ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 22:40
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރާއްޖެއެމްވީ
ރަށްވެހި ފަތިސް ކެމްޕެއިން
ލ. އަތޮޅަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބޮޑު ހަބެއް – ރައީސް ސޯލިހު
ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ
ދަނޑުވެރި ކަމަށް 7 ރަށެއް ހުޅުވާލާނެ
އިތުރު ތިން ރިސޯޓެއް ހެދުމަށް ވަނީ ނިންމާފައި

ލ. އަތޮޅަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބޮޑު ހަބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތުގައި ރައީސް ސޯލިހު ވަނީ ލ. އަތޮޅުގެ ކެނޑިޑޭޓުން ފާހަގަ ކުރެއްވި ކަންކަމަށް ތަފްސީލީ ގޮތެއްގައި ޖަވާބު ދެއްވައިފައެވެ.

އިސްދޫ

އިސްދޫއިން ފާހަގަ ކުރެއްވި ކަންކަމަށް އަލިއަޅުވާލާ ރައީސް ސޯލިހު ވިދާޅުވީ، އިސްދޫ މަގު ހެދުމުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އޭޓީއެމްގެ ހިދުމަތް މިއަހަރުގެ ތެރޭގައި ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށާިއ، ފެނާއި ނަރުދަމާގެ ނިޒާމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ޖަނަރޭޓަރެއް މިއަހަރުގެ ތެރޭގައި ބެހެއްޓިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިތަދޫ

ހިތަދޫއަށް މިދިޔަ ދެއަހަރު ތެރޭގައި މާބޮޑު މަޝްރޫއުތަކެއް ހިންގިފައި ނުވާ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ކުރިޔަށް އޮތް ދެއަހަރު ހިތަދޫގައި ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސްޕޯޓްސް އެރީނާ އެޅުމުގައި ހިތަދޫއަށް އިސްކަން ދެއްވާނެ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތުގެ ބިޑިންގ މާރޗު މަހުގެ ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށާއި، ރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުނަހަންދޫ

ކުނަހަންދޫ އަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، ހިތަދޫއާ ކުނަހަންދޫގެ ކޯޒްވޭ ޑިޒައިންގެ މަސައްކަތް މިއަހަރު ކުރިޔަށްދާނެ ކަމަށެވެ. ކުނަހަންދޫއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ދެވަނަ ފަހަރަށް ބިޑް ކުރެވިގެންދާނެ ކަމަށާއި، ހެލްތު ސެންޓަރަށް ބޭނުންވާ ޑޮކްޓަރުންނާއި، އެމްބިއުލާންސް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކުނަހަންދޫ ސްކޫލުގެ ތިން ކްލާސްރޫމް ހެދުމުގެ މަސައްކަތް މި މަހު ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކަޅައިދޫ

ކަޅައިދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، ކަޅައިދޫގެ ނަރުދަމާގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ބަޔަކާއި ހަވާލު ކުރެވިގެންދާނެ ކަމަށާއި، މިއަހަރުގެ ތެރޭގައި ކަޅައިދޫގައި އޭޓީއެމްގެ ހިދުމަތް ފެށޭނެ ކަމަށެވެ.

ދަނބިދޫ

ދަނބިދޫއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ވިދާޅުވީ، ފެނަކައިގެ އޮފީސް އެޅުމަށް ބިން ހަމަޖެއްސުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރިޔަށްދާ ކަމަށާއި، ފެނާއި ނަރުދަމާގެ މައްސަލަ ފެނަކައިން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިޖްތިމާއީ މަރުކަޒުގެ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ސައިންސް ލެބް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

މާބައިދޫ

މާބައިދޫއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ވިދާޅުވީ މިމަހުގެ ތެރޭގައި އެމްބިއުލާންސް ފޮނުވިގެންދާނެ ކަމަށާއި، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އައުޓްޑޯ ޖިމްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވިފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މުންޑޫ

މުންޑޫގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯއްދަވާނެ ކަމަށާއި، އެމްބިއުލާންސްގެ ހިދުމަތް މިއަހަރު ތެރޭގައި ދެވިގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ހަތަރުވަނަ ކުއާޓަރގައި ބަނދަރުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ކުޑަކުދިންގެ ޕާކުގެ މަސައްކަތް ދެވަނަ ކުއާޓަރގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ގަން

ގަމުގެ ކެނޑިޑޭޓުން ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުވާލާ ރައީސް ސޯލިހު ވިދާޅުވީ، އެމްއެންޔޫ ކެމްޕަހުގެ މަސައްކަތަށް ބިން ހަމަޖެހުނުހާ އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ކެންސަރ ހޮސްޕިޓަލު ގަމުގައި އެޅިގެންދާއިރު ޓާސިއަރީ ހޮސްޕިޓަލެއް ފެންވަރުގައި ހޮސްޕިޓަލް ތަރައްގީވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މާވަށް

މާވަށުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސީއެމްބިއުލާންސްގެ ހިދުމަތް މިއަހަރުގެ ތެރޭގައި ހައްލުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ސްކޫލުގެ 9 ކްލާސް ރޫމުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށާއި، ބިން ހިއްކުމުގެ ޑިޒައިންގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އައިސް ޕްލާންޓް އެއް އެޅުމަށް ބިން ކައުންސިލުން ހަމަޖެއްސުމުން މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފޮނަދޫ

ފޮނަދޫގެ ތަރައްގީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށާއި، ސްކޫލުގެ ބަހުގެ ހިދުމަތަށް ހައްލު ހޯދައްވައިދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ސްކޫލުގައި އިތުރު ކްލާސް ރޫމްތަށް އެޅުމުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އާރްޑީސީގެ އޮފީހެއް ފޮނަދޫގައި އެޅިގެންދާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މާމެންދޫ

މާމެންދޫއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ވިދާޅުވީ، މާމެންދޫގެ ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަސައްކަތް ކުރެވޭނެތޯ ބައްލަވާނެ ކަމަށާއި، ސިއްހީ މަރުކަޒުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ކުރިން އެމްބިއުލާންސްގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، އޭޓިއެމްގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، 50 ޓަނުގެ އައިސް ޕްލާންޓެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ލ. އަތޮޅަކީ ތަރައްގީގެ މަޝްރޫއުގެ ބޮޑު ހަބެއް ކަމަށާއި، އެގޮތުން ސަރުކާރުގެ އެކިއެކި ތަރައްގީގެ މަޝްރޫއުތައް ލ. އަތޮޅުގައި ހިންގިގެންދާނެ ކަމަށެވެ. މީގެ އިތުރުން އިތުރު ތިން ރިސޯޓެއް ހެދުމަށް ނިންމާފައިވާ ކަމަށާއި، އަދި ދަނޑުވެރި ކަމަށް 7 ރަށެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް