"ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން އެކީ އެއްވަލަށް ހިތްޕަވާ މަރުކަޒީ ބާ އޮޑި ދިރުބަނލަށް އެހެލާ ދެއްވާ. ދަތުރަށް އެދޭ އެކަމަށް ފަރިތަ ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މުޅި ރާއްޖެއިން ފެނިވަޑައިގަންނަވާނެ. ލާމަރުކަޒީ އައު އޮޑީގެ ހަފޮޅުން އެކެންޑިޑޭޓުން އެތެރެކޮށްދެއްވާ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިދަތުރަށް އެމްޑީޕީއާއެކު އެއް މާރަކުން ފޮށިތައް މަތި ބަންނަވާ" މިއީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ނިންމުމަށް އއ. ރަސްދޫ ފަޅު ތެރޭގައި ކަންނެލި އޮޑިތަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވި ބަސްފުޅެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި އެނިޒާމު ދަންނަ އެނިޒާމަށް ފަރިތަ ބަޔަކީ އެމްޑީޕީ ކަމަށް އެޕާޓީން އަންނަނީ އަބަދުވެސް ބުނަމުންނެވެ. އެކަމާއި އެޕާޓީއާ ވާދަވެރި އެހެން ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދާ ވާހަކަދެއްކި ނަމަވެސް ކައުންސިލް އިންތިޚާބުގައި މައިގަނޑު ގޮތެއްގައި އެމްޑީޕީން ވިއްކާ އެއް ވިސްނުމަކީވެސް އެޔެވެ. މިމައުލޫގައި ވާހަކަދައްކާނަމަ ހަގީގަތަކީ ފޮތެއްގައި އަދި އެއްޗެއް ލިޔެފައި އޮތްނަމަވެސް އެކަމަށް އަމަލުނުކުރާނަމަ އޭގެން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމެވެ. އައު ގާނޫނު އަސާސީގެ ދަށުން ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަންވާނެ ކަމަށް އޮތްނަމަވެސް އެމަގުން އެކަން ރަނގަޅަށް ހިނގާތަނެއް އަދި ނުފެނެއެވެ.
ހޮނިހިރު ދުވަހު ދިވެހިން ހަތަރު ވަނަ ލޯކަލް ކައުންސިލްތައް އިންތިޚާބުކުރުމަށް ވޯޓުލާން ނިކުންނާނެއެވެ. 2011 ވަނަ އަހަރުން ފެށިގެން މަރުކަޒުވެފައި އޮތް ބާރުތައް ލާމަރުކަޒު ކުރުމަށް ގާނޫނެއްގައި ބަޔާންކޮށްގެން އެކަން ކުރަން އުޅުނަސް އަދި މިހާތަނަށް އެނިޒާމު އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި ކުރިޔަށް ގެންދެވިފައެއްނުވެއެވެ. ރާއްޖެ އަބަދުވަސް ހިނގަމުން އައީ ވެރިކަމުގެ ބާރުތައް މާލެ އަށް ޖަމާކޮށް ހުރިހާ ޚިދުމަތެއް މައި ސަރުކާރުން ދޭ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިހުރި ގާނޫނުތަކަށް ބަލާއިރު އެންމެ ގިނަ އިސްލާހު އެއް ގާނޫނަކަށް ގެނެވިފައިވާ ގާނޫނަކީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހަކުން ރައްޔިތުންނާ ހަމައަށް އެބާރުތައް ދޫކޮށްލިތަނެއް ނުފެނުނެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެގާނޫނަށް އެންމެ ފަހުން ގެނެވުނު ބޮޑެތި ބަދަލުތަކާއެކު މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ. އެބަދަލުތަކާއެކު އިންތިޚާބުކުރާ ފުރަތަމަ ކައުންސިލަށް މިކައުންސިލްތައް ވެގެންދާއިރު މިހާރުވެސް އެގާނޫނުގެ ދަށުން ބައެއް ބާރުތައް ކައުންސިލްތަކަށް ވަނީ ދޫކޮށްލާފައެވެ. އަމިއްލައަށް މަޝްރޫއުތައް ހިންގުމާއި މާލީ މިނިވަންކަމާއި ދައުރުދެންމުން ފަދަ ބާރުތަކެއް ކައުންސިލްތަކަށް ވަނީ ދީފައެވެ.
މިއާއެކު އަނެއްކާވެސް މިކަމާމެދު ސުވާލު އުފައްދާ ފަރާތްތަކުން ބުނަމުން އަންނަ ވާހަކައަކީ އެކަންކަން ކުރާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ގާބިލްކަމެއް ކައުންސިލްތަކުގައި އެބަހުރި ހެއްޔެވެ؟ އެބާރު ސަރުކާރުން ދޭނެހެއްޔެވެ؟ ސަރުކާރުން އެބާރު ދޭނެތޯ ކުރާ ސުވާލުގެ ޖަވާބު މިހާރުވެސް އޮތީ ފެންނާށެވެ. ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް 1.6 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓްގައި ހިމަނާ އެބަޖެޓް ވަނީ ކައުންސިލްތަކަށް ދީފައެވެ. ކުރިން ސަރުކާރުގައި އެދިގެން ކުރިޔަށް ގެންދިޔަ މަޝްރޫޢުތައް އަމިއްލައަށް ކުރިޔަށް ގެންދިޔުމުގެ މާލީ ތަނަވަސްކަން ކައުންސިލްތަކަށް ހޯދޭނެ ބާރު ގާނޫނުން ވަނީ ދީފައެވެ. ކައުންސިލްތަކުން ދަރަންޏަށް ޒިންމާވާގޮތަށް އެކިކަންކަން ކުރުމުގެ ބާރު މިހާރު ވަނީ ދީފައެވެ. އެކަމުގެ ގަވާއިދުތައް ވަނީ އާންމުކޮށްފައެވެ.
ދެން އޮތީ މިކަންކަން ކުރާނެ ގޮތުގެ ވާހަކައެވެ. އެސުވާލުގެ ޖަވާބު ހޯދުމަށް މިފަހަރުގެ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިންތަކުގައި ވިއްކަމުންދާ ސިޔާސަތުތަކަށް ބަލާލަންޖެހެއެވެ. ކައުންސިލްތަކަށް ލިބިގެންދާ ބާރުތަކާއެކު ސިޔާސަތުތައް ތަންފީޒުކުރާނެ ގޮތް އެމްޑީޕީން އަންނަނީ ކިޔާދެމުންނެވެ. ބޯހިޔާވަހިކަމާއި، ދުޅަ ހެޔޮ ސިއްހަތާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މިނޫންވެސް މިފަދަ ކަންކަން ކައުންސިލްތަކުން ރާވައިގެން ރައްޔިތުންނަށް އެޚިދުމަތްދޭނެ ގޮތްތައް އެޕާޓީން އަންނަނީ ކިޔާދެމުންނެވެ. ވަށާޖެހޭ މިނިޒާމުގެ ތެރެއިން ރައްޔިތުން މައި ސަރުކާރުގައި އެދިގެން މިހުރިހާ ދުވަހު ކުރަމުން އައި ކަންކަން އަތޮޅު ސަރުކާރު ނުވަތަ އަތޮޅު ކައުންސިލްތަކުން ފުރިހަމަކޮށްދޭނެ ގޮތްތައް އަންނަނީ ކިޔައިދެމުންނެވެ.
މިގޮތުން ވަކި އަތޮޅުތަކަށް ބަލާނަމަ ނ އަތޮޅު ކައުންސިލްގެ ރައީސް ނުވަތަ "ނޫނު ރައީސް"ގެ މަގާމަށް ވާދަކުރައްވާ މުހައްމަދު ބަޝީރު ހާމަކުރަމުންދާ ސިޔާސަތުތަކާއެކު އެމްޑީޕީން ބާރުތައް ކައުންސިލްތަކަށް ދީގެން އެކަން ކުރާނެ ގޮތްތައް ވަނީ ހާމަކުރައްވާފައެވެ. ޒަމާނުއްސުރެވެސް ދިވެހިންގެ ތެރޭގައި އޮތް އާންމު ޝަކުވާ އަކީ ބޯހިޔާވަހިކަމުގެ ޝަކުވާއެވެ. މާލޭގެ ރައްޔިތުން ނޫނަސް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންވެސް އަންނަނީ އެރައްޔިތުން ދިރިއުޅޭ ރަށްރަށުން އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދުމުގެ ތަކުލީފު އުފުލަމުންނެވެ.
އަތޮޅުތެރޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ރަށްރަށަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓްކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ރަށްރަށުގައި ހަދަން ފަށާފައި ނުހެދި ހުރި ގެތަކާއި ގެ އެޅުމަށް ވަކި ލޯން ސްކީމެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަތޮޅުތަކުގައި ބޯހިޔާ ވަހިކަމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ބަޝީރު ވިދާޅުވީ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ގުޅިގެން ގެދޮރުގެ ލޯނު ބޭންކަކުން ނަގާނެކަމުގައެވެ. އެއަށްފަހު ލޯނުދޭ އުސޫލުން ކައުންސިލްތަކުން ރައްޔިތުންނަށް ލޯނު ދޫކުރާނެ އުސޫލެއް ގާއިމުކޮށް ކައުންސިލުން ރައްޔިތުންނަށް ލޯނު ދޫކުރަމުންދާނެއެވެ.
ލޯނު ސްކީމަށް ބަލާލާއިރު މިސްކީމަކީ ހަމަހަމަކަމާ ދެފުށް ފެންނަ ގޮތަކަށް ކުރިޔަށްދާ ސްކީމެއްކަން ކަށަވަރުކުރުމަށްޓަކައި ހާމަކަން ބޮޑުގޮތެއްގައި އެކަން ކުރާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ. ލޯން ލިބޭ އުސޫލު ރައްޔިތުންގެ މަޝްވަރާ އާއެކު އެކުލަވާލާއިރު ހުށަހަޅާ ހުރިހާ ހުށަހެޅުމެއް ފެންނަ ގޮތަކަށް ހުރުން އެއީ އެންމެ މުހިންމު އިސްކަމެއް ދީގެން ކުރާނެ ކަންކަމަށް ބަޝީރު ވިދާޅުވިއެވެ.
އެގޮތުން ހުރިހާ ރައްޔިތުންގެ ހުރި ބިންތަކާއި ބަންޑާރަ ގޯތިތަކާއި އަދި ތަނެއް ކުއްޔަށްދީފައި ހުރިކަމުގައިވިޔަސް އެހުރިހާ މައުލޫމާތެއްވެސް ހުރިހާ ރައްޔިތުންނަށް އެނގޭނެފަދަ ގޮތަކަށް ހާމަކޮށް ވެބްސައިޓެއްގައި ނުވަތަ ދަފްތަރެއްގައި އާންމުކުރާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ. ބިމުގެ މިދަފްތަރު ހުވާ ކުރާ ގޮތަށް އާންމުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެއް އަހަރު ތެރޭގައި ގޯއްޗެއް ނުލިބިގެން އުޅޭ ހުރިހާ ރައްޔިތުންނަށް ގޯއްޗަށް އެދި ހުށަހަޅައިގެން އެކަން ހަމަޖެއްސޭނެ ގޮތް އިންތިޒާމުކުރާނެ ކަމަށް ބަޝީރު ވިދަޅުވިއެވެ.
ދެ އަހަރު ތެރޭގައި ލޯން ސްކީމް ތަޢާރަފްކުރާއިރު ފަސް އަހަރު ތެރޭގައި ފަންޑު ހުސްނުވެ ލޯން ދެއްކޭނެ ހުރިހާ ގޮތްތަކެއް ހޯދައިގެން އެކަން ކުރާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ. ފަނޑަށް ފައިސާ ދައްކައިގެން އެކަން ދެމެހެއްޓެނެވި ގޮތަކަށް ދެން އަންނަ ކައުންސިލްތަކަށްވެސް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ބަޝީރު ވިދާޅުވިއެވެ.
މީގެއިތުރުން ގެވަޅު ލިބިފައި ގެ ހެދޭނެ ފަދަ ގޮތެއް ނެތިފައި ތިބި ރައްޔިތުންނަށް ނޫނު އަތޮޅުގެ ލޯނު ސިޔާސަތުގެ ދަށުން ލޯނު ހަމަޖައްސައިދޭނެއެވެ. އަތޮޅުގައި ބިންހުރި ބޮޑެތި ރަށްރަށުން ބިން ނެތް ކުދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ގެވަޅު ހޯދައިދޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދޭނެއެވެ.
ފްލެޓް އަޅާފައި ކުޑަ އަގެއްގައި ފްލެޓް ދޫކުރުމަކީވެސް ކައުންސިލްތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅޭ ވިސްނުމެކެވެ. އަދި ފްލެޓްގެ އަގު ދެއްކުމުގައި ވީހާވެސް ފަސޭހަ ގޮތްތަކަކަށް އުސޫލު ހަމަޖައްސާނެއެވެ. ފްލެޓްތައް އަޅާނީ ކައުންސިލުންނެވެ. ފްލެޓާ ހިސާބަށް ތިން އަހަރު ތެރޭގައި ދެވެނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެއިތުރުން ބަންޑާރަ ގޯއްޗަށް އެދުމަށް ޝަރުތު ހަމަނުވާ ހާލަތްތަކުގައި ތިބި ރައްޔިތުންނަށް އެންމެ ކުޑަމިނުން ބިންގަނެގެން ބިން ވެރިވެވޭނެ ފަދަ އުސޫލެއް ކައުންސިލުން އެކުލަވާލާނެއެވެ. އަދި އެކަނި އުޅޭ ފަރާތްތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ގާއިމުކުރާ ބޯހިޔާ ވަހިކަމުގެ ފެސިލިޓީއެއްގެ ތެރެއިން އެކަން ކުރާނެއެވެ.
ދެން އޮތީ ރަށްރަށުގައި މިހުރި ގެސްޓް ހައުސް އެހެން ހަރުފަތަކަށް ގެނެސްދޭ ހޯމް ސްޓޭ އެވެ. އެއީ ރައްޔިތުންގެ އަމިއްލަ ގޭގެއިން ކޮޓަރި ފަތުރުވެރިންނަށް ކުއްޔަށްދީގެން އާމްދަނީ ހޯދޭނެ ގޮތެކެވެ. އެގޮތުން ހޯމް ސްޓޭ ވިޔަފާރި ބޮޑުތަނުން ހުޅުވާލާ އަތޮޅުތަކުގައި ހުރި ފަޅުރަށްތަކުން އެމީހުންނަށް އެހެން ޚިދުމަތްތައް ދެވޭ ގޮތަށް ކަންކަން އިންތިޒާމުކުރާނެއެވެ. ހޯމް ސްޓޭގެ ވިޔަފާރި ކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން އެކަން ކުރުމަށް ވަނީ ރާވާފައެވެ.
އަތޮޅުތަކުގައި މިހާރު އިހުތިޞާޞްގެ ތެރޭގައި ހުންނަ ފަޅުރަށްތައް ބޯހިޔާވަހިކަމާއި ލޯކަލް ޓޫރިޒަމް އަދި ދަނޑުވެރިކަން ކުރުމަށް ހުޅުވާލާނެއެވެ. އެތަންތަނުން ކައުންސިލްތަކަށް މާލީ ގޮތުން ފައިދާވާނެ ގޮތަކަށް ކަންކަން ރޭވި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެއެވެ.
ދެން އޮތީ ރާއްޖޭގެ އިގްތިޞާދުގެ އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމުގެ ފައިދާ ހަމައެކަނި ވަކި ބަޔެއްގެ ޖީބަށް ވަނުމަކީ އަބަދުވެސް ދިވެހިން ކުރަމުން އަންނަ ޝަކުވާއެވެ. މިހާރު ގާނޫނަށް ގެނެވިފައިވާ ބަދަލުތަކާއެކު އަލަށް އިންތިޚާބުވާ ކައުންސިލުން އަތޮޅުގައި ހުރި ރިސޯޓްތަކާއި ވާހަކަދައްކައިގެން ރިސޯޓްތަކުގައި ކުރަމުންދާ ވިޔަފާރިތަކުގެ ފައިދާ އަތޮޅުގެ ރަށްތަކަށް ބެހިގެންދާނެ ގޮތަކަށް ކަންކަން ހަމަޖައްސާނެކަމަށް ބަޝީރު ވިދާޅުވިއެވެ. އެއީ ރިސޯޓަށް ބޭނުންވާ ކާބޯތަކެތި އެރިސޯޓެއްގައި ހެއްދުމާއި ރިސޯޓްގައި ހުންނަ ވަނޑާންގެއާއި ރިސޯޓްތައް ކުނިކަހާ ސާފުކުރުމާއި ކުނި މެނޭޖްކުރުން ފަދަ ކަންކަމެވެ. މިކަންކަމަކީ އަތޮޅުގެ ތެރެއިން މީހުން ކުރަމުން އަންނަ ކަންކަމަށްވާއިރު އެރަށްރަށުން މިކަންކަން ރިސޯޓްތަކުން ހަމަޖައްސާކަމުގައިވާނަމަ ފަތުރުވެރިކަމުގެ ނަފާ ގިނަ ދިވެހިންނަށް ކުރާނެއެވެ.
މިފަދަ ހުރިހާ ކަމަކީވެސް ލާމަރުކަޒު ކުރުމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއި އަވަސް ކަމާއެކު ލިބިގެންދާނެ ހިދުމަތްތަކެވެ. ކުރިން އަތޮޅުތަކަށް ބޭނުންވާ މިފަދަ ސިޔާސަތުތައް އެކުލަވާލަމުން އައީ މައި ސަރުކާރުން ކަމަށްވިޔަސް މިހާރު ކައުންސިލްތަކަށް ލިބިދީފައިވާ މާލީ ބާރުވެރިކަމާއެކު މިކަންކަން ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް މިވަނީ ލިބިގެންގޮސްފައެވެ. މިކަންކަންކުރާނެ ސާފު ސިޔާސަތުތައް މިވަނީ އެކުލަވާލެވިފައެވެ. އެހެންކަމުން ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ އުސޫލުތައް އެމްޑީޕީގެ ކައުންސިލްތަކާއެކު ބަދަލުވެގެންދާނެ ކަން މިއޮތީ އެންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ވިސްނުމާއެކުވެސް އެނގިގެންގޮސްފައެވެ.
އެހެންކަމުން ރައީސް އެ ވިދާޅުވާ ގޮތަށް "ދަތުރަށް އެދޭ އެކަމަށް ފަރިތަ ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މުޅި ރާއްޖެއިން ފެނިވަޑައިގަންނަވާނެ" އެވެ. މިހުރިހާ ކަމަކާއެކުވެސް މިނިޒާމު ކުރިޔަށް ގެންދިޔުމަށް އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ. އެހެންނަމަވެސް ގޮންޖެހުންތަކާއެކުވެސް މިނިޒާމު ހަރުދަނާކޮށް އެކަން ކުރެވޭނީ މަރުކަޒީ އޮޑި އެހެލާ ލާމަރުކަޒުކުރުމާ ދިމާލަށް މިސްރާބު ހުރި ބަޔަކަށެވެ.