އިސްރާއީލްގެ ފައުޖުތަކުން ހަމާސްއަށް ރައްދުގައި ވައިގެ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާ ދީފައިވަނީ ގާޒާގައި ހަމާސް ޖަމާއަތުގެ މީހުން ތިބޭ ސަރަހައްދުތަަކަށް އަމާޒުކޮށް ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެއެވެ. އިސްރާއީލުން ހަމަލާ ދީފައި މިވަނީ ގާޒާގެ ރޮކެޓުތައް ތަޖުރިބާކުރުމަށް މެޑިޓެރޭނިއަން ކަނޑަށް ރޮކެޓް ފޮނުވާލިތާ އެއް ދުވަސް ފަހުންނެވެ.
މި އަމާޒުކޮށްފައިވަނީ ހަމާސްއިން ރޮކެޓް އުފައްދާ ކާރުޚާނާއަކަށެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އައު އަހަރު ފާހަަގަކުރުމަށް ބަޑިބޭހުގެ ކުޅިވަރުތަކާއެކު ޖައްވު ދިއްލާލާފައި ވަނިކޮށް ގާޒާއިން އިސްރާއީލަށް އަމާޒުކޮށް އައީ މުޅިން ތަފާތު ބަޑިބޭހުގެ ހަމަލާއެއް ކަމަށެވެ.
ގާޒާއިން ފޮނުވާލި ރޮކެޓަކީ ސީދާ އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓެއް ކަމެއް މިހާތަނަށް ސާފު ނުވެއެވެ. މީގެ ކުރިންވެސް ޓެސްޓް ކުރުުމުގެ ގޮތުން މެޑިޓެރޭނިއަން ކަނޑަށް ރޮކެޓްތައް ފޮނުވައެވެ.
ހަމާސްގެ ތަރުޖަމާނު އަލްޖަޒީރާއަށް ބުނެފައިވަނީ، އިސްރާއީލުން ފޮނުވާލި ހަމަލާތަކުގައި ދަނޑު ބިންތައް ހަލާކުވި ކަމަށެވެ. ރައްޔިތުންނަށް ގެއްލުންވާތަން ބަލަން ހަމާސްއިން ނުތިބޭނެކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަަމަށް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.