ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 08:31
އިރާނުގެ ތެހެރާންގައި މިސްކިތަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ހޫނުމިން ބަލަނީ
އިރާނުގެ ތެހެރާންގައި މިސްކިތަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ހޫނުމިން ބަލަނީ
ރޮއިޓަރސް
ކޮވިޑް-19 އިރާނުގެ ހާލަތު
އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ތިން މަރު އިރާނުން ރިޕޯޓްކޮށްފި
އިރާނުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓްގެ އަދަދު ވަނީ 1162ށް އަރާފައި
އިރާނަށް ވަނީ ކޮވިޑްގެ ފަސް ރާޅެއް ކުރިމަތިވެފައި
އިރާނުން މިހާތަނަށް ކޮވިޑް ބަލީގައި 132،044 މީހުން ވަނީ މަރުވެފައި

އޮމިކްރޯން ވޭރިއަންޓް ޖެހިގެން ތިން މީހުން މަރުވެފައިވާކަމަށް އިރާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއީ އިރާނުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން މީހުން މަރުވެގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. އިރާނުގެ ހެލްތު މިނިސްޓްރީން ބުނީ ތިން މީހުން މަރުވެފައިވަނީ ހޮނިހިރު ދުވަހުކަމަށެވެ. އިރާނުގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްމަން މުހައްމަދު ހާޝިމީ އިރާނުގެ ސްޓޭޓް ބްރޯޑްކާސްޓަރ ކަމުގައިވާ އައި.އާރު.އައި.ބީ އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އިރާނުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓްގެ އަދަދު 1162ށް އަރާފައިވާކަމަށެވެ. އަދި ތިން ސިޓީއަކުން އޮމިކްރޯން ޖެހިގެން މީހުން މަރުވެފައިވާކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

އިރާނުން ވަނީ މިހަފްތާގެ ތެރޭގައި އެއްގަމު މަގުން އިރާނާއި އަވަށްޓެރި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކަށް ދިޔުން މަނާކަމަށް ނިންމި ނިންމުން އުވާލާފައެވެ. ނަމަވެސް އިނގިރޭސިވިލާތާއި، ފްރާންސް އާއި ދެކުނު އެފްރިކާގެ 8 ގައުމަކުން އިރާނުން އެތެރެވުން އަދިވެސް އޮތީ މަނާވެފައެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް އައިއިރު އިރާނަށް ވަނީ ކޮވިޑްގެ ފަސް ރާޅެއް ކުރިމަތިވެފައެވެ. މެދުއިރުމަތީގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައިވެސް ބެލެވޭ ގައުމަކީ އިރާނެވެ. އިރާނުން މިހާތަނަށް ކޮވިޑް ބަލީގައި 132،044 މީހުން ވަނީ މަރުވެފައެވެ. ފާއިތުވި މަސްތަކުގައި އިރާނުގައި ކޮވިޑް ޖެހިގެން މަރުވަމުންދިޔަ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ހޮނިހިރު ދުވަހު ކޮވިޑް ޖެހިގެން 18 މީހުން މަރުވެފައިވާއިރު މިއީ މީގެ 22 މަސްދުވަސްކުރީގައި އިރާނުން ކޮވިޑް ޖެހިގެން މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ އަދަދެވެ.

85 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރާނުގެ 53 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 12.2 މިލިއަން މީހުން ވަނީ ތިން ވަނަ ޑޯޒް ޖަހާފައެވެ.

- ކޮމެންޓް