ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބަރްމާނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވައިފިއިއެވެ.
ދާދިފަހުން ރަޝިޔާގެ ޚާރިޖީ ވަޒީރުވަނީ ޗައިނާގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައި، ރަޝިޔާއާއި ޗައިނާގެ ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އުފެދެމުންދާ ބައިބައި ވުމުގައި އޭޝިއާގެ ގައުމު ތަކުގެ އެއްބާރުލުން ހޯދުމަށް ރަޝިޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރެމެން އުފާ ކުރަން އިންޑިއާއިން މި ކަމުގައި ވަކި ކޮޅަކަށް ނުޖެހެހި، ހަގީގަތާ އެއްކޮޅަށް މަސައްކަތް ކުރަމުންދާތީ" އިންޑިއާގެ ޚާރިޖީ ވަޒީރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ލަވްރޯފް ވިދާޅުވިއެވެ.
ޑޮލަރާއި ޔޫރޯ ބޭނުންނުކުރޭނެ ގޮތަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާއިން އިތުރު ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިނުވުމަށް އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ އިންޑިޔާގެ ކިބައިން އެދިފައެވެ.
ޗައިނާ އާއި އިންޑިއާއަކީ މި ހަނގުރާމައިގައި ރަޝިޔާގެ އަމަލުތައް ކުށްވެރިނުކުރާ މައި ދެގައުމެވެ.
އިންޑިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ ގިނަ ހަތިޔާރުތައް ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އޭގެ އިތުރުން އިންޑިޔާއަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑު ބައެއްވެސް ރަޝިޔާއިން ފޯރުކޮށްދެއެވެ. ހަނގުރާމަ ފެށުނު ފަހުންވެސް ރަޝިޔާއިން ހެޔޮ އަގެއްގައި ތެޔޮ ވިއްކުމަށް ހުށައެޅުމުން އިންޑިއާއިން ވަނީ އެކަން ގަބޫލުކޮށް ތެލާއި ގޭސް ގަނެފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
