އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ބާންލީ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ރެލިގޭޝަން ޒޯނުގައި އޮތް ފުލަމާއި އާސެނަލް އެއްވަރުވެއްޖެއެވެ.
ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާންލީ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޖޭމްސް ޓާކޯވްސްކީ ވަނީ ލަނޑެއް ޖަހައި، ބާންލީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީންވުޑެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީ ވަނީ މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި، ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 32 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 31 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ބާންލީ އޮތީ ތާވަލުގެ 17 ވަނައިގައި 32 މެޗުން 33 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ރެލިގޭޝަން ޒޯނުގައި އޮތް ފުލަމާއި އާސެނަލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑެނީ ސެބާޔޯސް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން އެ ޓީމުގެ ބުކާޔޯ ސަކާ އޮފްސައިޑުގައި ހުރުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި އޭގެ ފަހުން ދެވަނަ ހާފުގައި ސަކާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ފުލަމުންނެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޝް މާޖާއެވެ. މިއީ އޭރިއާ ތެރެއިން ފުލަމުގެ މާރިއޯ ލެމީނާއަށް އާސެނަލުގެ ގަބްރިއެލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެއާއެކު މި މެޗުން އާސެނަލް ބަލިވާން ދަނިކޮށް، އެ ޓީމު ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އެޑީ އެންކެޓިއޭ ކާމިޔާބުކުރި ލަނޑުންނެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 32 މެޗުން 46 ޕޮއިންޓާއެކުއެވެ. އަދި އާސެނަލާ އެއްވަރުކުރި ފުލަމް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 33 މެޗުން 27 ޕޮއިންޓާއެކުއެވެ.