ކުރީގެ ރައީސް އަބްދު ﷲ ޔާމީނުގެ ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި ސިޔާސީ ހުރިހާ ފަރާތްތަކުން އެއްގަލަކަށް އެރިއެވެ. އޭރު އެއްއަޑަކުން ގޮވަމުން ދިޔައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނައުމަށް އެނޫން އެއްވެސް ގޮތެއް ނެތް ވާހަކައެވެެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގެނައީ ކޯލިޝަނަކުންނެވެ. ކޯލިޝަން އެކުލަވާލުމުގައި އެއްބަސްވުމެއް ހަދާފައިވާއިރު، އެއްބަސްވުމާއި އެއްގޮތަށް ކެބިނެޓަށް ވަޒީރުން އައްޔަން ކުރުމަށް އަދާލަތު ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ޖުމްހޫރީ ޕާޓީއަށް ވަކި ވަރަކަށް ސްލޮޓްތައް ދިނެވެ. ވަޒީރުންގެ އިތުރަށް ސިޔާސީ އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރެވުނީ ވެސް މިފަދައިންނެވެ.
ނަމަވެސް މިހާރު ވަނީ ހާލަތު ބަދަލުވާން ފަށާފައެވެ. ސަރުކާރަށް ދެ އަހަރުވެ، ތިން ވަނަ އަހަރު ގުނަމުންދާއިރު، ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފައެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މަގާމުން މުހައްމަދު މަލީހު ޖަމާލު ވަކި ކުރުމާއި ގުޅިގެން އޭނާ ވަނީ އަމިއްލަ ޕާޓީ ކަމަށްވާ ޖުމްހޫރީއަށް ފާޑުކިޔައި ބަހުގެ ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. ސަރުކާރުގެ ތެރެއިން ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީން ކަންކުރަމުން ދިޔަ އިރު ޖޭޕީ އޮތީ ހަނު ކަމަށް ބުނެފައިވެއެވެ. ޖޭޕީ އޮތީ"ސައިލެންޓް މޯޑު" ގައި ކަމަށް ތުހުމަތުކޮށް މަލީހު ވަނީ އޭނާ އަމިއްލައަށްވެސް މީގެ ކުރިން އަނިޔާވެރިން ކަމަށް ގަބޫލުކުރި ޕީޕީއެމް/ޕީއެންސީއާ ގުޅިފައެވެ.
މަލީހުގެ ކަންތައް ހުރިގޮތުން ޖޭޕީއަށް ބަހެއް ބުނަން މަޖުބޫރުވެގެން ދިޔައެވެ. އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކެމްޕޭން ކުރި މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ޖޭޕީން ދިނެވެ. އެއާއެކު މަލީހު އިޚުތިޔާރުކުރީ ޖޭޕީން ވަކިވެ ކުރިން އަނިޔާވެރިން ކަމަށް ގަބޫލުކުރި ޕީޕީއެމް/ޕީއެންސީއެވެ. އަދި ސިޔާސީ މީހެއްގެ ހައިސިއްޔަތުން ހުއްޓިގެން ހުރެވެން ނެތް ކަމަށް ބުނުމަށްފަހު މިހާރު މަލީހު ގެންދަނީ ކޯލިޝަނާ މެދު ސުވާލު އުފައްދަމުންނެވެ. ސަރުކާރަށް ނިސްބަވާ އެމްޑީޕީއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ކުރަމުންނެވެ. މީގެ ކުރިން ރަނގަޅުވި ހުރިހާ ކަމެއް މިއަދު ގޯސްވެއްޖެއެވެ.
މިވަރަކުން ނިމުނީއެއް ނޫނެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅަށް ކެމްޕޭން ކޮށްދޭން ވެސް ވަނީ ފަށާފައެވެ. މި އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން ވަރަށް ބޮޑު ބާރެއް އެ ޕާޓީއަށް ލިބޭނެތީ އެ ފުރުސަތު ދެވެން ނެތް ކަމަށް ވެސް މަލީހު ގެންދަނީ ބުނަމުންނެވެ.
މަލީހަކީ އިތުބާރު ނެތް ކަމަށް ފާސްކުރި ފުރަތަމަ ވަޒީރަށް ވިޔަސް ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ސިއްހަތާއި ބެހޭ ވަޒީރު އަބްދު ﷲ އަމީން ވެސް އިސްތިއުފާ ދިނެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު މަގާމުން ވަކިކުރެއްވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. މީގެ އިތުރުން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުރި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށި ހިސާބުން އަމިއްލައަށް އޭނާ ވެސް އިސްތިއުފާ ދިނެވެ.
މަލީހުގެ އިތުރުން ވެސް އެކި މައްސަލަތަކާއި ގުޅިގެން ތިން ވަޒީރަކު މަގާމާއި ދުރަށް ޖެހިފައިވާއިރު އެތިން މީހުން ދެންވެސް ތިބީ ހަމަ ކުރީގެ ޕާޓީގައެވެ. ސަރުކާރަށް ފާޑު ކިޔައި ކޯލިޝަނާމެދު ސުވާލު އުފައްދައި ހުތުރު އެއްވެސް މަންޒަރެއް ނުދައްކައެވެ. ކޮންމެ މީހަކަށް ވެސް ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެއެވެ. އެކަމަކު މީގެ ކުރިން އަނިޔާވެރިކަން ހައްދު ފަހަނަޅާފައިވާ ކަމަށް އަމިއްލައަށް ގަބޫލުކުރި ބައެއްގެ ގާތަށް ގޮސް އެބަޔަކަށް ސަނާ ކިޔަންފެށީމާ އެކަން ރައްޔިތުން ގަބޫލުކުރާނެތޯއެވެ. މަގާމުން ވަކިކުރުމާއި ގުޅިގެން ކޯލިޝަން ގޯސްވެ ސުވާލުތަކެއް އުފެއްދި ނަމަވެސް ރައްޔިތުން އެކަން ބަލައި ގަންނާނެތޯއެވެ. މަގާމުގައި ހުރެގެން ކޯލިޝަން ގޯސްކަމަށް ނުބުނެވުނީ ގަޓް ނެތިގެންތޯއެވެ. އާރާއިބާރު އޮތްއިރު އަނގަ ބަންދުވެފައި، އާރާއިބާރު ގެއްލުނީމާ އަނގަ ހުޅުވެންޏާ އެއީ މައްސަލައެކެވެ. ވަޒީރުންނަކީ ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާގައި މަސައްކަތް ކުރަންޖެހޭ ބައެކެވެ. ރައްޔިތުންނަށް ގެއްލުންވާނަމަ ބަސް ބުނަން ޖެހޭނީ މިއަދަކު ނޫނެއެވެ.