ރަޝިއާ އާއި ޔޫކްރެއިން ކުރަމުން އަންނަ ހަނގުރާމައިގެ މައިދާނުގައި ޔޫކުރެއިން އަސްކަރިއްޔާގެ ދެ ލޯބިވެރިޔަކު ކައިވެނި ކޮށްފިއެވެ.
ދެ ލޯބިވެރިންވެސް ހަނގުރާމަކުރަމުން އަންނަނީ، ޔޫކުރެއިންގެ ލަޝްކަރުގެ އެންމެ ކުރީ ސަފުގައެވެ. މި ދެ ލޯބިވެރިންގެ ކައިވެނީގެ ރަސްމިއްޔާތުވެސް ބާއްވާފައިވަނީ ހަނގުރާމައިގެ މައިދާނުގައި އަސްކަރިއްޔާގެ ސިފައިންނާއެކުގައެވެ. ކައިވެނީގެ ހަފްލާގައި ދެ ލޯބިވެރިންވެސް ތިބީ ޔުނީފޯރމުގައެވެ.
ލެސްޔާ އަދި ވަލެރީ ނަމަކަށް ކިޔާ މި ދެ ލޯބިވެއިން ކައިވެނި ކުރުމަށްފަހު، ދެލޯބިވެރިންވެސް ހަނގުރާމަ ކުރަމުންދާ ޔޫކުރެއިންގެ ޓެރިޓޯރިއަލް ޑިފެންސް ޔުނިޓުގައި ހިމެނޭ އެކުވެރިންނާއެކު ވަނީ އުފާ ފާޅުކުރުމުގެ ގޮތުގައި ހަގުރާމައިގެ މައިދާނުގައި ކުޑަ ހަފްލާއެއްވެސް ބާއްވާފައެވެ. އަދި މި ހަފްލާގައި ޔޫކުރެއިން ސިފައިންވަނީ މިއުޒިކް ކުޅެ އުފާ ފާޅުކޮށްފައެވެ.
 
                    ލެސްޔާ ބުނި ގޮތުން ހަނގުރާމަ ފެށުނު ފަހުން 11 ދުވަސްވީ އިރު ލޯބިވެރިޔާ ވަލެރީ ފެނުނީ އަދީއްތަ ދުވަހު އޮތް އެމީހުންގެ ކައިވެނީގެ ހަފްލާއިންނެވެ.
ޔޫކުރެއިންގެ ވެރިރަށުގެ ދިފާޢުގައި ހަގުރާމަކުރަމުންދާ ދެ ލޯބިވެރިން ހަގުރާމައިގެ މައިދާނުގައި ކައިވެނި ކުރުމާއި ގުޅިގެން ވެރިރަށް ކިއެވްގެ މޭޔަރު ވަނީ ދެލޯބިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޔޫކުރެއިންގެ ކުރީގެ ބޮކްސިންގެ ޗެމްޕިއަން ވިޓަލި ކްލިޝްކޯވެސް ވަނީ ދެ ލޯބިވެރިންނަށް މަރުހަބާ ކިޔާފައެވެ.
 
                    މީގެ 11 ދުވަސްކުރިން ރަޝިއާ ސިފައިން ޔޫކުރެއިންއަށް ދޭންފެށި ހަމަލާތަކުގައި، ރަޝިއާ ސިފައިންދަނީ ޔޫކުރެއިންގެ ވެރިރަށް ހިފުމަށް މަސައްކަތް ކުރަމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
