ސްރީލަންކާއަށް މިވަގުތު ކައްކާ ގޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކާއެކު އެގައުމުގެ މަޝްހޫރު ފައިވް ސްޓާރ ހޮޓަލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަން ފަށައިފިއެވެ.
ކޮލަމްބޯގެ މަޝްހޫރު ހޮޓަލެއްކަމުގައިވާ ގެލް ފޭސް ހޮޓަލުން ކެއްކުމަށް ދަރު ބޭނުންކުރަން ފަށާފައިވާކަމަށް ސިންހަޅަ ނިއުސްގައި ވަނީ ރިޕޯޓްކޮށްފައެވެ. މިގޮތުން ދަރު ބޭނުންކޮށްގެން ކެއްކުމަށް ހޮޓަލާއި ކައިރީގައި ވަކިން ތަނެއް ހަދައިގެން އެތަނުގައި ކައްކަމުން އަންނަ ކަަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މީގެއިތުރުން ފައިވް ސްޓާރ އެހެން ހޮޓަލްތަކުގައިވެސް ކެއްކުމަށް އަންނަނީ ދަރު ބޭނުންކުރަމުންނެވެ. އަދި ބައެއް ކުދިކުދި ހޮޓާތައް ގޭސް ނުލިބިގެން ވަނީ ބަންދުކޮށްފައެވެ.
ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވް ވަނީ ބޮޑުތަނުން ދަށަށްގޮސްފައެވެ. އެއާއެކު އެގައުމަށް މުދާ އެތެރެކުރުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެންކަމުން ސްރީލަންކާއިން ވަނީ އެގައުމަށް ބައެއް މުދާ އެތެރެކުރުން މިވަގުތު ހުއްޓާލާފައެވެ.
އެހެންކަމުން ގޭސް ފަދަ އަސާސީ ތަކެތި ލިބުމުގައި ސްރީލަންކާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ގޭހުގެ އަގު މިހާރު ވަނީ ދެ ގުނަ ބޮޑުވެފައިކަަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ. ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު 30 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ބީބީސީން ބުނެއެވެ. މިއާއެކު ސްރީލަންކާގެ ބައެއް ރައްޔިތުން މިހާރު ކަނީ ދުވާލަކު އެއްފަހަރުއެވެ. އަދި ގޭސް ނުލިބުމުގެ ސަބަބުން އެމީހުންވެސް ކެއްކުމަށް ބޭނުންކުރަމުން އަންނަނީ ދަރެވެ.
ކޮވިޑް-19 ޕެންޑަމިކާއެކު ސްރީލަންކާއަށް އެންމެ ބޮޑަށް އާމްދަނީ ލިބެމުން އައި ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެއާއެކު އާމްދަނީ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެއިތުރުން ލަންކާގައި ހިންގަމުންދިޔަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ލޯނު އަނބުރާ ދައްކަންޖެހުމާއެކު ލަންކާއަށް ވަނީ އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ލަންކާގެ މިހާރުގެ ހާލަތަށް ބަލާއިރު މިއަހަރު ތެރޭގައި ލަންކާ ބޭންކްރަޕްޓް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިގުތިސާދީ މާހިރުން ބުނެއެވެ.
ކުރިޔަށް އޮތްތަނުގައިވެސް ލަންކާއަށް މުދާ އެތެރެކުރުން މަދުކުރާނެ ކަމަށް ބެލެވޭއިރު މިހާރަށްވުރެ ބޮޑަށް ލަންކާގެ ރައްޔިތުންނަށް އަސާސީ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވާނެކަމަށް މާހިރުން ބުނެއެވެ.