ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޯދަމަހުގެ ރޭތައް ވީހާވެސް ބޮޑަށް އިޙްޔާ ކުރަމާ ހިނގާށެވެ. މިރޭތައް އިޙްޔާކުރާހިނދު ހާރު ދަމުގައި ކުރުމަށް އެންމެ މާތް އަޅުކަމަކީ ފަތިހަށް ބަންގިގޮވުމާ ކައިރިވުމުން ﷲ އަށް ދުޢާ ދެންނެވުމާއި އިސްތިޣްފާރު ކުރުމުގައި މަޝްޣޫލުވުމެވެ. ތިމާގެ ނަފްސަށްޓަކައެވެ. ތިމާގެ ދަރިންނަށާއި މައިންބަފައިންނަށެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިން ދުނިޔޭގައި ނެތް ޙާލަތުގައެވެ.
އެންމެހައި ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމުފާނު އެކަލޭގެފާނުންގެ މައިންބަފައިންނަށްޓަކައި ދުޢާކުރެއްވި ހިނދު އެދެމަފިރި ކަނބަލުންނަކީ، ޚާއްޞަކޮށް ބަފައިކަލުންނަކީ ތައުޙީދުގެ އަހުލުވެރިއެއްތޯ ނުވަތަ ނޫންތޯ މިއީ އުފެދޭ ސުވާލެކެވެ. އެކަލޭގެފާނުންގެ ބައްޕާފުޅަކީ މުސްލިމެއްތޯ ނުވަތަ ކާފަރެއްތޯ މިއީ ޚިލާފުއޮތް މައްސަލައެކެވެ. ކާފަރެއްކަމުގައި ދެކިލައްވާ ޢިލްމުވެރިން ދަލީލު ނަންގަވަނީ ތައުބާ ސޫރަތުގެ 114 ވަނަ އާޔަތުންނާއި އަންޢާމު ސޫރަތުގެ 74 ވަނަ އާޔަތުންނެވެ. މިހެނީ އަންޢާމު ސޫރަތުގައި އަންގަވާފައިވަނީ އިބްރާހީމުގެފާނު އެކަލޭގެފާނުންގެ ބައްޕަ އާޛަރުގެ ގާތު ބުދަކީ ތިމާގެ އިލާހުންކަމުގައި ނުބެއްލެވުމަށް އެދިވަޑައިގަތް ކަމަށެެވެ. ތައުބާ ސޫރަތުގައި އިބްރާހީމުގެފާނު އެކަލޭގެފާނުންގެ ބައްޕާފުޅުގެ ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދަންނަވާ ކަމަށާއި އޭނާ ބުދަށް އަޅުކަންކުރުން ހުއްޓާނުލައްވާނެކަން އެނގިވަޑައިގަތުމުން އޭނާއަކީ ﷲގެ ޢަދާވާތްތެރިއެއްކަން ޔަޤީންވެ ވަޑައިގެން އޭނާގެކިބައިންބަރީއަވެ ވަޑައިގަތްވާހަކަ އައިސްފައިވެއެވެ. މިކަންކަން ހިނގާފައިވަނީ އިބްރާހީމުގެފާނަށް ރަސޫލުކަން ލިބިވަޑައިގަތް ތަނާހެންނެވެ. އަދި އެކަލޭގެފާނުންގެ އުފަން ރަށް އޫރު ޝަހަރުގައި އެކަލޭގެފާނުންގެ ޒުވާން ދުވަސްވަރުގައެވެ. އެހެންކަމުން ދެން ދެވަނަފަހަރަކަށް އޭނާއަށްޓަކައި ދުޢާ ކުރަށްވާކަށް ނުޖެހެއެވެ.
ކަން މިހެން އޮތް ކަމުގައި ވިއަސް ޤުރުއާނުގައި ބަޔާންކުރާ ބައްޕަައަކީ އާޛަރު ކަމަށްވީހިނދު ތާރީޚުން ސާބިތުވާ ގޮތުގައި އިބްރާހީމުފާނުންގެ އަސްލު ބައްޕާފުޅަކީ އާޛަރެއް ނޫނެވެ. އެކަލޭގެފާނުންގެ ބައްޕާފުޅަށް ކިޔަނީ ތާރިޙުއެވެ. އެއީ އާޛަރުގެ ބޭބެއެވެ. އާދެ، އާޛަރަކީ، އިބްރާހީމުގެފާނުންގެ ބައްޕަ އަވަހާރަވުމުން އިބްރާހީމުގެފާނު ގެންގުޅެ ބޮޑުކުރިމީހާއެވެ. މީނާއަކީ ބުދުހަދައި ބުދަށް އަޅުކަންކޮށް އުޅުނުމީހެކެވެ. އޭނާއާ ބެހޭގޮތުން ޤުރުއާނުގައި ބަޔާންކޮށްފައި ވަނީ އެއީ އިބްރާހީމުގެފާނުންގެ (أَب) ކަމަށެވެ. ޢަރަބި ބަހުގައި (أَب) މިލަފުޒު ބައްޕައަށާއި ބޮޑުބޭބެއަށް ވެސް ބޭނުން ކުރެވިފައި ވެއެވެ. ކާފައަށާއި މާފައަށް ވެސް ބޭނުން ވެއެވެ. އެހެންކަމުން ބައެއް ފަހަރު އެއީ ކޮން ބައްޕައެއްތޯ ބަޔާން ކުރެއްވުމުގެ ގޮތުން لِأَبِيهِ آزَرَ (ބައްޕަ އާޛަރު) އޭ ޤުރުއާނުގައި އައިސްފައި ވަނީއެވެ. އެބަހީ އަޞްލު ބައްޕައެއް ނޫނެވެ. މިގޮތަށް (أَب) މިލަފުޒު ތަފާތު ބޭކަލުންނަށް ޤުރުއާނުގައި ބޭނުންކުރެވިފައި ވީހިނދު، މިލަފުޒު ޤުރުއާނުގައި ބޭނުންކުރެވިފައިވާ ގޮތަށް ބަލައިލާނަމެވެ. މިސާލަކަށް: ޔޫސުފު ސޫރަތުގެ 38 ވަނަ އާޔަތެވެ. ޔޫސުފުގެފާނުންގެ ދޫފުޅުމަތިން އަންނަނިވި ބަސްފުޅު ނަގުލު ކޮށްފައި ވެއެވެ. "ތިމަން ކަލޭގެފާނު ތަބާވެ ވަޑައި ގަންނަވަނީ ތިމަންކަލޭގެފާނުންގެ ބަފައިކަލުންތައް ކަމުގައިވާ އިބްރާހީމުގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުން ގެންނެވި ދީނަށެވެ." (މިތާގައި ޔޫސުފުގެފާނުންގެ ބަފައިކަލުންނަކީ ޔަޢުޤޫބުގެފާނެވެ. އިސްޙާޤުގެފާނަކީ ކާފާފުޅެވެ. އިބްހީމުގެފާނަކީ މުނި ކާފާފުޅެވެ.) އެހެން މިސާލަކަށް ބަލައިލާނަމެވެ. ބަޤަރާ ސޫރަތުގެ 133 ވަނަ އާޔަތުގައި ޔަޢުޤޫބުގެފާނުންގެ ބޭބޭފުޅުން އެކަލޭގެފާނަށް ދެންނެވި ހިނދެވެ. "ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުންގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ބަފައިކަލުންތައް ކަމުގައިވާ އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނުންގެ އިލާހަށެވެ." މިއާޔަތުގައި އިބްރާހީމުގެފާނާއި އިސްޙާޤުގެފާނުންގެ އިތުރުން އައިސްފައި ވަނީ އިސްމާޢީލުގެފާނުންގެ ނަންފުޅެވެ. މިއެންމެހައި ބޭކަލުންގެ ނަންފުޅުގައި އައިސްފައިވަނީ (أَب) މިލަފުޒެވެ. އެހެންނާ އިސްމާޢީލުގެފާނަކީ ޔޫސުގެފާނާއި އެކަލޭގެފާނުންގެ އަޚުންގެ އަޞްލު ބޮޑުބޭބެއެއް ނޫނެވެ. އަދިކިއެއްތަ! އެބޭކަލުންގެ ބައްޕާފުޅުގެ ބޮޑު ބޭބެއެވެ.
މަތީގައި ބަޔާންވެދިޔަ ވާހަކަތަކުގައި ވާފަދައިން އާޒަރާ މުޚާޠަބުވެ އިބްރާހީމުގެފާނު ނަޞީޙަތް ދެއްވާފައިވަނީ އެކަލޭގެފާނުންގެ ޒުވާން ދުވަސްވަރުގައެވެ. އަދި އެއީ އެކަލޭގެފާނުންގެ އުފަން ރަށް އޫރު ޝަހަރުގައެވެ. އޭރަކު އެކަލޭގެފާނަށް ބޭފުޅަކުވެސް ލިބިވަޑައި ނުގަންނަވައެވެ. އިބްރާހީމުގެފާނަށް ޢާއިލާގެ ދުއްތުރާތައް ބޮޑުވުމުން ވަޒަން ދޫކުރަށްވައި ފަލަސްޠީނަށް ވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނުންގެ ޢުމުރުފުޅު ދޮށީވީ އިރުވެސް ބޭފުޅަކު ލިބިވަޑައި ނުގަންނަވާތީ ބޭފުޅަކު ދެއްވާތޯ ﷲ އަށް ދުޢާ ދަންނަވަން ފައްޓަވައިފިއެވެ. (ޞައްފާތު ސޫރަތުގެ 100 ވަނަ އާޔަތުގައި އައިސްފައި ވެއެވެ.) "އަޅުގެ ވެރި ރަސްކަލާކޮ! އަޅަށް ޞާލިޙު ދަރިއަކު ދެއްވާނދޭވެ!" މިގޮތަށް ދުޢާ ކުރަށްވަނިކޮށް އެކަލޭގެފާނުންގެ ޢުމުރުފުޅުން 99 އަހަރުފުޅުގައި ހާޖަރުގެ ބަނޑުފުޅުން އިސްމާޢީލުގެފާނު ލިބިވަޑައިގެންފިއެވެ. އެއަށްފަހު އެކަލޭގެފާނުންގެ ޢުމުރުފުޅުން 112 އަހަރުފުޅުގައި މާތް ﷲ އެކަލޭގެފާނަށް އަނބިކަލުން ސާރާގެ ބަނޑުފުޅުން އިތުރު ބޭފުޅަކު ދެއްވައިފިއެވެ. އެއީ އިސްޙާޤުގެފާނެވެ. ބުނެވޭގޮތުން އޭރު ސާރާގެ ޢުމުރުފުޅުން 89 އަހަރުފުޅެވެ. ނުވަތަ 102 އަހަރުފުޅެވެ.
އިބްރާހީމުގެފާނު ﷲގެ އަމުރުފުޅަށް ކަޢުބަތުﷲ ގެފުޅުގެ ކުރީގެބިންގާ މަތީ ގެފުޅު އަލުން ބިނާ ކުރެއްވިއެވެ. އެކަލޭގެފާނުންގެ އިސް އެހީތެރިއަކަށް އުޅުއްވީ މަލާއިކަތުންގެ އިތުރުން ދޮށީ ދަރިކަލުން އިސްމާޢީލުގެފާނެވެ. އޭގެފަހުން އަލްޤުދްސުގައި މަސްޖިދުލް އަޤްޞާ އެޅުއްވިއެވެ. ބުނެވޭ ގޮތުން ދެމިސްކިތްކޮޅު ބިނާވުމުގެ ދެމެދުގައި ވެއަތުވެފައި ވަނީ 40 އަހަރެވެ.
އިބްރާހީމުގެފާނުންގެ ޢުމުރުފުޅުގެ ފަހުކޮޅަށް އެޅިއްޖެއެވެ. އެކަލޭގެފާނުންގެ އެންމެހައި ބޭފުޅުންނަށް އިސްލާމްދީން މަތީ ދެމިތިއްބެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. (ބަޤަރާ ސޫރަތް: 132 ބައްލަވާ) ހަމައެއާއެކު މައްކާއަށާއި މައްކާގެ އަހުލުވެރިންނަށާއި މައްކާގައި ދިރިއުޅުއްވާނެ އެކަލޭގެފާނުންގެ ދަރިފަސްކޮޅަށްޓަކައި ދުޢާ ކުރެއްވިއެވެ. (އިބްރާހީމު ސޫރަތް: 35-38 އަށް ބައްލަވާ) ދެން އެކަލޭގެފާނަށް މާތް ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކަށްޓަކައި އެއިލާހަށް ގިނަގުނަ ޙަމްދު ކުރެއްވިއެވެ. އެންމެހައި ބޭފުޅުންނަށްޓަކައި ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުންގެ މައިންބަފައިންގެ ފާފަ ފުއްސެވުމަށް އެދި ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވަނީ މިފަދައިންނެވެ. (އިބްރާހީމު:39-41 އަށް ބައްލަވާ) "އެންމެހައި ޙަމްދެއް ހުރީ މަތިވެރި ﷲގެ ޙަޟުރަތަށެވެ. އެއިލާހުއީ އަޅު، މުސްކުޅި ވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލާއި އިސްޙާޤު ދެއްވިއިލާހެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ އަޅުންގެ ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. (39) އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމު ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެދަރިންކުރެން ޞާލިޙު ދަރިންނަށް ވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ! (40) {رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ} އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ބައްލަވާދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، އެންމެހައި މުސްލިމު ތަކުންނަށް ފާފަފުއްސަވާނދޭވެ!"
މިތާގައި ވަރަށް ސާފުކޮށް އިބްރާހީމުގެފާނުންގެ މައިންފައިންގެ ތައުޙީދު ސާބިތު އެބަވެއެވެ. އެކަލޭގެފާނުންގެ ޢުމުރުފުޅުގެ ފަހުކޮޅުގައި އެބޭކަލުންނަށްޓަކައި ދުޢާކުރެއްވީ މުސްލިމުން ކަމުގައިވާތީއެވެ. އެއީ ބޮޑުބޭބެ އާޒަރެއް ނޫނެވެ. އެހެންކަމުން މިތާގައި (أَب) މިލަފުޒުގެ ބަދަލުގައި ބޭނުން ކުރަށްވާފައިވަނީ، وَالِدَيْنِ އެވެ. ޙަޤީޤީ މައިންބަފައިންނަށް ނޫނީ ޢަރަބި ބަހުގައި މިބަސް ބޭނުން ކުރެވިފައި ނުވެއެވެ. އިބްރާހީމުގެފާނު އަވަހާރަވީ ޢުމުރުފުޅުން 175 އަހަރުފުޅުގައެވެ. ފަސްދާނު ލެވިފައިވަނީ ޚަލީލު ޝަހަރުގައެވެ.
އަޅުގަނޑުމެންނަށް އޮތީ ގިނަގިނައިން މައިންބަފައިންނަށްޓަކައި ދުޢާކުރުމެވެ. އިބްރާހީމުގެފާނު ކުރެއްވި ދުޢާ ބޭނުން ކުރުމެވެ. މާތް ﷲ އަޅަމެންގެ މައިންބަފައިންގެ ފާފަ ފުއްސަވައި ސުވަރުގެއިން ފިރުދައުސުކީ ގަނޑުވަރުން އެއުރެންނަށް ޖާގަ ދެއްވާނދޭވެ. އަޅަމެންނާއި އަޅަމެންގެ މައިންބަަފައިންގެ ފާފަ ފުއްސަވާނދޭވެ.