ފައިޒާ އިން އޮމިކްރޯން ވޭރިއެންޓަށް ޚާއްސަކޮށްގެން އުފެއްދި ވެކްސިން މާޗް މަހު ބޭނުންކުރަން ފެށޭނެ އެކުންފުނިން ބުނެފިއެވެ.
ފައިޒާގެ ސީއީއޯ އެލްބާޓް ބޫރްލާއާ ހަވާލާދީ ރިޕޯޓް ކޮށްފައިވަނީ، އޮމިކްރޯން ވޭރަންޓަށް ޚާއްސަކޮށް ގައުމުތަކުން ވެކްސިން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މިހާރު އެ ކުންފުނިން އޮމިކްރޯން ވޭރިއަންޓަށް ޚާއްސަ ވެކްސިނެއް އުފައްދަމުން އަންނަ ކަމަށެވެ. އަދި މާޗް މަހު ވެކްސިން ނިމޭނެ ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ގޮތުން ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓާރ ޝޮޓެއް ޖެހުމުން އޮމިކްރޯން ވޭރިއަންޓުންވެސް ރައްކާތެރިކަން ލިބެއެވެ. އެހެންނަމަވެސް އޮމިކްރޯނަށް ޚާއްސަ ވެކްސިނެއް ހުރުމަކީ އެ ވޭރިއެންޓާ ދެކޮޅަށް ލިބޭނެ އިތުރު ރައްކާތެރިކަމެއް ކަމަށް ބޫރްލާ ވިދާޅުވެއެވެ.
އޮމިކްރޯނަށް ޚާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މޮޑާނާ އިން ވެސް އަންނަނީ ކުރަމުންނެވެ. އެކުންފުނިން ބުނެފައިވަނީ މި އަހަރުގެ އޯގަސްޓު މަހު އެ ބޭނުންކުރެވޭނެ ކަމަށެވެ.
ވައިޓް ހައުސްގެ ޗީފް މެޑިކަލް އެޑްވައިޒަރ ޑރ.އެންތޮނީ ފައުޗީ ވިދާޅުވެފައިވަނީ، އޮމިކްރޯނަށް ޚާއްސަކޮށްގެން ވަކި ޑޯޒެއް އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ބޫސްޓަރ ޝޮޓް ޖެހުމުން އެ ވޭރިއަންޓުން ރައްކާތެރިކަން ލިބޭ ކަމަށެވެ.