Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 09:49
ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ޖަރުމަނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ޖަރުމަނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން
ޖަރުމަނުގެ ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މުޒާހަރާގައި 12،000 މީހުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް، އެ މުޒާހަރާ އިންތިޒާމު ކުރި ބީއެސްޑަބްލިއު ޕާޓީ އިން ބުނެފައި ވަނީ، މުޒާހަރާގައި 20،000 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ފަލަސްޠީނަށް ތާއީދުކޮށް ޖަރުމަނުގެ ބާލިންގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރި ވެއްޖެ އެވެ.

ބްރެންޑެންބާގް ގޭޓު ކުރިމަތީގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައި ވަނީ، ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމު ވަގުތުން ހުއްޓާލުމަށެވެ. މީގެ އިތުރުން، ޖަރުމަނުން ޔުކްރެއިން އަށް ފޯރުކޮށްދެމުން އަންނަ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ޖަރުމަނުގެ ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މުޒާހަރާގައި 12،000 މީހުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް، އެ މުޒާހަރާ އިންތިޒާމު ކުރި ބީއެސްޑަބްލިއު ޕާޓީ އިން ބުނެފައި ވަނީ، މުޒާހަރާގައި 20،000 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން ޖަރުމަނުގެ ނުރުހުން އިސްރާއީލް އަށް މިހާރު އަމާޒުވެފައިވާއިރު، މިއީ ފަލަސްޠީނަށް ތާއީދުކޮށް ޖަރުމަނުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ ކަމަށް ވަނީ ބުނެފަ އެވެ.

އެ މުޒާހަރާގައި ބައިވެރިވުމަށް ހެމްބާގް އިން އައި 20 އަހަރުގެ ކިޔާ ކުއްޖެއް ކަމަށްވާ މަރީ އަޓްވާން ބުނެފައި ވަނީ، އިސްރާއީލް އަށް ހަތިޔާރު ފޯރުކޮށްދިނުން ޖަރުމަނުން މުޅިން ހުއްޓާލަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ޖަރުމަނު ސަރުކާރުން އެކަން ހުއްޓައި ނުލައިފި ނަމަ، އެއީ ޣައްޒާގައި އިސްރާއީލް އިން ހިންގާ ޖަރީމާ ތަކާއި، މަރުގެ އަމަލު ތަކަށް ޖަރުމަނުން ތާއީދު ކުރުން ކަމަށެވެ.

މީގެ އިތުރުން އެ މުޒާހަރާގައި ބައިވެރިވި އުމުރުން 22 އަހަރުގެ އެލިޓް ހަދިލޮވިޗް ބުނީ، ޣައްޒާގައި އެތައް މައުސޫމް ކުޑަ ކުދިންނެއް މަރަމުން ގެންދިޔުމާއި، އެތައް ހާސް ބަޔަކު ބަނޑުހައި ހޫނު ކަމުގައި އެޅެން ޖެހިފައިވުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަަމަށެވެ.

މުޒާހަރާގައި ވާހަކަ ދައްކަމުން ބީއެސްޑަބްލިއުގެ މުއައްސިސް ސަހްރާ ވާގެންކްނެޗް ބުނެފައި ވަނީ، މެދު އިރުމަތީގައި އަދި ޔުކްރެއިންގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސުލްހަވެރި މަޝްވަރާތަަކަށް ޖަރުމަނު ސަރުކާރުން އިސް ނަގަން ޖެހޭ ކަމަށެވެ.

އިސްރާއީލްގެ އަމަލުތައް ހުރި ގޮތުން، އަދި މުޅި ޣައްޒާ ސިޓީ އިސްރާއީލްގެ ބާރުގެ ދަށަން ގެނައުމަށް ހަނގުރާމަ ފުޅާ ކޮށްފައިވާއިރު، އިސްރާއީލް އަށް ޖަރުމަނުން ދެމުން އައި ތާއީދު ބަދަލުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ޚާއްސަކޮށް ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތި ވަމުން އަންނަ އިންސާނީ ޙާލަތު ގޯސްވަމުން ދިޔުމާ އެކު، އިސްރާއީލްގެ އަމަލުތަކާ މެދު ޖަރުމަނުން ދަނީ އިންތިހާ އަށް ފާޑު ކިޔަމުންނެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް