އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ދެ ދައުލަތުގެ ޙައްލު ހޯދުމަށް، އދ އިން ފާސް ކުރި ނިއު ޔޯކް ޑެކްލަރޭޝަން ޤަރާރަށް އިސްރާއީލް އިން ފާޑު ކިޔައިފި އެވެ.
ހުކުރު ދުވަހު ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގައި ވަނީ އެ ޤަރާރު ފާސްކޮށްފަ އެވެ. ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން އިސް ނަގައިގެން ހުށަހަޅާފައިވާ އެ ޤަރާރު ފާސްކޮށްފައި ވަނީ 142 ވޯޓުންނެވެ. އެ ޤަރާރާ ދެކޮޅަށް 10 ޤައުމަކުން ވޯޓު ދިންއިރު، 12 ޤައުމަކުން ވޯޓުގައި ބައިވެރި ނުވެ އެވެ.
އެކަމާ ގުޅިގެން އިސްރާއީލްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޔޯރެން މާމޯސްޓީން ބުނެފައި ވަނީ، އދ އިން ފާސް ކުރި ޤަރާރަކީ ހަމާސް ޖަމާއަތަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ހިތްވަރު ލިބޭނެ ޤަރާރެއް ކަމަށެވެ. އަދި އެ ޤަރާރަށް އިސްރާއީލް އިން މުޅިން ދެކޮޅު ހަދާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އޭނާ ބުނެފައި ވަނީ، އެ ޤަރާރުގެ ސަބަބުން ދައްކުވައި ދެނީ އދ ގެ ޖެނަރަލް އެސްމްބްލީ މުޅިން ހަޤީގަތާ އެއްކިބާވެ، ސިޔާސީ ސަހަރަކަށް ބަދަލުވެފައިވާވުން ކަމަށެވެ. އޭނާ ބުނީ ޣައްޒާ ހަނގުރާމަ ކުރިއަށް ދަނީ، ހަނގުރާމައިގެ ތެރޭގައި ހަމާސް އިން ރަހީނު ކޮށްފައިވާ މީހުން ދޫކޮށްލުމާއި، ހަތިޔާރު ދޫކޮށްލުމަށް އެ ޖަމާއަތުން އިންކާރު ކުރާތީކަން އެ ޤަރާރުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.
ހަމަ އެހެންމެ، އެ ޤަރާރުން ސުލްޙަވެރި ކަމަށް މަގު ފަހި ނުކުރާ ކަމަށާއި، އޭގެ ބަދަލުގައި އެ ޤަރާރުން ހަމާސް ޖަމާއަތަށް ހަނގުރާމަ އިތުރަށް ކުރިއަށް ގެންދިޔުމަށް ހިތްވަރު ލިބިގެން ދާ ކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
އެ ޤަރާރުގައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު، ހަމާސް އިން އިސްރާއީލްގެ އާންމު ރައްޔިތުންނަށް ދިން ހަމަލާ ކުށްވެރި ކޮށްފަ އެވެ. އަދި އެ ދުވަހުގެ ހަމަލާ އަށް ފަހު، ހަމާސް އިން ރަހީނު ކޮށްފައިވާ އެންމެން ދޫކޮށްލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން އެ ޤަރާރުގައި ވަނީ، ހަމާސް ޖަމާއަތުން ޣައްޒާގެ ވެރިކަން ދޫކޮށްލުމަށާއި، ފަލަސްޠީނުގެ އޮތޯރިޓީ އަށް ހަތިޔާރުތައް ހަވާލު ކުރުމަށް ގޮވާލާ ކަމަށެވެ. މި ޤަރާރަކީ މިނިވަން އަދި އަމިއްލަ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމުގެ މަޤުސަދުގައި ހުށަހަޅާފައިވާ ޤަރާރެއް ކަމަށް ވަނީ ބަޔާން ކޮށްފަ އެވެ.