ކ. މާލެ
|
21 ޖެނުއަރީ 2022 | ހުކުރު 18:01
މާލޭގެ ރަސްފަންނު ސަރަހައްދު
މާލޭގެ ރަސްފަންނު ސަރަހައްދު
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑުގެ އައު ރާޅާއެކު އެޗްޕީއޭ ހަމަހިމޭނުން
ކޮވިޑްގެ އައު ރާޅާއެކު މާކަބޮޑު ފިޔަވަޅެއް އަޅާފައެއް ނުވޭ
ކޮވިޑަށް ޕޮޒިޓިވްވާ މީޙުންގެ އަދަދު އަންނަނީ މަތިވަމުން

ކޮވިޑް-19 ގެ އައު ރާޅެއް ރާއްޖެއަށް ބިންދާލާފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން މަތީގައި އުޅޭއިރު މާލެ ސަރަހައްދުން އެކަނިވެސް 500ށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެފައިވީ ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މި ފެންނަނީ ހަމަހިމޭނުން އޮތް މަންޒަރެވެ. މީގެ ކުރިން އައި ތިން ރާޅާއެކު އެޗްޕީއޭއިން ހަލުވި ފިޔަވަޅުތަކެއް އެޅި ނަމަވެސް މިފަހަރުގެ ރާޅާއެކު މާބޮޑު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 24 އިންސައްތައިގައި ހުރިއިރު، ކޮވިޑްގެ އައު ރާޅާއެކު ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޕޮޒިޓިވްވާ އަދަދު ދުވަހެއް ދުވަހަކަށް މަތިވަމުން އަންނައިރު، އެޗްޕީއޭއިން ފިޔަވަޅެއް ނާޅާ އަތް އުރާލައިގެން ތިބެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނައިރު، އަނެއްބައި ފަރާތްތަކުން ބުނަމުން އަންނަނީ ކޮވިޑާއެކު އުޅެން ދަސްކުރަން ވެއްޖެ ކަމަށެވެ.

ކޮންމެއަކަސް ކޮވިޑުން ރައްކާތެރިވުމަށް ގައުމުތަކުން ސީރިއަސްކޮށް ނަގައި، ފިޔަވަޅުތައް ހަރުކަށި ކުރަމުން އަންނައިރު، ރާއްޖެއިން މިފަދަކަމަކަށް ނުވިސްނާ، ފިޔަވަޅުތައް ހަރުކަށި ނުކުރުން މިއީ އުފެދޭ ސުވާލެކެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑްގެ އައު ރާޅާއެކު ފިޔަވަޅުތައް ހަރުކަށި ނުކުރަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ޖީބަށް ވަންނަ "އެތިކޮޅު" ކުޑަވެދާނެތީއެވެ. އެގޮތުން މިހާރު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިސާ ހޯދުމަށް އެންމެ ފަސޭހަ ގޮތަކީ ކޮވިޑް ޓެސްޓު ހަދައިދީގެންނެވެ.

ކޮންމެއަކަސް މިއީ ކޮވިޑް ކުޅޭ ކުޅޭ ބަލިމަޑިކަމަކަށް ހަދަންވީ ވަގުތެއް ނޫނެވެ. އެޗްޕީއޭއިން އެންމެ ފުރަތަމަވެސް ބުނިހެން މިއީ ސީރިއަސް ބައްޔެއްކަން ބަލާ މި ބަލިމަޑުކަމުން އަރައި ގަންނަނާން މަސައްކަތް ކުރަންވީ ވަގުތެވެ.  

- ކޮމެންޓް