ފާއިތުވި ހަފްތާގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 9.5 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.
މުޅި ދުނިޔެއިން ފެންނަމުންދާ ކޭސްތައް ފާއިތުވި ހަފްތާގައި 71 އިންސައްތަ އިތުރުވެ ކޮވިޑްގެ ސުނާމީއެއް ކުރިމަތިވެފައި ވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. ކޭސްތަކުގެ އަދަދު އިންތިހާއަށް މަތިވުމުގެ މައިގަނޑު ސަބަބަކީ އޮމިކްރޯން ވޭރިއަންޓު ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ފާއިތުވި ހަފްތާގެ ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ފާއިތުވި ހަފްތާއަކީ ޕެންޑަމިކް ފެށުނުފަހުން އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ހަފްތާކަމަށެވެ.
އެހެންނަމަވެސް ފާއިތުވި ހަފްތާގައި މަރުވި މީހުންގެ އަދަދު ވަނީ އޭގެކުރީ ހަފްތާ އާ އަޅާބަލާއިރު މަދުވެފައެވެ. ފާއިތުވި ހަފްތާގައި ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން 41،178 މީހުން ވަނީ މަރުވެފައެވެ. އޭގެކުރީ ހަފްތާގައި މަރުވެފައިވަނީ 44،680 މީހުންނެވެ.
ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އައި ނަމަވެސް އެވޭރިއަންޓުން ވާ ގެއްލުން ކުރީގެ ވޭރިއަންޓްތަކާއި އަޅާބަލާއިރު ކުޑައެވެ. ނަމަވެސް އެވޭރިއަންޓަށް ސަމާލުވާންޖެހޭ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ ކުރީގެ ވޭރިއަންޓު ތަކެކޭ އެއްފަދައިން އޮމިކްރޯން ވޭރިއަންޓު ޖެހިގެން ހޮސްޕިޓާތަކުގައި މީހުން އެޑްމިޓު ކުރަމުން އަންނަކަމަށާއި މަރުވަމުންވެސް އަންނަކަމަށެވެ. އަދި ސުނާމީއެއްގޮތަށް ކޭސްތައް އިތުރުވަމުން އަންނައިރު ސިއްހީ ނިޒާމަށް ބާރު ބޮޑުވަމުން އަންނަ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
ފާއިތުވި ހަފްތާގައި އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އެމެރިކާ ހިމެނޭ ސަރަހައްދުގައެވެ. އެފްރިކާ ސަރަހައްދުން ފެނިފައިވާ ކޭސްތައް އިތުރުވެފައިވަނީ 7 އިންސައްތައެވެ.
ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ޗީފް މައިކަލް ރާޔަން ވިދާޅުވީ އުންމީދުކުރެވޭ ގޮތުގައި އޮމިކްރޯން ވާނީ މިޕެންޑަމިކްގެ އެންމެ ފަހު ވޭރިއަންޓަށެވެ. ނަމަވެސް އެއީ އަދިވެސް ވަރަށް ބޮޑަށް ބަލައިގެން އުޅެގެންކަމަށް މައިކަލް ވިދާޅުވިއެވެ.
ޓެޑްރޯސް ވަނީ ދުނިޔޭގެ އެންމެންނަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.
ޓެޑްރޯސް ވިދާޅުވީ މިއަހަރުގެ ޖުލައި މަސް އަންނަންވާއިރަށް ގައުމުތަކުގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމުގެ އަމާޒަށް ވާސިލުވުމުގައި އަދިވެސް 109 ގައުމަކަށް އެހިސާބަށް ދެވޭނެކަމަށް ނުބެލެވޭ ކަމަށެވެ. ބޫސްޓަރ ޑޯޒަކަށް ފަހު ބޫސްޓަރ ޑޯޒެއް ޖަހައިގެން ވެކްސިން ބޭނުންވާ އެންމެންނަށް ވެކްސިން ނުލިބޭނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ އެޑްވައިޒަރ ބްރޫސް އެލްވަރޑް ވިދާޅުވީ އާބާދީގެ 10 އިންސައްތައަށް ވެކްސިން ނުދެވޭ 36 ގައުމެއް އެބައޮތް ކަމަށެވެ. ނުރައްކާތެރި ބަލިތައް ޖެހިފައިވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް އަދިވެސް ވެކްސިން ނުޖެހޭކަމަށް ބްރޫސް ވިދާޅުވިއެވެ.