ސްރީލަންކާގެ ޖަލުތަކާބެހޭ ކުރީގެ ކޮމިޝަނަރަށް މަރުގެ ހުކުމް އިއްވައިފިއެވެ.
ކުރީގެ ޕްރިޒަންސް ޗީފް، އެމިލް ރަންޖަން ލަމަހެވަގެއަށް ކޮލަމްބޯގެ ހައިކޯޓުން ހުކުމް ކުރީ ލަންކާގެ ޖަލެއްގައި 27 ގައިދީއަކު މެރި މައްސަލައިގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވިނަމަވެސް، ހަމަ އެ ދައުވާ ކުރި ފުލުހުންގެ ކޮމާންޑޯ މޮސަސް ރަންގަޖީވާގެ މައްޗަށް ކުށް ސާބިތުނުވެއެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ނޮވެމްބަރު 2012ގައި، ކޮލޮމްބޯގެ ވެލިކަޑަ ޖަލުގައި 27 ގައިދީންގެ ގަޔަށް ބަޑި ޖަހައި މެރި މައްސަލައިގައެވެ. އެހެންނަމަވެސް ހެކި ލިބިފައިވަނީ 8 ގައިދީއަކު މެރި ކަމަށެވެ. ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ޖުލައި 2019ގައެވެ. ތިން ފަނޑިޔާރުންގެ ބެންޗުން މަރުގެ ހުކުމެއް އިއްވީ، ލަމަހެވަގެ މައްޗަށް އެއް ގައިދީއަކު މެރި ކަމުގެ ކުށް ސާބިތުވުމުން ކަމަށް ކޯޓުގެ އޮފިޝަލާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.
އެ ހާދިސާ އަކީ ކޮލަމްބޯގެ މައި ޖަލު ކަމަށްވާ ވެލިކެޑަ ޖަލުގައި ގައިދީން ހަމަނުޖެހުން އުފައްދައި، ހަތިޔާރު ގުދަނުން ހަތިޔާރުތަކެއް ވަގަށް ނެގުމުން، ޖަލު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. ދައުލަތުގެ ވަކީލު ބުނީ އެ ހަމަނުޖެހުމަށް ފަހު ގައިދީންގެ ސަފެއް ހަދައި، އަށް ގައިދީންގެ ނަން އިއްވައި ބޮލަށް ބަޑި ޖަހައި މަރާލި ކަމަށެވެ. އިތުރު ގައިދީން ވެސް މެރި ކަމަށް ވަކީލް ބުންޏެވެ.
ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން ގައިދީން މެރުމަށް ފަހު ސީންވަނީ ބަދަލުކޮށްފައެވެ. އެގޮތުން ގައިދީން ގާޑުންނަށް ހަމަލާ ދޭން އުޅުނު ކަމަށް ދެއްކުމަށް ހަތިޔާރުތައް ޖަލު ތެރޭގައި ބެހެއްޓިއެވެ.
އެހެންނަމަވެސް ގައިދީން މެރުމަށް އަމުރު ކުރީ ކާކުކަމެއް އެނގެން ނެތްކަމަށް ދައުލަތުގެ ވަކީލު ބުންޏެވެ. ޖަލުގައި ހިނގި ހަމަނުޖެހުމާއެކު ސްރީލަންކާގެ އޭރުގެ ރައީސަށް ބޭރުގެ ފިއްތުންތައް ކުރިމަތިވިއެވެ.