މި ސަރުކާރު ވެރިކަމަށް އައިފަހުން 2024 އަދި 2025 ކުއާޓަރު 1 ގައި ދައުލަތުގެ ދަރަނި 20 ބިލިއަން އިތުރުވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 156.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 146.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. 2025 ގެ ފުރަތަމަ 3 މަހުގައި ދައުލަތުގެ ދަރަނި 1.2 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި، މިއަހަރުގެ ދަރަނީގެ ތެރެއަށް 12 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިފަހުން 2024 އަދި 2025 ކުއާޓަރު 1 ހަމައަށް ދައުލަތުގެ ދަރަނި 20 ބިލިއަން އިތުރުވެފައިވާ ކަމަށާއި، މިއީ ކޮވިޑް-19ގައި ދަރަނި މައްޗަށް ދިޔަ މިންވަރަށް ވުރެ އިތުރު މިންވަރެއް ކަމަށެވެ.
އޭރު ކޮވިޑްގެ ދުވަސްވަރު ވެސް ރާއްޖޭގެ ދަރަނި އިތުރުނުވާ މިންވަރަށް މިހާރު ދަރަނި އިތުރުވެގެންދޭ. ކޮވިޑްގެ ދުވަސްވަރު ދަރަނި އިތުރުވީ އެހެން ގޮތެއް ނެތިގެން. ރާއްޖޭގެ އަމިއްލަ ފަރުދުންނާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ރާއްޖޭގެ އިގްތިސާދު ހިފަހައްޓަން އަޅުގަނޑުމެން ކުރަންޖެހުނު ކަންތައްތަކެއް ކުރަން ޖެހުނީމަ އިތުރު ގޮތެއް ނެތިގެން ދަރަނި އިތުރުވެގެން އައީ. މިހާރު ދުނިޔޭގެ އިގްތިސާދު މިއޮތީ ވަރަށް ރަނގަޅު ހާލަތެއްގައި. ތެލުގެ އަގު މިއޮތީ ގާތްގަނޑަކަށް 60 ޑޮލަރުގައި. ދުނިޔޭގެ ގިނަ ގައުމުތަކުގައި އިގްތިސާދު ރަނގަޅުވަމުންދާ ހާލަތެއްގައި ރާއްޖޭގެ ދަރަނި މިގޮތަށް އިތުރުވެގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. ރާއްޖޭގެ އިގްތިސާދު މިހާލަތުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
ޑޮލަރު ރޭޓު މަތިވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި އަމީރު ވިދާޅުވީ ޑޮލަރުގެ ރޭޓު އެވްރެޖްކޮށް ދުވަހަކު ވެސް މަތިނުވާ މިންވަރަށް މަތިވަމުންދާ ކަމަށެވެ.
އަމީރު ވިދާޅުވީ ބޭންކަށް މާރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރު ރޭޓް ދަށަށް ދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް އިގްތިސާދީ ހަމައަށް ބިނާ ކުރުމެއް ނެތި ކަމަށާއި، މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް ދަނީ މައްޗަށް ކަމަށެވެ.