހޭފަދަ ގިނަ ވާހަކަތަކެއް ފެތުރިގެން ދިއުމާއި، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ސަޕޯޓް ގެއްލިގެން ދިއުމާއެކު އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވެ. އެމަނިކުފާނުގެ ސަރުކާރުން، ކެބިނެޓް މިނިސްޓަރުންނާއި މަޖިލީސް މެމްބަރުން ހިމެނޭހެން 50އަށްވުރެ ގިނަ އިސް މެމްބަރުން، މަގާމުން އިސްތިއުފާދެއްވާފައިވާއިރު، މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާދެއްވަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިއާއެކު ބޮރިސް ޖޯންސަން ވަނީ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައެވެ.

މަގާމުން އިސްތިއުފާދެއްވަމުން ބޮރިސް ޖޯންސަން ވަނީ، ގައުމުގެ އައު ބޮޑުވަޒީރު އައްޔަންކުރުމުގެ މަސައްކަތް މިހާރު ފަށަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އައު ބޮޑުވަޒީރަކު އައްޔަނުކުރެއްވެންދެން މަގާމުގައި މަޑުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޝީ ސުނާކް އަކީ ބޮރިސް ޖޯންސަންގެ ބޮޑުވަޒީރުކަމުގައި އެމަނިކުފާނުގެ ކެބިނެޓުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެހެން ބައެއް ވަޒީރުންނާއެކު އަންގާރަ ދުވަހުއެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބާއި އޭގެ ގަވާއިދު އަންނަ ހަފްތާ ތެރޭގައި އާއްމު ކުރާނެއެވެ. ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާނީ މި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެކެވެ.

- ކޮމެންޓް