އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރުމަށް ހުށަހަޅާފައިވާ ބިލު ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށް ޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 3.1 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަންބަރުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އެ ގާނޫނުން އުނި ކުރުމަށާއި ހަމަ އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ސ)ގެ ފަސްވަނަ ނަންބަރު އަށް އިސްލާހު ގެނައުމަށެވެ. މި އިސްލާހާއެކު އެ ނަންބަރުގައިވާ ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން، ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުން މިނިސްޓްރީންނާއި މިނިސްޓްރީން ކަނޑައަޅާ އިދާރާތަކުން، ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ބަދަލު ވެގެން ދާނެއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ.
ބިލް ހުށަހަޅުއްވަމުން ހުސައިން ޒިޔާދު ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެއޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީކަމަށެވެ. އެހެންކަމުން އެއޮތޯރިޓީ އުވާލައި އެ އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނާއި އެއޮތޯރިޓީގެ މުދަލާއި ވަސީލަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމަށް ހުށަހަޅުއްވާކަމަށް ޒިޔާދު ވިދާޅުވިއެވެ.