އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އަށް އަލުން 10 ނުވަތަ 12 ދުވަހުގެ މުހުލަތެއް ކަނޑައަޅުއްވާ ކަމަށެވެ.
މިއީ ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންގެ ސަބަބުން ދެފަރާތުގެ ހަނގުރާމަ ދިގުދެމިގެންދާތީ ޓްރަމްޕް ހިތްޕުޅު ހަމަނުޖެހޭކަން ފާޅު ކުރެއްވުން ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ސްކޮޓްލެންޑްގައި ޔޫރަޕްގެ ލީޑަރުންނާއެކު ބައްދަލުވުންތައް ބާއްވަވަމުން، ގޮލްފް ކުޅުއްވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވެފައިވަނީ، ޕުޓިން އާ މެދު ހިތްޕުޅު ހަމަނުޖެހޭ ކަމަށާއި، މި މަހުގެ ކުރީކޮޅު މި މައްސަލައާ ގުޅޭގޮތުން ކަނޑައެޅުއްވި 50 ދުވަހުގެ ސުންގަޑި ކުރުކުރައްވާ ކަމަށެވެ.
"މިއަދުން ފެށިގެން... 10 ނުވަތަ 12 ދުވަހުގެ އައު ސުންގަޑިއެއް ކަނޑައަޅާނަން،" އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވިއެވެ. "އިތުރަށް މަޑުކުރަން ޖެހޭ ސަބަބެއް ނެތް... އަޅުގަނޑުމެންނަކަށް އެއްވެސް ކުރިއެރުމެއް ލިބޭތަނެއް ނުފެނޭ."
އެމެރިކާ އިން ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ޔުކްރެއިން އަށް ދެމުންދާ ހަމަމަލާތައް ޕުޓިން ހުއްޓާ ނުލައްވާތީ އެމެރިކާގެ ރައީސް ވަނީ ތަކުރާރުކޮށް ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވާފައެވެ.
ޖެނުއަރީ މަހު ވައިޓް ހައުސް އަށް އައު ދައުރަކަށް ވަޑައިގަތުމުގެ ކުރިން، އަމިއްލަފުޅަށް ސުލްޙަ ގާއިމު ކުރައްވާ ފަރާތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ޓްރަމްޕް، ތިން އަހަރާއި ހަ މަހަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ މި ހަނގުރާމަ 24 ގަޑިއިރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ވައުދު ވެވަޑައިގެންނެވި އެވެ.
"އަޅުގަނޑު ރައީސް ޕުޓިން އާ މެދު ހިތްހަމަނުޖެހޭ،" ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑު އޭނާ އަށް ދިން 50 ދުވަސް މިހާރު ކުރު ކުރާނަން. އެއީ ވާނެގޮތް އަޅުގަނޑަށް މިހާރުވެސް އެނގޭ ކަމަށް ހީވާތީ."
ކްރެމްލިންގެ ފަރާތުން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް އެއްޗެއ ބުނެފައެއް ނުވެއެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ރަޝިޔާ އިން އެކްސްޕޯޓް ކުރާ މުދާ ގަންނަ ފަރާތްތަކަށް އައު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވެއެވެ.
ޔުކްރެއިންގެ ރައީސް ވުލޮޑިމިރ ޒެލެންސްކީ ދެކެ ވެސް ކޯފާ ވެފައިވާ ރައީސް، ޕުޓިންއާ ދެކޮޅަށް ވިދާޅުވާ ހަރުކަށި ބަސްތަކާ އެއްގޮތަށް އެއްވެސް އިރަކު ޢަމަލުކުރައްވާ ކަމަކަށް ނުވެއެވެ. މީގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވަނީ ކުރީގައި ދެ ބޭފުޅުންގެ ދެމެދުގައި އޮތް ރަނގަޅު ގުޅުމެވެ.