މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ އިއްތިފާގުން މި މައްސަލަ ވަނީ ބަލައިގެންފައި


މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
ވެންޓިލޭޓަރުތަކާބެހޭ ކޮރަޕްޝަންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށް، އެކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، އެފައިސާ ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ އިއްތިފާގުން މި މައްސަލަ ވަނީ ބަލައިގެންފައެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ 2020 ވަނަ އަހަރު 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް 31 މިލިއަން ރުފިޔާ ދީފައިވާކަން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓުން ހާމަވުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުން ވެސް މި މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ޚިލާފަށް ކަން ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން މެންބަރު ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާތެރި ވަގުތުގައި ބަލިމީހުންގެ އެންމެ ޒަރޫރީ ބޭނުމަށް ވެންޓިލޭޓަރުތައް ހޯދުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ޚިޔާނާތެއް ވެފައިވާއިރު، އެ ފައިސާ ދޫކުރީ ހޯދަންޖެހޭ ފައިނޭންޝަލް ގެރެންޓީއާއި ޕާފޯމަންސް ގެރެންޓީ ހޯދުމަކާ ނުލައިކަން ލިޔެކިޔުންތަކުން ސާބިތުވާއިރު، މިކަމުގައި މާލީ ވުޒާރާގެ އިހުމާލު ވެސް އޮތްކަމަށް ބެލެވޭ ކަމަށެވެ.