ބޮޑެތި ކުދިންނަށްވުރެ ތުއްތުކުދިންނަށް އޮމިކްރޯން ވޭރިއަންޓް ޖެހުމުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މިންވަރު ކުރީގެ ވޭރިއަންޓްތަކާއި އަޅާބަލާއިރު ގިނަކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމަވެފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނުނަމަވެސް ކޮވިޑްގެ އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން ބޮޑުވަރުވާ މިންވަރު ކުޑަކަމުގައެވެ.
އިނގިރޭސިވިލާތުގައި އޮމިކްރޯން ވޭރިއަންޓާއެކު ކޭސްތައް ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންނަމަވެސް ކުރީގެ ވޭރިއަންޓްތަކާ އަޅާބަލާއިރު ހާލަތު ގޯސްވުން ކުޑައެވެ. ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ޖަހާފައިވުމުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރުވެސް ވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ބޮޑެތި މީހުންނަށްވުރެ ކޮވިޑަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެފައިވަނީ ކުޑަކުދިންގެއެވެ.
ހުކުރުދުވަހު އިނގިރޭސިވިލާތުން ހާމަކުރި ދިރާސާގެ ނަތީޖާއާއެކު ސަރުކާރަށް ލަފާދޭ މީހުން ބުނަމުން އަންނަނީ ފާއިތުވި ހަތަރު ހަފުތާގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި ކުޑަކުދިންގެ އަދަދު ވަނީ އިތުރުވެފައިކަމަށެވެ. ވަކިން ޚާއްސަކޮށް އުމުރުން 1 އަހަރުން ދަށުގެ ކުދިން އެޑްމިޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 42 އިންސައްތައަކީ އުމުރުން 1 އަހަރުން ދަށުގެ ކުދިންނެވެ. ކޮވިޑްގެ ކުރީގެ ވޭރިއަންޓްތަކާއެކު އެރި ރާޅުތަކުގައި އުމުރުން 1 އަހަރުން ދަށުގެ ކުދިން އެޑްމިޓްކުރި މިންވަރު ހުރީ 30 އިންސައްތައިގައެވެ. އެހެންނަމަވެސް ބަލިޖެހިގެން ބޮޑުވަރުނުވާކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އުމުރުން 12 އަހަރުން މަތީގެ ކުދިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރު މަދުކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. ނަމަވެސް ބައެއް މާހިރުން ބުނާގޮތުގައި އޮމިކްރޯން ވޭރިއަންޓް ޖެހިގެން ފެންނަ އަލާމާތްތަކުގެ ސަބަބުން ކުޑަކުދިން ހޮސްޕިޓަލަށް ގެނައި ނަމަވެސް ތަންކޮޅެއް ބޮޑެތި ކުދިންގެ ގައިން އަލާމާތްތައް ފެނުނަސް ހޮސްޕިޓަލަށް ނުގެނެސްފާނެއެވެ. އެހެންކަމުން މިދިރާސާއިން އެނގިފައިވާ ކަންކަން އަދި ބަދަލުވެދާނެކަމަށް ވަނީ ބުނެފައެވެ.