ދިވެހިރާއްޖެއަށް އިސްލާމީ އަލިކަމުގެ ނޫރު ފައުޅުވީ މީގެ 800 އެތައް އަހަރެއް ކުރިންނެވެ. ރާއްޖެ އިސްލާމްވީ ގޮތާ ބެހޭގޮތުން ތާރީޚީ އިލްމުވެރިންގެ މެދުގައި ތަފާތު ބަހުސްތައް ކުރެވިފައި އެބަހުއްޓެވެ. މިއިން ކޮންމެ ބަހުސެއްގައި ވެސް އަލިއަޅުވާލެވޭ މައިގަނޑު އެއް ވާހަކައެއް އެބައޮތެވެ. އެއީ ނުބައި ނުލަފާ ކާފަރު ޖިންނިއެއްގެ ވާހަކައެވެ. ބިކުރުވެރި ބަނިޔާދަން އަންހެންކުދިންގެ ހަށިގަނޑާއި ފުރާނައަށް ފެންބޮވައިގެންފައިވާ ވަހުޝީ ހައިވާނެއްގެ ވާހަކައެވެ. ކަނޑުގެ މާރިދު ރަންނަމާރީގެ ވާހަކައެވެ.
މިދެންނެވި ރަންނަމާރިއަކީ ޖިންނިއެއްކަމެއް، ހާމުދުރެއްކަމެއް ނުވަތަ ރަސްކަލެއްކަމެއް ޔަގީންނުވާ ދަރަޖައަށް ތާރީޚުގައި މީނާގެ ވާހަކަ ލިޔެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް ރަންނަކަލޯ ހިންގާ ޖަރީމާއަކަށް ބަދަލެއް ނާދެއެވެ.
ދުވަސްވަރަކީ ދިވެހިރާއްޖޭގެ އަހުލުވެރިން މުޝްރިކުން ކަމުގައިވި ޒަމާނެވެ. ކޮންމެ ހަނދުމަހެއްގެ ހަނދުފޮއިރޭ އެއްކަލަ ރަންނަމާރި އެބަ ފައުޅުވެއެވެ. ފުރޭތަ އަރައިގެން އަންނަނީ ކަނޑުން ކަމުގައި ބުނެވެއެވެ. މި އެތީގެ ކިބައިން ސަލާމަތް ވުމަށް ދިވެހީން ކުރާކަމަކީ، އިރުއޮއްސުމުން ބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައިގެން ގެންގޮސް ހެންވޭރުކޮޅު އަތިރިމަތީގައި ހުންނަ ބުދުކޯލެއްގައި ބައިންދަނީއެވެ. ދެން ހާގޮވުމުން ބުދުކޯލަށް ދާއިރު އަންހެންކުއްޖާ އޮންނަނީ އިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރާލާފައެވެ. ކޮންމެ މަހަކު އެއްފަހަރު މި އަނިޔާވެރި އަމަލު ތަކުރާރު ވަމުންދެއެވެ. ރަންނަމާރިއަށް ވެދުންކުރުމަށް ބުދުކޯލަށް ގެންދާނެ ފުރާވަރުގެ އަންހެން ކުއްޖަކު، މަހަކު އެއްފަހަރު ގުރުއަތުން ހޮވައެވެ.
މިހާލެއްގައި ވޭންދެނިވި ދިރިއުޅުމެއް އުޅެމުން ދަނިކޮށް، އީރާނުގެ ތަބްރޭޒޭ ކިޔުނު ރަށުން ގުރުއާން ހިތުދަސް، ދަންނަބޭކަލަކު ރާއްޖެއަށް ވަޑައިގެންފިއެވެ. ނަންފުޅަކީ އަބުއްރިކާބު ޔޫސުފް އައްތަބްރޭޒީއެވެ. މިފަހަރު ރަންނަމާރިއަށް ގުރުބާން ކުރުމަށް ގުރުއަތުން ހޮވުނީ، ތަބްރޭޒީގެފާނު މާލެ ފައިބާވަޑައިގެން ހުންނެވި ގޭގެ ކުއްޖެކެވެ. މިކަމާހުރެ، އެގޭގެ އަންހެންވެރީންނާއި ތަންގަނޑު އަވައްޓެރީން ރޮއެ ހޭރޭން ފެށުމުން، މިރޭ އަންހެން ކުއްޖާގެ ބަދަލުގައި ބުދުކޯލަށް ދާނީ ތިމަންނާ ކަމަށް ތަބްރޭޒީ ވިދާޅުވެއްޖެއެވެ.
އެރޭ ތަބްރޭޒުގެފާނު ބުދުކޯލަށް ވަޑައިގެންނެވީ ވުޟޫ ކުރައްވައިގެންނެވެ. އެތަނުގައި އެކަލޭގެފާން އިންނެވީ ގުރުއާން ކިޔަވާވިދާޅުވާށެވެ. އެރޭ ރަންނަމާރި ކަނޑުން އަރައިގެން އައުމުން ކަންފަތުގައި ޖެހުނީ ގުރުއާނުގެ މާތް ކަލިމަފުޅުތަކެވެ. ޖެހުމާއެކު އެސޮރު ކަނޑުގެތެރެއަށް ގެނބި ޣައިބުވެއްޖެއެވެ.
ރާއްޖޭގެ ރައްޔިތުން ޖަހާލަތުގެ އަނދިރިކަމުން ނިކުމެ އިސްލާމްދީން ގަބޫލުކުރީ މިވާހަކަ އަޑުއިވިފައި ކަމަށް ތާރީޚުގެ ބައެއް ފަތްފުށްތަކުން ފެންނަން އެބަހުއްޓެވެ. ބައެއް ފޮތްފޮތުގައި ރަންނަމާރީގެ ވާހަކަ ހަމައެގޮތަށް ލިޔެފައި އެބަހުއްޓެވެ. އެހެންނަމަވެސް ފަހުގެ ތާރީޚީ އިލްމުވެރިން އަދި ޒުވާނުންނަށް މިވާހަކަ ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އެމީހުން ބުނަނީ ރަންނަމާރިއަކީ ޚިޔާލެއް ކަމަށެވެ. އަންހެން ކުދީންނަށް އަނިޔާ ދިނީ ރަސްގެފާނު ކަމަށެވެ. އެއަށްފަހު އެކަން އޮޅުވާލުމަށް ރަންނަމާރިއޭ ކިޔާ ފުރޭތައެއްގެ ޚަބަރު މުޅި ރަށުތެރެއަށް ފެތުރީ ކަމުގައެވެ. އެހެންނަމަވެސް އޭރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނަކީ އެފަދަ ބޭފުޅެއް ކަމަށް ގަބޫލު ކުރަން ދަތިވެ، އެ އަމަލު ހިންގީ ފައްޅީގެ ހާމުދުރުން ކަމަށް ވެސް ބުނެ އުޅެއެވެ.
ރަންނަމާރީގެ އަސްލަކީ އިންސާނެއް ނުވަތަ ޖިންނި ފުރޭތައެއް ކަމުގައި ވިޔަސް އޭނާ ހިންގި ޖަރީމާއަކީ އެއް ކަމެކެވެ. އެއް ކުށެކެވެ. ނުގަބޫލުން އިންސާނެއްގެ ހަށިގަނޑަށް ބާރު ފޯރުވުމެވެ. އަނިޔާވެރި ގޮތަކަށް ހަށިގަނޑުގެ ލައްޒަތު ފުއްދުމެވެ. ހަމައެހެންމެ ހެއްދެވި ފަރާތްދެކެ ބިރު ނުގަތުމެވެ. ކަން މިހެން އޮތްއިރު، ތަބުރޭޒުގެފާނު ބުދުކޯލުގައި ގުރުއާން ކިޔަވާ ވިދާޅުވާން އިންނެވި ރެޔަކީ ހަގީގަތުގައި ވެސް ރަންނަމާރީގެ ފަހުރޭތޯ ސުވާލު އުފެދެއެވެ. އެހެނީ، އޭގެ އެތައް އަހަރެއްފަހުން ވެސް ރަންނަމާރީގެ ޖަރީމާ މި ފަސްގަނޑަކުން ނުފުހެވުނެވެ. މަގުމަތިން ވެސް ފެންނަނީ އެމަންޒަރެވެ. އެންމެ އަމާންކަން ލިބެންވީ ގޭތެރެއިން ވެސް ލިބެނީ އެ އަނިޔާއެވެ. ނުވިތާކަށް ކިޔަވަންދާ މަދަރުސާގައި ވެސް ރައްކާތެރިކަމެއް ނެތެވެ. ވޭތިވެދިޔަ އެއްމަސް ދުވަހަށް ވިސްނާލިޔަސް އެކަން ރަނގަޅަށް އެނގި ހާމަވެއެވެ.
ރަންނަމާރީގެ ހިޔަނި އެޅިފައިވާ ކަޅު ސަފުހާތަކަށް ނަޒަރު ހިންގާލާއިރު އެންމެ ފުރަތަމަ ވެސް ލޮލަށް ސިފަވަނީ، ދެ ފިރިހެނަކުވެގެން ގަދަބާރުން އަންހެނަކު ގޯޅިގަނޑަކަށް ވެއްދި މަންޒަރެވެ. މިއީ މާލޭގެ ކާރޫބާރޫ ބޮޑު މަގެއްގައި އެތައް ބައެއްގެ ކުރިމަތީ ހިނގި ކަމެކެވެ. މާތްވެގެންވާ މައްސަރެއްގެ ރޭ އަޅުކަން ކުރަން ތިބި ބައެއްގެ މަގަތުގައި ހިންގި އަމަލެކެވެ. އެކަމަކު މަންޒަރުދުއް އެކަކަށް ވެސް އެކަން މަނާކުރާކަށް ނުކެރުނެވެ. އެހެންކަމުން ކަނޑުން ރަންނަމާރި އެރި ދުވަހާއި މިއަދާއި ވަކިން ބޮޑު ތަފާތެއް ކޮބައިހެއްޔެވެ؟
އޭރުވެސް ރަންނަމާރި އަރާ ކޮންމެ ރެޔަކު، އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާކަން ދިވެހީން ދެނެތިއްބެވެ. މިއަދު ވެސް އެފަދައެވެ. ރަންނަމާރި ދެކެ ގަންނާކުރައްވާ ބިރުން، ވީހާލެއްގައި ވާން ދިވެހި އަންހެންކުއްޖަކު ދޫކޮށްލީއެވެ.
ދެންއޮތީ ވެސް އެފަދަ ޖަރީމާއެއްގެ ވާހަކައެވެ. އެކަމަކު ކަނޑުން އެރި މާރިދު ވެސް މި ވާހަކަ އަޑުއިވިފައި އިސްޖަހާނެއެވެ. އުމުރުން އެންމެ ތިން އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ފޯރުވީއެވެ. ފަރިވެ ފޮޅުމުގެ މާކުރިން މަލުގެ މައްޗަށް އަނިޔާވެރިވެގަތީއެވެ. ލަދު ހަޔާތުގެ ވާހަކަ ދައްކާނެކަމެއް ނެތްތާއެވެ. ރަހުމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. އޭރު ރަންނަމާރީގެ ލައްޒަތު ފުއްދާ އުޅުނީ އަލަށް ފަރިވާ މާމެލާމެލީންނެވެ. ފަރި ނުވާ މަލެއް ސުންނާފަތިކޮށްލި ވާހަކަ ތުންތުން މަތިންވެސް އައިސްފައެއް ނުވެއެވެ. އޭރު އެސޮރުގެ އެދުން ފުއްދާ އުޅުނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ދުރުގައި ހުރި ބުދުކޯލެއްގައެވެ. ވުމާއެކު އޭރު އެރި ރަންނަމާރީގެ ނުބައިކަމަށް ވުރެ މިހާރު އުޅޭ ދައްޖާލުންގެ ނުބައިކަން ވީ އިތުރު ތާއެވެ.
ހަމައެކަހަލަ ހަޑިމުޑުދާރު ފިނޑި އަމަލެއްގެ ވާހަކައިން ނިމިދިޔަ މާޗުމަހު ވެސް ހިތްތަކަށް ބިރުވެރިކަމާއި ނަފްރަތު ވެރިވިއެވެ. މަދަރުސާގެ މަސައްކަތެއް ނިންމުމުގެ ދަޅަ ދައްކައިގެން ފަޅުގެޔަކަށް ފުރާވަރުގެ އަންހެންކުއްޖަކު ގެންދިޔައީއެވެ. ގެންގޮސް އަތްފައިބަނދެ ހޭނައްތާލައި އިއްފަތްތެރިކަން ނަގާލީއެވެ. އިހު އެރި ރަންނަމާރީގެ ވާހަކައާ މިވާހަކަ ދާދި އެއްގޮތެވެ. ނަލަހައްދައިގެން ބުދުކޯލަށް ގެންދިޔަ ފަދައިން، މިފަހަރު ގެންދިޔައީ ފަޅު ގެޔަކަށެވެ. އޭރު ބުދުކޯލަށް ދަނީ އެނބުރި ސަލާމަތުން ނާދެވޭނެކަން ދެނެހުރި ހާލު އާއިލާގެ މެންބަރުންނާ ވަދާއީ ސަލާމްކޮށްފައެވެ. އެކަމަކު މިހާރު މިއުޅޭ ފުރޭތައިން، ކުދިން ގެންދަނީ ހައްލާލައިގެން މައިންބަފައިންނަށް ވަގަށެވެ. ލިބެން އުޅޭ އަނިޔާގެ ޒައްރެއްގެ މިންވަރު ވެސް ކުއްޖާއަކަށް އަންދާޒާކޮށްލާކަށް ނޭނގެއެވެ. އޭރުގެ ވާހަކައާ ހުރި ހަމައެކަނި ތަފާތަކީ ފުރާނަނެތް މަސްގަނޑު ބުދުކޯލުން ނެރެން ނުޖެހުމެވެ. ނަމަވެސް އަންހެންކުއްޖާގެ މުޅި ދިރިއުޅުން ކަފުންކޮށް ވަޅުލާންޖެހެއެވެ.
ރަންނަމާރީގެ ވާހަކަ އެހާރާއި މިހާރު އޮތްގޮތަކީ މިއެވެ. ބުދުކޯލަށް އަންހެން ކުއްޖާ ގެންދިޔަ ޒަމާނުގެ ކަންކަމުގެ ހެކިވެރިން ކަމުގައި އަހަރުމެން ނުވަމުއެވެ. އެކަމަކު ފަހުގެ ތާރީޚުގައި ހިންގާ މިފަދަ ނޭއްގާނީ އަނިޔާގެ ހެކިވެރީންނަކީ އަދުގެ ދިވެހީންނެވެ. ވީމާ ރަންނަމާރީގެ ވާހަކައަކީ ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކައެކޭ ބުނުމުގެ ފުރުސަތެއް ނެތެވެ. މިއަދު ރަންނަމާރީންގެ އަމަލުތަކަކީ ހަމައެކަނި މެންދަމު މީހުން ނިދާ ފައިހިލަވަޅު އޮބުމުން ހިންގޭ ކަންކަމެއް ނޫނެވެ. ރޭގަނޑާއި ދުވާލު އެތައް ބައެއްގެ ކުރިމަތީ ހިނގާ ކަންކަމެވެ. މިއިން އެނގިގެން ދަނީ ރަންނަމާރީގެ ވާހަކައަކީ ހަގީގަތެއް ކަމެވެ. ގުރުއާނުގެ ކަލިމަފުޅުތަކުގެ ބިރަށް ކަނޑުން އެރި މާ ރަންނަމާރި ފިލާއްޖެއެވެ. އެކަމަކު އޭނާ ހިންގި އަމަލު އަދިވެސް ދިރި އެބަހުއްޓެވެ. ރަންނަމާރި އެދިޔައީ ފަހެ އޭނާގެ އައުވާނުން މުޅި ރާއްޖެއަށް ދޫކޮށްފައި ބާވައެވެ؟