"އިންޑިއާއައުޓް" ހަރަކާތަކީ އެއްބައެއްގެ ގޮތުގައި އޮތް ދެޕާޓީއަކުން ވަރަށް ފުޅާ ކުރެވޭތޯ އުޅޭ ހަރަކާތެކެވެ. އެކިއިރު އެކި އުކުޅުތައް ބޭނުންކޮށްގެންނެވެ. ބައެއް ފަހަރަށް އެހަރަކާތް ކާމިޔާބު ވެއްޖެޔޭ، އިންޑިއާ އައުޓް ވެއްޖެޔޭ އިސްވެރިން ގޮވާއަޑު އިވެއެވެ. ހަމަ އެނޭވާގައި އަނެއްކާވެސް އެހަރަކާތް ވަރުގަދަ ކުރާ ވާހަކަ މާ ބާރަށް ބުނެއެވެ.
ޕީޕީއެމްގެ ތެރޭގައި ހުރެ އެޕާޓީގެ މެމްބަރު ސްޓެޕް އައްޔަ ބުނެފައިވަނީ އެއީ އިންތިޚާބު ތަކަށް ފައްކާ ކުރާ ކަމެއް ކަމަށެވެ. އަދި އެއީ މިސްރާބެއް ނެތް ހަރަކާތެއް ކަމަށާއި ވަކިބައެއްގެ އަމިއްލަ އެދުމެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
ޕާޓީގެ އަނެއްބަޔަކު ބުނަނީ މިކަމުގައި ހަނާވަނީ އާއްމު މެމްބަރުން ކަމަށެވެ. އިސްވެރިންތިބެނީ ގޭގައި ފިނިކޮޓަރީގައި ކަމަށާއި މުޒާހަރާގައި ބައިވެރިވެލަން ކެރެނީ އާދައިގެ މަދު މެންބަރުން ކޮޅަކަށް ކަމަށެވެ.
ފެންނަ މަންޒަރުތަކަށް ބަލާއިރު އެވާހަކަތައް މުޅިއަކުން ދޮގެކޭ ބުނެވޭކަށް ނެތެވެ. ޕީޕީއެމް ވެރިކަމުގައި އޮތްއިރު، ތިބި ވަޒީރުންތަކާއި ވަރުވަރުގެ ކޯޑިނޭޓަރުންގެ ހިލަމެއްނެތެވެ. އަދުރޭމެން ކަހަލަ މަދު ބަޔަކު ރައީސް ޔާމީން ބައިވެރިވާ ޖަލްސާއަކަށް ބޯދިއްކޮށްލި ނަމަވެސް ޕެނަޑޯލް ބަންދު ކުރުމާއި ކަދުރު ޕެކެޓްތަކުގައި ލޭބަލް ތަތްކުރަން އުޅުނު މީހުން ކޮޅުވެސް ނުފެނެއެވެ. މުޒާހަރާތަކުގައިވެސް މުޅިން ފެންނަނީ އިއްޔެ މެންދުރުގެ އާ ބައެކެވެ. ނުވަތަ އަޑުއިވޭގޮތުގައި ލާރިކޮޅެއް ދީގެން ނެރޭ މަދު އާންމު ފަރުދުން ކޮޅެކެވެ. މުޒާހަރާ ރޫޅާލަން ޖަހާ ސްޕްރޭ ކޮޅުވެސް ދަނީ އެމީހުން ލޮލަށެވެ. ފުލުހުންގެ ހައްޔަރަށްވެސް ގެންދަނީ އެމީހުންނެވެ. ބޮޑެތި މީހުން ބުނެގެން ބައެއް ފާރުތަކުގައި އިންޑިއާއައުޓް ޖަހައިގެން ހައްޔަރުވީވެސް ހަމަ އޭގެ ބައެކެވެ. އިސްމީހުން ބޮނދާ ތިބީ ފިނިކޮޓަރީގައެވެ. އެހެން ޕާޓީތަކުން ބޭއްވި މިފަދަ މުޒާހަރާތަކާ ޚިލާފަށް އިސްމީހުންގެ ދައުރެއް މިކަމުގައި ފެންނާކަށް ނެތެވެ.
މިފަދަ ގޮތަކަށް ނުމިޔަ ނުދިރި ކުރިއަށްދާ މި ހަރަކާތުގައި އަނެއްކާވެސް މުޅިން އާކަމެއްވެސް މިވަނީ ފެންނަން ފަށާފައެވެ. "ތަފާތު ވާނެ" އޭ ބުނެ ބޭއްވި މިމުޒާހަރާގައި ތަފާތު ކަމަކަށް ފެނުނީ މުޒާހަރާގެ ބައިވެރިން މާސްކް ތަކެއް އަޅައިގެން ތިބުމެވެ. ސަރުކާރު ކޯލިޝަންގެ ވެރިންގެ ފޮޓޯއިން ހަދާފައިވާ ކަރުދާސް މާސްކް ތަކެކެވެ.
މިގޮތަށް މާސްކް ތަކެއް ބޭނުންކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާއެވެ. އެއްބަޔަކު ބުނަނީ އިންޑިއާ އައުޓް ފަނުފުލުން ދިޔައީއެވެ. އަނެއް ބަޔަކު ބުނަނީ ކާކުކަން އެނގޭގޮތަށް ފެންނަން ނުކެރެނީއެވެ.
ކޮންމެއަކަސް ތަފާތު އުކުޅެއްގެ ގޮތުގައި މިކުރަންފެށި ކަންތައްތަކުގެ ހަޤީގީ ސިއްރެއް އަދި ހާމައެއް ނުވެއެވެ. ނޫނީ ކުރަން މިއުޅެނީ އަސްލު ކީއްކަމެއް ނޭނގެއެވެ. އަދި އިނގޭނެއެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.