ރަޝިއާއި ޔޫކުރެއިންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ކުރިއެރުމެއް ނުލިބުނު ކަމަށް ޔޫކުރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލެބާ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި، 24 ގަޑިއިރަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ގުޅޭގޮތުން އޭނާ މަޝްވަރާ ކުރެއްވި ކަމަށާއި، އެހެންނަމަވެސް، ކުރިއެރުން ނުލިބުނު ކަމަށެވެ. އަދި، ރަޝިއާގެ ހަމަލާތައް ކުރިޔަށްދަނީ ޕްލޭން ކުރެވިފައިވާ ގޮތަށް ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސާރގޭ ލެވްރޯފް ވިދާޅުވެފައިވާކަމަށްވެސް މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުލެބާ ވިދާޅުވިއެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރާއި ޔޫކުރެއިންގެ ޚާރިޖީ ވަޒީރު ތުރުކީގައި ބޭއްވި މި ބައްދަލުވުމަކީ، ރަޝިއާއިން ޔޫކުރެއިންގެ ހަނގުރާމަ ފެށިފަހުން، ދެގައުމުގެ މެދުގައި ބޭއްވިގެންދިޔަ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ގުޅޭގޮތުން ވެސް ރަޝިޔާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިބައްދަލުވުން ދިޔައީ އުނދަގޫ ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ.
ރަޝިޔާގެ ސިފައިން ވަށާލާފައިވާ ސިޓީތަކުން ޔޫކްރެއިންގެ އާންމު ރައްޔިތުން ރައްކާތެރި ކަމައެކު ނުކުތުމުގެ ޖާގަ ދިނުމަށް އެމަރިކާއިންވެސް ވަނީ ގޮވާލައިފިއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
