"ހާއްޔަށް ބިސް އަޅައިފި، އެކަމަކު ހާލި ވައްޓާލާކަށް ނުދާނަން"
އެމްޑީޕީން ގަބޫލުކުރާ ލާމަރުކަޒީ ފަލްސަފާއަށް ބަދަލެއް ނާންނާނެ

ރައީސް، މުހައްމަދު ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރި ކެމްޕެއިން ނިންމާލުމުގެ ގޮތުން އއ ރަސްދޫ ފަޅުތެރޭގައި ކަންނެލި އޮޑިތަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި އެއީ އެ ޕާޓީގެ "ހާއްޔެއް" ކަމުން، އިދިކޮޅު ޕީޕީއެމަށް އެ "ހާއްޔަށް" ބިހެއް ނޭޅޭނެ ކަމަށެވެ.
މިއީ އިންތިޚާބުގެ ކުރިން އެމްޑީޕީން ކުރިއަށްގެންދިޔަ ކެމްޕެއިންގައި ރައީސް ނަޝީދު ވަރަށް ސާބިތުވެ ހުންނަވައި ދެއްކެވި ވާހަކަފުޅެކެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ސާފުވިއިރު ކަންތައްދިމާވީ ވިދާޅުވި ގޮތަކަށްނޫނެވެ. މީގެކުރިން އެމްޑީޕީން މާލޭގައި ދަމަހައްޓަމުން އައި ނަތީޖާ މިފަހަރު ވަނީ އެހެން ގޮތަކަށް ބަދަލުވެފައެވެ. މީގެކުރިން މާލެ ސިޓީއަކީ އެމްޑީޕީން ފުލްކޮށް ކޮންޓްރޯލް ހޯދަމުން އައި ތަނެއް ކަމުގައިވީނަމަވެސް މިފަހަރު މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއާއެކު ގިނަ ގޮނޑިތަކެއް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.
މިއާއެކު އެންމެންވެސް ބުނަމުން އައީ އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފިކަމަށެވެ. އިންތިޚާބުގެ ނަތީޖާތައް ކޮންމެސް ވަރަކަށް ސާފުވެ ގޮނޑިތައް ކާމިޔާބުވި ދިމަދިމާ ސާފުވާން ފެށުމުން ރައީސް ނަޝީދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު ވިދާޅުވީ މާލެއިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާކަމަށާއި އެކަމުގެ ސަބަބުތައް ދެނެގަންނާނެކަމަށެވެ.
ދެން އުފެދޭ ސުވާލަކީ އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމުން ބިސް އެޅުމުން ދެން އެމްޑީޕީން އަމަލުކުރާނީ ކޮންގޮތަކަށްތޯއެވެ. އެސުވާލުގެ ޖަވާބުވެސް ނަޝީދު ވަނީ ދެއްވާފައެވެ.
ހާއްޔަށް ބިސް އެޅިނަމަވެސް ހާލި ވައްޓާލަން ނުދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ހަގީގަތަކީ މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒަކީ އެމްޑީޕީ އެއްގޮތަކަށްވެސް ގަޔާވާ ބޭފުޅެއް ނޫންކަމެވެ. އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީން މީގެ ކުރިން ދުވަހަކުވެސް މީހަކާ ދެކޮޅަށް އެންޓި ކެމްޕެއިން ނުކުރާވަރަށް މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރިއެވެ. އެހަފުތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ބަލާލިނަމަވެސް ޑރ މުއިއްޒާ ބެހޭގޮތުން ކޮންމެސް އެއްޗެއް ވިދާޅުނުވެ އެމްޑީޕީގެ މެމްބަރަކު ތަޅުމުގައި ވާހަކަދައްކަވާ ނިންމަވާ ލައްވާފައެއްނުވެއެވެ. މިހުރިހާ ކަމެއް މިހެން އޮތްއިރު އެމްޑީޕީން "ހިތާނުވާ" ބޭފުޅަކާއެކު މާލެ ސިޓީ ހިންގުމުގެ ކަންކަމުގައި އެމްޑީޕީގެ ވިސްނުން ހުރިގޮތެއް ވަރަށް މުހިންމުވެއެވެ.
މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން މުޅިންވެސް ފެނުނީ ކައުންސިލްތައް ފިއްތާލިތަނެވެ. މާލެ ސިޓީއަށް ބަލާލިނަމަވެސް މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ޑރ މުއިއްޒު ވަނީ އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ފިއްތާލައިފައެވެ. މާލެ ސިޓީގެ ބާރުގެ ދަށުން ކުރަމުން އައި އެތައް ކަމެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ހަތަރެސް ފައި ބަނދެލިއެވެ.
އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ވާރިސުންކަމަށް ދައުވާ ކުރަމުން އަންނަ އެމްޑީޕީން މިފަހަރު ކަންތައް ކުރާނީ ކިހިނެއްތޯ އެއީ ބޮޑު ސުވާލެކެވެ. ވެރިކަމަށް އައީވެސް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ބާރު ދޫކޮށްލުމުގެ ވައުދާއިގެންނެވެ. އެޖެންޑާ 19ގެ ދަށުން މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދީވެސް އެ ބަދަލުތައް ގާނޫނަށް ގެންނާނެކަމުގެ ވައުދާއިގެންނެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކައުންސިލްތަކާއެކު ބޭއްވި ބޮޑެތި މަހާސިންތާ ތަކަށްފަހު އެގާނޫނަށް ބޮޑެތި ބަދަލުތަކެއްގެނެސް ގިނަ ބާރުތަކެއް ކައުންސިލްތަކަށް ގާނޫނީ ގޮތުން ދޫކޮށްލިއެވެ. ދެން އޮތީ އަނެއްކާވެސް ކުރިން އުފައްދަމުން އަންނަ ސުވާލެވެ.
ގާނޫނުގައި ލިޔެފައިވާ ގޮތަށް އަމަލުކުރާނެތޯއެވެ. އަބަދުވެސް ގާނޫގައި ކަންކަން ހުދާއި ކަޅުން ބަޔާންވެފައި އޮވެއެވެ. ނަމަވެސް މައްސަލަ ޖެހެނީ އަމަލުކުރަން ފަށާ ހިސާބުންނެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ އެމްޑީޕީން އެބާރުތައް ދޫކޮށްލައިގެން ތިބޭނެތޯއެވެ. ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ލިބިފައިވާއިރު އިދިކޮޅު ޕީޕީއެމްއަށް މެޖޯރިޓީ ލިބިފައިވާ މާލެ ސިޓީ ކައުންސިލަށް ދެމުން ގެންދާނީ ކިހާ އެއްބާރުލުމެއްތޯއެވެ. މާލެ ސިޓީގެ ތަރައްގީއަށް، ކުރިމަގަށް ކައުންސިލުން ކުރަމުން އަންނަ ކަންކަމަށް އެމްޑީޕީން އެއްބާރުލުން ދޭނެތޯއެވެ. މިނިޒާމާ އެއްގޮތަށް އެމްޑީޕީން އަމަލުކުރާނެތޯއެވެ.
ތަކުރާރުކޮށް މިސުވާލު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް އެކިގޮތްގޮތުން އަމާޒުކުރިއެވެ. ކޮންމެ ފަހަރަކުވެސް ވިދާޅުވެފައިވަނީ "އަޅުގަނޑުމެންގެ ފަލްސަފާއަކަށް ބަދަލެއް ނާންނާނެ" ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނުލިބުނު ކަމުގައިވީނަމަވެސް އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެމްޑީޕީން ހުރަސް އަޅަމުން ނުދާނެކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް ނުވަތަ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން އައި މިނިޒާމުގެ ދަށުން ވެރިކަން ހިންގުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގުމަށް އެކި މަސައްކަތްތައް ފާއިތުވި 10 ވަރަކަށް އަހަރު ކޮށްފިއެވެ. ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މިނިޒާމުން ރާއްޖެ ހިނގަންޖެހޭކަމަށް އެންމެ ބޮޑަށް ގަބޫލުކުރަނީވެސް އެމްޑީޕީންނެވެ. އެހެންކަމުން މިނިޒާމާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.






