Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 07:31
ޖަރުމަނުގެ ބާލިންގައި ސެޕްޓެމްބަރު 13، 2025 ގައި ޣައްޒާގައި ސުލްހަ ގާއިމު ކުރުމަށާއި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް މުޒާހަރާ ކުރަނީ
ޖަރުމަނުގެ ބާލިންގައި ސެޕްޓެމްބަރު 13، 2025 ގައި ޣައްޒާގައި ސުލްހަ ގާއިމު ކުރުމަށާއި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް މުޒާހަރާ ކުރަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް
ބަރލިންގައި 12,000 އަށްވުރެ ގިނަ މީހުން އެއްވެ، ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރި އިރު، ޣައްޒާގެ ހަނގުރާމައިގައި މިހާތަނަށް 64,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، ބަނޑުހައިހޫނުކަމާއި އިންސާނީ ހާލަތު ދަނީ ގޯސްވަމުންނެވެ.

ބަރލިންގެ މަޝްހޫރު ބްރެންޑެންބަރގް ގޭޓް ކުރިމަތީގައި ހޮނިހިރު ދުވަހު ޖަރުމަނުގެ އެތައް ހާސް މީހުން އެއްވެ، ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި އަޑު އުފުލައިފިއެވެ.

ޖަރުމަނުގެ ވެރިރަށުގެ މެދުތެރޭގައި ބޭއްވުނު މި އެއްވުމުގައި، ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުން، ގާތްގަނޑަކަށް 12,000 މީހުން ބައިވެރިވިއެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކާ ދެކޮޅަށް އެމީހުން އަޑުއުފުލާފައި ވެއެވެ.

ނަމަވެސް މި އެއްވުން އިންތިޒާމުކުރި ޖަރުމަނުގެ އެންމެ ބޮޑު ވައަތުފިޔައިގެ ޕާޓީ ބީއެސްޑަބްލިއު އިން ބުނާ ގޮތުން، 20,000 މީހުން އެއްވުމުގައި ބައިވެރިވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއީ ފާއިތުވި މަސްތަކުގައި ޖަރުމަނުގައި ބޭއްވުނު ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަމުގެ އެއްވުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް އެއްވުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

20 އަހަރުގެ ދަރިވަރެއް ކަމަށްވާ މެރީ އަޓްވާން އޭއެފްޕީ އަށް ބުނިގޮތުގައި، އޭނާ ހެމްބަރގް އިން އެއްވުމުގައި ބައިވެރިވާން އައީ އިސްރާއީލަށް ޖަރުމަނުން ހަތިޔާރު ފޯރުކޮށްދިނުން "މުޅިން ހުއްޓާލުމަށް" ގޮވާލުމަށެވެ.

އޭނާ ބުނިގޮތުގައި، ހަތިޔާރު ވިއްކުން މަނާ ނުކުރުމަކީ ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކަށް އަށް ތާއީދުކުރުން ކަމުގައެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިޗް މެރޒް އޯގަސްޓް މަހު ވަނީ ބައެއް ހަތިޔާރު އެކްސްޕޯޓް ކުރުން މަނާކުރުމުގެ ފިޔަވަޅު އަޅުއްވާފައެވެ. އަދި އެކަން އިއުލާނު ކުރެއްވި އިރު އޭނާ ވަނީ، ޣައްޒާގައި ބޭނުން ކުރެވިދާނެ ހަތިޔާރުތައް އެކްސްޕޯޓް ކުރުން މުޅިން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ.

މުޒާހަރާގައި ބައިވެރިވި އެހެން ޒުވާނަކު އޭއެފްޕީ އަށް ބުނިގޮތުގައި، "މަޢުޞޫމު ކުޑަކުދިން މަރުވެ، ބަނޑުހައިހޫނުކަމުގައި" އުޅެންޖެހިފައިވާ ޣައްޒާގެ ހާލަތުން އޭނާ އަށް ސިހުން ލިބިފައިވާ،" ކަމަށެވެ.

ޣައްޒާގެ ހަނގުރާމަ ފެށުނީ އޮކްޓޯބަރު 2023 ގައެވެ.

ޣައްޒާގެ ސިއްޙީ އިދާރާތަކުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުން، އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 64,756 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ. އދ. އިން މި ތަފާސްހިސާބު ތަކަކީ އިތުބާރު ހުރި ތަފާސްހިސާބު ތަކެއް ކަމަށް ބަލައެވެ.

- ކޮމެންޓް