ކ. މާލެ
|
3 ޖުލައި 2021 | ހޮނިހިރު 10:02
ޖޯންސަން އެންޑް ޖޯންސަނުން އުފައްދާފައިވާ ކޮވިޑް ވެކްސިން
ޖޯންސަން އެންޑް ޖޯންސަނުން އުފައްދާފައިވާ ކޮވިޑް ވެކްސިން
ރޮއިޓަރސް
ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިން
ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ޖޯންސަން އެންޑް ޖޯންސަން ވެކްސިން މަސައްކަތްކުރޭ
ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ދިގު މުއްދަތަކަށް ރައްކާތެރިކަންދޭ
ފައިޒަރ ވެކްސިނާއި އެސްޓްރަޒެނިކާ ވެކްސިން އަދި މޮޑާނާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާކަން ވަނީ ހޯދިފައި

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެއް ޑޯޒް ޖަހާ ހަމައެކަނި ވެކްސިން ކަމުގައިވާ ޖޯންސަން އެންޑް ޖޯންސަން މަސައްކަތްކުރާ މިންވަރު ރަނގަޅުކަމަށް ލެބޯޓްރީއެއްގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި 8 މީހެއްގެ ލޭގެ ސާމްޕަލް ނަގައިގެން ލެބޯޓްރީއެއްގައި ކުރިޔަށް ގެންދިޔަ މި ދިރާސާއިން ހާމަވެފައިވަނީ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މިވެކްސިން ޖެހި މީހުންގެ ހަށިގަނޑުން އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ވަނީ 1.6 އިންސައްތަ ވައިރަސްގެ އަސްލު ވޭރިއަންޓަށްވުރެ ދަށްވެފައެވެ. މިއީ ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ބީޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް ވަނީ އެނގިފައެވެ.

މިދިޔަ އަހަރު ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބީޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ދިރާސާއިން ހާމަވެފައިވަނީ 66 އިންސައްތަ ކާމިޔާބު ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ޗީފް ސައިންޓިފިކް އޮފިސަރ ޕައުލް ސްޓޮފެލްސް ވިދާޅުވީ ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ދިގު މުއްދަތަކަށް ރައްކާތެރިކަން ދޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ ވޭރިއަންޓާ ދެކޮޅަށް އެކަށީގެންވާ މިންވަރަކަށް ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް އައިއިރު ކުރިޔަށް ގެންދިޔަ ދިރާސާތަކަށް ބަލާލާއިރު ފައިޒަރ ވެކްސިނާއި އެސްޓްރަޒެނިކާ ވެކްސިން އަދި މޮޑާނާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާކަން ވަނީ ހޯދިފައެވެ.

އެގޮތުން ޑެލްޓާ ވޭރިއަންޓް ޖެހިގެން އަލާމާތްތައް ފެންނަ މީހުން ފައިޒަރ ވެކްސިންގެ ދެ ޑޯޒް ޖަހާތާ ދެހަފްތާ ފަހުން ވެކްސިންގެ އަސަރު ކުރާ މިންވަރު ހުންނަނީ 88 އިންސައްތައިގައެވެ. ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންނަށް އެސްޓްރަޒެނިކާ ވެކްސިންގެ ދެ ޑޯޒްގެ އަސަރުކުރާ މިންވަރު ހުންނަނީ 60 އިންސައްތައިގައެވެ.

ޑެލްޓާ ވޭރިއަންޓަކީ ދުނިޔޭގައި މިހާރު އެންމެ ހަލުވިމިނުގައި ފެތުރެމުން އަންނަ ވޭރިއަންޓެވެ. މީގެއިތުރުން މިވޭރިއަންޓް އަންނަނީ ހަލުވިކަމާއެކު ޒުވާނުންގެ މެދުގައިވެސް ފެތުރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް