ކ. މާލެ
|
28 މެއި 2021 | ހުކުރު 21:51
ޖަރުމަނުވިލާތުގެ  ޚާރިޖީ ވަޒީރު ހެއިކޯ މާސް
ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް
ގެޓީ އިމޭޖަސް
ޖަރުމަނުން ނެމީބިއާގައި ހިންގި ގަތުލުއާއްމު
ނެމީބިއާގައި ގަތުލުއާއްމު ހިންގި ކަމަށް ޖަރުމަނުން އެއްބަސްވެއްޖެ
ގަތުލުއާއްމު ހިންގި ކަމަށް އެއްބަސްވީ އެގައުމުގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި
ނެމީބިއާގެ ތަރައްގީއަށް 1.34 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ޖަރުމަނުން ވަނީ ނިންމާފައި

ޖަރުމަނުގެ އިސްތިއުމާރީ ވެރިކަމުގައި، ނެމީބިއާގައި ގަތުލުއާއްމެއް ހިންގިކަމަށް ރަސްމީ ގޮތެއްގައި އެގައުމުން އެއްބަސްވެއްޖެއެވެ.

ޖަރމަން ސައުތު ވެސްޓް އެފްރިކާގެ ނަން ދީފައި އޮތް ނެމީބިއާ، ޖަރުމަނުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތީ 1884 ން 1915އާ ޖެހެންދެނެވެ. އަދި ޖަރުމަނުގެ އަސްކަރީ އެޑްމިނިސްޓްރޭޝަނުން އޭރު އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ އޭރޭރޯ އާއި ނާމަ ދަރިކޮޅުގެ އެތައް ހާސް މީހުން، 1904 ން 1908 އާއި ދެމެދު މެރިއެވެ. އެއީ އެ މީހުންގެ ބިންތަކާއި ގެރިބަކަރި އަތުލުމާއި ދެކޮޅަށް ތެދުވުމުންނެވެ.

އެދުވަސްވަރު މަރުވި މީހުންގެ އަދަދު ޔަގީން ނުކުރެވުނު ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގެ ގަތުލުއާމުގައި އެރޭރޯ ދަރިކޮޅުގެ 60،000 ވަރަކަށް މީހުންނާއި, ނާމަ ދަރިކޮޅުގެ 10،000 ވަރަކަށް މީހުން މެރިކަމަށް ލަފާ ކުރެވެއެވެ.

ހުކުރު ދުވަހު އެގައުމުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް ވަނީ ފުރަތަމަ ފަހަރަށް އެ ގަތުލުއާމު ހިންގި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. މާސް ވިދާޅުވީ ޖަރުމަނުގެ އެ އަމަލުތަކަށް މާފަށް އެދޭނެ ކަމަށާއި، އެގައުމުން ނެމީބިއާއަށް މާލީ އެހީ ދޭނެ ކަމަށެވެ.

މީގެ އިތުރުން އެ ގަތުލުއާއްމުގެ ސަބަބުން ނެމީބިއާއަށް ލިބުނު އަނިޔާ އާއި ކެކުޅުން ޖަރުމަނުން ދެނެގަންނަކަމުގެ ނިޝާނެއްގެ ގޮތުން ނެމީބިއާގެ ތަރައްގީއަށް 1.34 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް މާސް ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެގައުމުން ގަތުލުއާއްމު ހިންގިކަމުގެ ޑެކްލަރޭޝަނެއްގައި އަންނަ މަހު ސޮއިކޮށް އެ ލިޔުން އެގައުމާއި ނެމީބިއާގެ ޕާލިމެންޓުން ތަސްދީގުކުރާނެއެވެ. އަދި އެއަށްފަހު ޖަރުމަނުގެ ރައީސް ނެމީބިއާއަށް ވަޑައިގެން ރަސްމީކޮށް މާފަށް އެދިވަޑައިގަންނަވާނެއެވެ.

- ކޮމެންޓް