"ލޯބިވާ މަންމައަށް، އަޅުގަނޑު ވަރަށް ވަރަށް ބިރު އެބަ ގަނޭ. ދެމީހުން ޝަހީދު ކޮށްލައިފި ނަމަ ދެމީހުން އެއްކޮށް ވަޅުލައިދޭށޭ ބުނައްޗޭ. މި ދުނިޔެއާއި ވަކިވިޔަސް ބޭނުންވަނީ މަންމަގެ ގާތުގައި ވުމަށް. އަޅުގަނޑު މި ދުނިޔެއާއި ވަކި ވެއްޖެ ނަމަ އަދިއަދަށް ދާންދެން ވެސް ލުމުގެ ފުރުސަތު ލިބިފައިނުވާ އީދު ހެދުން ލައްވައްޗޭ މަންމާ. ލޯބިވާ ދަރިފުޅު، ޒައިނާ."
މިއީ ފަލަސްތީނަށް ނިސްބަތްވާ ކުޑަކުޑަ ޒައިނާ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވެ، އޭނާގެ މަންމައާއި ވަކިވެގެން ހިނގައިދާނެ ކަމުގެ ބިރަށް ލިޔެފައިވާ ކުރު ސިޓީއެކެވެ. މިއީ ކުޑަކުޑަ ހިތުގައިވާ އުދާސްތަކާއި، ބިރެވެ. ޒައިނާގެ ދެ ލޯ ކުރިމަތީގައި ހިނގަމުންދާ ބިރުވެރި ހަނގުރާމައިން ސަލާމަތް ވާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތި މިއަދުވެސް މަރުވެދާނެ ކަމަށް ތައްޔާރު ވެފައިވާ މިންވަރެވެ.
ވޭނީ ރުއިމުގެ އަޑުން މުޅި ފަލަސްތީނު ގުގުމާލައިފިއެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި، އާއިލާ ގެއްލި ބިކަވެ، ނިކަމެތިވެއްޖެއެވެ. ޒައިނާ ފަދައިން އެތައް ކުދިންނެއް އިސްރާއީލުން ހިންގަމުންދާ ނުބައި ނުލަފާ އަމަލަށް ބިރުން ސިހިސިހި ތިބޭއިރު އެތައް ކުދިންނެއް ޔަތީމުވެއްޖެއެވެ. އެތައް ކުދިންނެއްގެ މައިންބަފައިން އެ ކުދިންގެ ހައްގުގައި، އެ ފަސްގަނޑުގެ ހައްގުގައި ނިކުމެ އަޑުއުފުލާން ތިއްބާ އެ ކުދިންގެ ކުރިމަތީގައި ޝަހީދު ކޮށްލައިފިއެވެ. ހަދާނެ ގޮތެއް، ދާނެ ތަނެއް ނެތި އެތައް ފުރާނައެއް ހުރިހާ އުފާތަކުން މަހުރޫމު ކޮށްލައިފިއެވެ. ހަށިގަނޑުގައި އަޅާވޭން އިހުސާސެއް ނުވެއެވެ. އެއަށް ވުރެ ހިތަށް ކުރާ އަސަރު މާބޮޑެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއެކު ކުޑަކުދިން ފިލާ ކުޅެމުންދާއިރު ފަލަސްތީނުގެ ކުޑަކުދިން ފިލާ ތިބެނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. އެހެން ކުދިން އައު ހެދުން ލައިގެން ނަލަހެދޭއިރު ފަލަސްތީނުގެ ކުދިން އެދެމުންދަނީ މަރުވުމުން އައު ހެދުމުގައި ކަފުންކޮށް ވަޅުލުމަށެވެ. އެހެން ކުދިން އެކުދިންގެ މައިންބަފައިނާއެކު ދަތުރު ގޮސް، އެކުގައި ވަގުތު ހޭދަކުރަމުން ދާއިރު ފަލަސްތީނުގެ ތުއްތު ކުދިން އެދަނީ އެކުދިންގެ މައިންބަފައިންނާ އާއިލާއާއި ވަދާއީ ސަލާން ކުރަމުންނެވެ.
އެންމެ ފަހުން އުފަލުން ހީލެވުނީ ކޮންދުވަހެއްގައި ކަން ހަނދާނެއް ނެތެވެ. އިސްރާއީލުގެ ރަހުމެއް ނެތް އަމަލުތަކުން ހިނިތުންވުމާ އުފާވެރިކަމަކީ ކޮންއެއްޗެއް ކަން ވެސް ނޭނގި ތިއްބާ އެ ހައްގު ފޭރިގެންފިއެވެ. ބޮންތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ ގެތަކާއި ކުނިބުނީގެ ތެރެއިން އަންނައުނާއި އެތައް ހަނދާންތަކަކާއި ގުޅިފައިވާ ތަކެތި ހޮވަން ބޭނުންވެއެވެ. ނަމަވެސް އެކަން ކޮށްލާނެ ވަގުތެއް މިއަދު އެކުދިންނަކަށް ނެތެވެ. މިއީ ޒައިނާ ފަދައިން ފަލަސްތީނުގައި ދިރިއުޅެމުން އަންނަ އެތައް ތުއްތު ފުރާނައެއްގެ ވޭނާއި ކެކުޅުމުގެ އަޑެވެ. ޒައިނާގެ ސިޓީގެ ފަހަތުގައި ވެއެވެ. "އަހަރެމެންނަކީ އަރަބީންނެވެ. އަހަރެމެންނަކީ މިނިވަން ބައެކެވެ."