ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް، އަންދްރީ ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި އެވެ.
އުމުރުން 54 އަހަރުގެ ޕަރުބީ އަވަހާރަ ކޮށްލާފައި ވަނީ ހޮނިހިރު ދުވަހު އޭނާ އަށް ބަޑިން ހަމަލާ ދިނުމަށް ފަހު އެވެ. އެ ހާދިސާއާ ގުޅިގެން ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެއީ ނުރައްކާތެރި ކަމެއް ކަަމަށާއި، އެއީ ބިރުވެރި ހާދިސާއެއް ކަމަށެވެ.
ޔުކްރެއިންގެ ފުލުހުން ބުނެފައިވާ ގޮތުގައި، ޕަރުބީ ނިޔާވެފައި ވަނީ އޭނާގެ ހަށި ކޮޅަށް ހަމަލާ ދެވުނު ސަރަހައްދުގަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، އެ މަރުގެ ސަބަބު މިހާތަނަށް ސާފު ނުވާ ކަމަށެވެ.
ޕަރުބީ ވަނީ 2016 ވަނަ އަހަރުން ފެށިގެން، 2019 ވަނަ އަހަރާ ހަމައަށް ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ. އޭނާ އަކީ ޔުކްރެއިންގެ ސިޔާސީ މައިދާނުގައި ނަން ހިނގާ، އަދި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ޕަރުބީ ވަނީ، 2004 ވަނަ އަހަރުގެ "އޮރެންޓް ރެވޮލިއުޝަން"، އަދި 2014 ވަނަ އަހަރުގެ "މައިދާން ރެވޮލިއުޝަން" ގައި ޔޫރަޕާ ގުޅުމަށް ތާއީދު ކުރައްވައި، އެކަމުގައި މުހިންމު ދައުރެއް ވެސް އަދާ ކުރައްވައިފަ އެވެ.
ޕަރުބީ އަވަހާރަކޮށްލުމާ ގުޅިގެން ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެ މައްސަލަ ފުރިހަމަ އަށް ތަހުގީގު ކުރައްވާނެ ކަަމަށާއި، އެކަމުގައި ޝާމިލު މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އަދި އެ ފަރާތްތައް އަދުލު އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ހުރިހާ ކަމެއް ކުރައްވާނެ ކަަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޕަރުބީ އަވަހާރަ ކޮށްލުމާ ގުޅިގެން ޔުކްރެއިންގެ ސިޔާސީ ގިނަ ލީޑަރުން ވަނީ އެކަން ކުށްވެރި ކުރައްވައި، ބަޔާންތައް ނެރުއްވައިފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކު، އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.