ރައީސް މުހައްމަދު މުއިއްޒުގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު އިންޑިއާ އަށް ވަޑައިގެން އިންޑިއާ އާއެކު ރާއްޖޭން އަސްކަރީ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކުރައްވައިފިއެވެ.
އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާ ދެކޮޅަށް ޣައްސާނު ނައިބު ލީޑަރުކަން އަދާ ކުރެއްވި ޕީޕީއެމް އިން އިސްވެ އޮވެ ރާއްޖޭގައި އިންޑިއާ އާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭން ގައި ޣައްސާން ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.
"އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ބޭއްވި ރެލީގައި ރައީސް ޔާމީން އަރިހުގައި ޣައްސާން ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން އޭނާ ވަނީ އިންޑިއާ އާއި އިންޑިއާ ސިފައިންނާ ދެކޮޅަށް "ޖިހާދުކޮށް ޝަހީދުވާން" ގޮވާލައްވާފައެވެ.
"މި ގައުމުގައި އިންޑިއާ ސިފައިންނަކަށް ޖާގަ އެއް ނެތް، އަޅުގަނޑުމެންގެ ފަޚުރަކީ ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ހަނގުރާމަ ކޮށްގެން ޝަހީދުވުން،" ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ދިވެހި އަސްކަރިއްޔާގެ އިސް ބައެއް ބޭފުޅުންނާ އެކު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގ، އާ ނިއު ދިއްލީގައި ވަނީ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލު ކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އަސްކަރީ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޕާޓްނަރޝިޕްގެ ތަޞައްވުރު ޙާޞިލުކުރުމަށް ދެ ގައުމުން ގާތުން މަސައްކަތްކުރުމުގެ ވަރުގަދަ އަޒުމު ޣައްސާނުގެ ދަތުރުފުޅުގައި އަލުން އައު ކުރެއްވި ކަމަށެވެ.
ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ޣައްސާން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ހަނގުރާމައިގައި ގުރުބާންވި އިންޑިއާގެ ސިފައިންގެ ހަނދާނީ ބިނާއަށް ޒިޔާރަތްކުރައްވައި، އެ ސިފައިންގެ ޝަރަފުގައި އެ ތަނުގައި މާބޮނޑިއެއް ބާއްވަވާ، އިހްތިރާމް އަދާ ކުރެއްވި ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭންގެ ދުވަސްވަރު އެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ތަކުރާރުކޮށް ބުނެފައިވަނީ، އެ ފަރާތްތަކުން ސަރުކާރަށް އައުމަށްފަހު އިންޑިއާ އާ އެކު ހަދާފައިވާ އަސްކަރީ ގުޅުންތަކާ ބެހޭ އެއްބަސްވުންތައް ހާމަ ކުރާނެ ކަމަށާއި އަދި އެ އެއްބަސްވުންތައް ބާތިލު ކުރާނެ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރަށް އެއް އަހަރު ވީއިރު ރާގު ބަދަލުވެ، ސަރުކާރުގެ ވެރިން ބުނަމުން އަންނަނީ އިންޑިއާ އަކީ އެންމެ ގާތް އެންމެ ހެޔޮއެދޭ އެކުވެރިޔާ ކަމަށެވެ.