ކ. މާލެ
|
6 ޖެނުއަރީ 2025 | ހޯމަ 09:13
ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުالله ޚަލީލް
ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުالله ޚަލީލް
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
ވަޒީރު ޚަލީލް އެވެ. "ޢަދަވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން!"
މީހަކު މީހަކަށް ނުކުރާ ވަރަށް ވަޒީރު ޚަލީލް އިންޑިއާ އަށް ތައުރީފު ކުރައްވައި، ޝުކުރު އަދާ ކުރައްވައި، ހުޝާމަދު ކުރެއްވިއިރު، މާޒީގައި ވިދާޅުވެވިފައި ހުންނެވި ވާހަކަތައް މަތިން ހަނދުމަ ނެތުނީތޯ އެވެ؟

ރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުﷲ ޚާލީލް، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެން އުޅުއްވައިފި އެވެ. ރަސްމީ ދަތުރުފުޅެއްގަ އެވެ. މިއީ ކުރިން ޞިއްޙަތާ ބެހޭ ވަޒީރުކަމުގައި ހުންނެވި ޚަލީލަށް ޚާރިޖީ ވަޒީރުކަން ދެއްވި ފަހުން، ޚާރިޖީ ވަޒީރުގެ ޙައިޞިއްޔަތުން ރާއްޖެ އިން ބޭރަށް ކުރެެއްވި ފުރަތަމަ ދަތުރުފުޅެވެ. ވަޒީރު ޚަލީލް އަމިއްލަފުޅަށް ވެސް އެ ވާހަކަ ފާހަގަ ކުރައްވާފައި އެބަ ހުއްޓެވެ. އެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ވަޒީރު ޚަލީލް ބައްދަލު ވެސް ކުރައްވައިފި އެވެ. ރަސްމީ މަޝްވަރާތައް ބާއްވައި، ދެ ޤައުމުގެ ދެ މެދުގައި އެއްބަސްވުމެއްގައި ސޮއި ވެސް ކުރެއްވި އެވެ.

އެ ދަތުރުފުޅުގެ ތެރެއިން ވަޒީރު ޚަލީލް ވަނީ އިންޑިއާގެ ވިއޯން ނިއުސް އަށް ޚާއްސަ އިންޓަވިޔުއެއް ވެސް ދެއްވައިފަ އެވެ. އެ އިންޓަވިޔުގައި ވަޒީރު ޚަލީލް ދެއްކެވި މުހިންމު ވާހަކަތައް އަޅުގަނޑު ވެސް އަޑުއަހާލީމެވެ. ނާހަންވީ ސަބަބެއް ވެސް ނެތެން ނޫން ހެއްޔެވެ؟ އެހެން ނަމަވެސް އެކަން ފަހަތަށް ދޫކޮށްލުމަށްފަހު، ވަޒީރު ޚަލީލް ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ބަލާލާނަމެވެ.

ވަޒީރު ޚަލީލް ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ރާއްޖެ އިން "ކޮމިޓް" ވެފައިވާ ކަމަށާއި، ޚާއްސަކޮށް އިންޑިއާ ކަންޑުގެ ސަލާމަތަކީ އިންޑިއާ ކަނޑުގެ ޤައުމުގެ ސަލާމަތް ކަށަވަރުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އިންޑިއާގެ ސަލާމަތަކީ ރާއްޖޭގެ ސަލާމަތްކަމުގައި ރާއްޖެ އިން ދެކޭނެ ކަމަށް ވެސް ވަޒީރު ޚަލީލް ވިދާޅުވި އެވެ. ވަޒީރު އެހެން ވިދާޅުވި އަޑުކޮޅު ތަކުރާރުކޮށް ދެ ފަހަރަކު އަޑު އަހާލީ، ރަނގަޅަށް ލޯ ވެސް ފޮހެލައި، ކަންފަތް ވެސް ރަނގަޅަށް ހުޅުވާލުމަށްފަހު އެވެ. ސަބަބަކީ، އެއީ ވަޒީރު ޚަލީލްތޯ އާއި އެއީ އެމަނިކުފާނު ވިދާޅުވި ވާހަކައެއްކަން ކަށަވަރު ކުރުމުގެ މަޤުސަދުގަ އެވެ. އާދޭހެވެ! އެއީ ހަމަ ޚަލީލް އެވެ!

މީގެ އިތުރުން ޚަލީލް ދެން ދެއްކެވީ އަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން، ކުރިން އިދިކޮޅުގައި ތިއްބެވިއިރު ހިންގެވި "އިންޑިއާ އައުޓް" ކެމްޕެއިންގެ ވާހަކަ އެވެ. ވަޒީރު ޚަލީލް ވިދާޅުވީ އިންޑިއާ އައުޓުގެ ނަމުގައި ޙަރަކާތްތަކެއް ހިންގައި، އިންޑިއާއާ ދެމެދު ނަފުރަތު އުފައްދައި، އަދި ދޮގި ފަތުރަމުން ދިޔަ ކެމްޕެއިން އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވައި، ރައީސް ޔާމީންގެ އިރުޝާދާއި ރޭވުމުގެ މަތިން ކުރިއަށް ގެންދިޔަ ކެމްޕެއިނެއް ކަމަށެވެ. ނަމަވެސް، މިހާރު ރައީސް ޔާމީން ހުރީ އަދުގެ ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އިދިކޮޅަށް ކަމަށާއި، އެކަމުން ސަރުކާރު ފެޔަށް ޖެހިފައިވާ ކަމަށް ވެސް ޚަލީލް ވަނީ ވިދާޅުވެފަ އެވެ. ވަޒީރު ޚަލީލް އެ ވާހަކަތައް ދައްކަވަމުން ގެންދެވިއިރު، ސުވާލު ކުރަން އިން ނޫސްވެރިޔާ، ސިދާންތު ސިބާލް ވެސް އިނީ "ހޫމް،ހޫމް،ހޫމް" ކިޔާލަ ކިޔާލަ އެވެ.

ދެން ވަޒީރު ޚަލީލް ވިދާޅުވީ އިންޑިއާއާއެކު އޮތް ގާތް ގުޅުން ދަމަހައްޓައި، އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ރައީސް މުޢިއްޒު ވެސް އެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ އަމާޒުގައި ކަމަށް ޚަލީލް ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އިންޑިއާ ގުޅިގެން ރައީސް މުޢިއްޒުގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ރާވާފައިވާ ކަމަށް ބުނެ، އެމެރިކާގެ ވޮސިންޓަން ޕޯސްޓުން ނެރެފަައިވާ ރިޕޯޓު ވެސް ޚަލީލް ދޮގު ކުރެއްވި އެވެ. ވަޒީރު ޚަލީލް ވިދާޅުވީ ކަމަަށް ދޭން އޮތީ ވެސް ވަރަށް ކުރު ޖަވާބެއް ކަމަށެވެ. ވިދާޅުވީ އެއީ "ޓޯޓަލީ ސަމްތިން އަންޓްރޫތު، އަންފައުންޑު" ރިޕޯޓެއް ކަމަށެވެ.

ދެން ޖެހިލަން މި އުޅެނީ އަސްލުގައި އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކަ އަށެވެ. ވަޒީރު ޚަލީލްގެ އެ ވާހަކަތައް އިވިފައި އަޅުގަނޑު ހިތަށް އެރި އެވެ. ނޫނެވެ! އިންސާނެއް ވިއްޔާ ގޮތެއް ހުންނަން ވާނެ އެވެ. އުނު އޮރިޔާން ނިވާކޮށްގެން އުޅެނީ ވެސް ކޮންމެ ވެސް ބޭނުމެއްގަ އެެވެ. ސިޔާސީ މައިދާނުގައި އުޅެން ވާނީ ނިކަން ހަންބޯ މީހުންނެވެ. ގޮތެެއްގައި ހުންނަވަން ކެރިވަޑައިގަންނަވަން ޖެހޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ކެބިނެޓުގެ ވަޒީރަކަށް ވިޔަސް، އަދި ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް، އެކަން އެގޮތަށް އޮންނަން ވާނެ އެވެ.

ހިތާވެގެން އުޅޭ މީހަކަށް ވެސް ތައުރީފް ނުކުރާ ވަރަށް ވަޒީރު ޚަލީލް އިންޑިއާ އަސް ތައުރީފު ކުރައްވައި، ޝުކުރު އަދާ ކުރައްވައި، ހުޝާމަދު ކުރެއްވިއިރު، މާޒީގައި ވިދާޅުވެވިފައި ހުންނެވި ވާހަކަތައް މަތިން ހަނދުމަ ނެތުނީތޯ އެވެ؟ ވަޒީރު ޚަލީލް ހަނދުމަފުޅު ނެތް ނަމަ، އަޅުގަނޑު ހަނދުމަކޮށްދެއްވަފާނަމެވެ!

2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ޑޮކްޓަރު ޢަބްދުﷲ ޚަލީލް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ޕޯސްޓުކޮށްފައި އޮތެވެ. "ރާއްޖެ އިން އިންޑިއާ އަށް ބާރޯސާވުން ކުޑަ ކުރަން ދަސް ކުރަަން ޖެހޭ" މިހެންނެވެ. މިއީ ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޚަލީލް ކުރެއްވި ޕޯސްޓެކެވެ. އަދި އެ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ދުވަސްކޮޅު ވެސްމެ އެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް މީގެ ކުރިން ކުރައްވާފައިވާ ބައެއް ޓުވީޓުތައް - ޑޮކްޓަރު ޢަބްދުﷲ ޚަލީލް / އެކްސް އެކައުންޓު

އޭގެ ފަހުން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ވަޒީރު ޚަލީލް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ލިޔުއްވާފައިވެ އެވެ. "ނަރެންދްރަ މޯދީ އުޅުއްވަނީ ރާއްޖޭގައި ބަޣާވާތެއް ހިންގަން ހެއްޔެވެ؟" މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރަކަށް ޑޮކްޓަރު ޚަލީލް ހުންނެވިއިރު ކުރައްވާފައި އޮތް ޕޯސްޓެކެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް މީގެ ކުރިން ކުރައްވާފައިވާ ބައެއް ޓުވީޓުތައް - ޑޮކްޓަރު ޢަބްދުﷲ ޚަލީލް / އެކްސް އެކައުންޓު

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދަވައި، އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. ރައީސް ޞާލިޙު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ. އެކަމަށް ވެސް ފާޑު ވިދާޅުވެ ޚަލީލް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޚަލީލް ވިދާޅުވެފައި އޮތީ، "މޯދީ ރާއްޖެ ވަޑައިގަތީ ޑީލެއްގެ ދަށުން، ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފި" މިހެންނެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް މީގެ ކުރިން ކުރައްވާފައިވާ ބައެއް ޓުވީޓުތައް - ޑޮކްޓަރު ޢަބްދުﷲ ޚަލީލް / އެކްސް އެކައުންޓު

އިންޑިއާ އައުޓް ކެމްޕެއިންގެ ވާހަކަ ވެސް ދައްކާލަން ވާނެ އެވެ. އިންޑިއާއާ ދެކޮޅަށް އޭރު ހިންގި އެންމެ ބޮޑު ކެމްޕެއިން އަކީ އިންޑިއާ އައުޓް ކެމްޕެއިން އަދި މިނިވަންކަމުގެ ދިފާޢުގެ ކެމްޕެއިންނެވެ. އެއީ އިންޑިއާ އިން ރާއްޖޭގެ މިނިވަންކަން ނަގާލައް މަސައްކަތް ކުރާ ކަމަށާއި، އިންޑިއާ އިން ރާއްޖެ ހިފަން މަސައްކަތް ކުރާ ކަމަށް ބުނެ އޭރު ކުރިއަށް ގެންދިޔަ ކެމްޕެއިން އެކެވެ. އެ ކެމްޕެއިން ވަނީ ވަޒީރު ޚަލީލްގެ އުފަން ރަށް، ފ.ނިލަންދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ޙަރަކާތާ ދެކޮޅަށް އެ ރަށުގައި ކުރިއަށް ގެންދިޔަ ޙަރަކާތް ވެސް ލީޑު ކުރެއްވީ ވަޒީރު ޚަލީލް އެވެ.

އެ ދުވަހު ވަޒީރު ޚަލީލް ހުންނެވީ އިންޑިއާއާ ދެކޮޅަށް ހިންގި "މިނިވަންކަމުގެ ދިފާޢުގައި" ނުވަތަ "ޑިފެންޑް މޯލްޑިވްސް" މޭމަތީގައި ޖައްސަވާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ. އެ ކެމްޕެއިން އަކީ ރައީސް ޔާމީން ކުރިއަށް ގެންދިޔަ ކެމްޕެއިނެއް ކަމަށް ވަޒީރު ޚަލީލް މިހާރު ވިދާޅުވާއިރު، އަޅުގަނޑު ހިތަށް އެރި އެވެ. ވަޒީރު ޚަލީލް އެ ދުވަހު އެ ޓީޝާޓު ތުރުކުރައްވައިގެން ހުންނެވީ، ރައީސް ޔާމީން ގަދަކަމުން އެ ޓީޝާޓު ވަޒީރު ޚަލީލްގެ ގަޔަށް މަހާލައިގެންތޯ އެވެ؟ މީގެ ކުރިން ކުރައްވާފައިވާ ޓުވީޓުތަކަކީ، ރައީސް ޔާމީން ލިޔެފައި ދެއްވުމުން، ކުރެއްވި ޓުވީޓުތަކެއްތޯ އެވެ؟

އިންޑިއާ އައުޓް ކެމްޕޭންގައި ރައީސް ޔާމީން އަރިހުގައި މިހާރުގެ ފޮރިން މިނިސްޓަރ ޚަލީލު ބައިވެރިވެވަޑައިގަންނަވަނީ - ސޯޝަލް މީޑިއާ

ކޮންމެގޮތެއް ވިޔަސް، މިއަދު ވަޒީރު ޚަލީލް ދައްކަވާފައިވާ ވާހަކަތަކާއި، މީގެ އަހަރުތަކެެއް ކުރިން ދައްކަވާފައިވާ ވާހަކަތައް ވަރަށް ތަފާތެކެވެ. އުޑާއި، ބިމާ ހާވެސް ތަފާތެވެ. މީގެ ކުރިން ވިދާޅުވެފައި އެ އޮތީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖޭގައި ބަޣާވާތެއް ހިންގަވަން އުޅުނު ވާހަކަ އެވެ. މިއަދު އެ ވިދާޅުވަނީ އިންޑިއާއާ ގުޅުވައި ބަޔަކު އެކަހަލަ ވާހަކަތަކެއް ދައްކަމުން އެ ދަނީ، އެއްވެސް އަސްލެއްގެ މައްޗަަށް ބިނާކޮށް ނޫން ކަމަށެވެ. ކުރިން ވިދާޅުވީ އިންޑިއާ އަށް ބަރޯސާވުން ކުޑަ ކުރަން ދަސް ކުރަން ޖެހޭ ކަމަށެވެ. މިއަދު ހަމަ ޑޮކްޓަރު ޚަލީލް އެ ވިދާޅުވަނީ ހާލުގައި ޖެހުނު ވަގުތު މާލީ ގޮތުން އެހީވީ އިންޑިއާ ކަމަށާއި، އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އިންޑިއާގެ އެހީގައި ރާއްޖެ ތަރައްޤީ ކުރެވޭނެ ވާހަކަ އެވެ. އެއްބަސްވުންތަކުގައި އެ އަޅުއްވާލީ ސޮއެ އެވެ.

ވަޒީރު ޚަލީލް އެވެ. ނައިފަރު ދޮހޮއްކޮބެ ކިޔާފައި ލަވައެއްގައި އޮވެ އެވެ. "އެދޭ ނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން، ޢަދަވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން!"

- ކޮމެންޓް