އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ މުޅި ޞިއްޙީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، ޣައްޒާ އަށް ބޭނުންވާ ބޭސް އަދި މެޑިކަލް ސާމާނުގެ ސަޕްލައި އަންގާރަ ދުވަހު އެތެރެ ކުރާނެ ކަމަށް ހާމަކޮށްފި އެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާ އިން އަންގާރަ ދުވަހު އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ބޭހާއި އަދި މެޑިކަލް ސާމާނު އެކުލެވޭ ޓްރަކުތައް އަންގާރަ ދުވަހު ޣައްޒާ އަށް ވަންނާނެ ކަމަށެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ބުނެފައި ވަނީ އެ ތަކެއްޗަކީ ޣައްޒާގެ ބަލި މީހުންނާއި، ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަރަށް މުހިންމު އަދި އަވަސް ޚިދުމަތުގެ ސާމާނު ތަކެއް ކަމަށެވެ. ނަމަވެސް، އެ ތަކެތީގެ ތެރޭގައި ކާބޯ ތަކެތި ހިމެނިފައި ނުވާ ކަމަަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ބުނެފައި ވަނީ، އެހީގެ ސާމާނު ހިފައިގެން ދަތުރު ކުރާ އުޅަނދު ފަހަރުތަަކށް ރައްކާތެރިކަން ބޭނުންވާނެ ކަަމަށެވެ. އަދި އެ އުޅަނދުތަަކށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރުމަށާއި، އެ ސާމާނު ހޮސްޕިޓަލްތަކާ ހަމައަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް އެހީތެރިވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އެ ވުޒާރާ އިން ބުނީ އެއީ ބަލި މީހުންގެ އިތުރުން، ޒަޚަމުވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ވެސް ބޭނުންވާ ތަކެތި ކަމަށެވެ. އަދި އެ އިންސާނީ އެހީގެ މަގު ތަނަވަސްވުމަކީ ޣައްޒާގެ ޞިއްޙީ ޚިދުމަތްތައް ދެމެހެއްޓުމަށް އުޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.
އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި ވަނީ ޣައްޒާ ޞިއްޙީ ތަންތަނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ. މުހިންމު ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމުގެ އިތުރުން، ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅާފައިވާތީ ހޮސްޕިޓަލްތައް ހިންގުމަށް ވެސް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ.