ބޫސްޓަރ ޑޯޒް ޖެހުމުގެ ސަބަބުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމާއި ހިސާބަށް ދިޔުން 95 އިންސައްތަ ސަލާމަތްކޮށްދޭކަމަށް އިނގިރޭސިވިލާތުގައި ކުރިޔަށްގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.
ޔޫކޭ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުރާސްފަތި ދުވަހު ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ ކޮންމެ ވައްތަރެއްގެ ވެކްސިނެއްގެވެސް ދެ ވަނަ ޑޯޒް ޖަހާތާ ހަމަސް ފަހުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން މަރުވުމާ ހިސާބަށް ދިޔުމުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް 60 އިންސައްތަ ރައްކާތެރިކަން ލިބިފައިވާކަމަށެވެ. ނަމަވެސް ބޫސްޓަރ ޑޯޒް ޖަހާތާ ދެހަފްތާ ފަހުން އެ މީހުންނަށް 95 އިންސައްތަ ރައްކާތެރިކަން ލިބިދޭކަމަށެވެ.
މީގެއިތުރުން ޔޫކޭ ހެލްތު ސެކިޔުރިޓީން ބުނެފައިވަނީ ބޫސްޓަރ ޑޯޒް ޖެހުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުންވެސް ބޮޑުތަނުން ސަލާމަތްކޮށްދޭކަމަށެވެ.
ޔޫކޭ ހެލްތު ސެކިޔުރިޓީ އެޖެންސީގެ ހެޑް އޮފް އިމިޔުނިޒޭޝަން ޑރ މޭރީ ރެމްސޭ ވިދާޅުވީ ދިރާސާއިން އެނގުނުކަމަކީ ވެކްސިނުން ކޮވިޑް-19ން ވާ ގެއްލުން ކުޑަކޮށްދޭކަމެވެ. އަދި ބޫސްޓަރ ޑޯޒާއެކު އުމުރުން ދުވަސްވީ, މުޖުތަމައުގައި ތިބި ބަލި ކަށި މީހުންވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހިސާބަށް ދިޔުމާއި ހާލަތު ގޯސްވެ މަރުވާ ހިސާބަށް ދިޔުމުން ސަލާމަތްކޮށްދޭކަމަށެވެ.