ދުނިޔޭގެ ތާރީޚަށް ބަލައިލީމާ ވަރަށް ތަފާތު ލީޑަރުން ފެންނާނެއެވެ. އަނިޔާވެރިކަމާއި ޖައްބާރު ކަމަކީ ވަކި ޒަމާނަކަށް ޚާއްސަ ސިފައެއް ނޫނެވެ. ހުރިހާ ޒަމާނެއްގައި ވެސް އަނިޔާވެރިން އުޅެއެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އުތުރު ކޮރެޔާގެ ކިމް އާއިލާގެ ވާހަކަ ވާނީ ލިޔެފައެވެ. މިއަދު ލިޔާނީ ދާދިފަހަކުން އެފްރިކާގެ ގައުމެއްގައި ވެރިކަންކުރި ޖައްބާރު އަނިޔާވެރިއެއްގެ ވާހަކައެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ޔޮން ބިޑެލް ބޮކާސާގެ ވާހަކައެވެ. އޭނާގެ އެރުމާއި ވެއްޓުމާއި ސިޔާސަތުގެ ވާހަކައަކީ ދިރިތިބީންނަށް ފިލާވަޅެކެވެ.
ބޮކާސާއަކީ ކާކު؟
ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ އެފްރިކާ ބައްރުގެ މެދުތެރޭގައިވާ ގައުމެކެވެ. އާބާދީއަކީ ގާތްގަޑަކަށް ފަސް މިލިޔަނެވެ. އެ ގައުމުގައި 1966 ވަނަ އަހަރުން ފެށިގެން 1979 ގެ ފަހުކޮޅާ ހަމަޔަށް ވެރިކަން ކުރީ ޔޮން ބިޑެލް ބޮކާސާ ނަމަކަށް ކިޔުނު މީހެކެވެ. ވަރަށް އަނިޔާވެރި ޖައްބާރު ވެރިއެކެވެ.
ބޮކާސާއަކީ ކުރިން ސިފައިންގެ އޮފިސަރެކެވެ. ބަޣާވާތަކުން ވެރިކަން ފޭރިގެންފައި އެންމެ ފުރަތަމަ އެގާރަ އަހަރު ވެރިކަން ހިންގީ ރައީސެއްގެ ގޮތުގައެވެ. ފަހު ތިން އަހަރު ވެރިކަން ހިންގީ ރަސްކަލެއްގެ ގޮތުގައެވެ. ޖުމްހޫރިއްތަކުން ރަސްކަމަކަށް ގައުމުގެ ނިޒާމު ބަދަލުކުރުމަށްފަހުގައެވެ. ރަސްކަން ކުރި ތިން އަހަރު އެ ގައުމުގެ ނަމަކީ ސެންޓްރަލް އެފްރިކަން އެމްޕަޔަރ އެވެ. މީނާއަކީ އަމްބަރާތޫރެވެ. ރަސްރަސްކަލުންގެ ވެސް ރަސްގެފާނެވެ.
އުޅުންހުރި ގޮތް
މީނާ ހިތްއެދޭ ކަހަލަ އަންހެނަކު ފެނިއްޖެނަމަ އެމީހަކު ޖަހައިގަނެއެވެ. ވެރިކަން ނިމުނުއިރު އަނބީންގެ އަދަދު ނަވާރައެވެ. މި ހުރިހާ އަނބީންގެ ފަރާތުން ޖުމްލަ ސާޅީސް ދަރިން ލިބުނެވެ. ހުރިހާ އަނބީންގެ ތެރެއިން ވެސް މީނާ އެންމެ ހިތާވާ މީހަކީ ކެތަރިން ޑެންގުއާޑޭ އެވެ. އެފްރިކާގެ އާއްމު ކުލަޔަށްވުރެ ދޮނެވެ. މިއީވެސް ސިފައިން މެދުވެރިކޮށް ފޭރިގަތް ކުއްޖެކެވެ. ކައިވެނިކުރީ ކެތަރީންގެ އުމުރުން ސާދަ އަހަރުގައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރަސްކަލަކަށްވުމަށްފަހު ހުރިހާ އަނބީންގެ ތެރެއިން ވެސް ގައުމުގެ ރާނީގެ މަގާމަށް އިޚުތިޔާރުކުރީ ކެތަރީނެވެ. މިއީ ބޮކާސާގެ ހަ ވަނަ އަނބިމީހާއެވެ. މީނާއަށްފަހު ވެސް އިތުރު ތޭރަ އަންހެނުން ގަނޑުވަރަށް ގެނައެވެ.
ފައިސާ ދިނީމާ ދީން ވެސް ބަދަލުކުރި
ބޮކާސާއަކީ ރޯމަން ކެތަލިކް ކްރިސްޓިއަނެކެވެ. އުފަންވީ ވެސް އަދި މަރުވީ ވެސް އެގޮތުގައެވެ. އެކަމަކު ދޭތެރެޔަކުން އެހެން ދީންތަކަށް އުޅެފައިވެއެވެ. މީގެތެރެއިން އެންމެ މަޝްހޫރުވީ ލީބިޔާގެ ލީޑަރ ކާނަލް މުއައްމަރުލް ގައްޒާފީގެ ދައުވަތަކަށް ލީބިޔާއަށް ކުރި ދަތުރަކަށްފަހު ދުވަސްކޮޅަކަށް އިސްލާމަކަށް ވެގެން އުޅުނު އުޅުމެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ތަރައްގީއަށް ބައިވަރު ފައިސާ ދޭން އަދި ބޮކާސާއަށް ވެސް ބައިވަރު ފައިސާ ދޭން ގައްޒާފީ އެއްބަސްވީމާ ބޭރުފުށުން އިސްލާމަކަށް ވީއެވެ.
އިސްލާމް ވުމަށްފަހު ނަމަކީ ސަލާހުއްދީން އަހުމަދު ބޮކާސާއެވެ. އައު ދީންމަތީގައި މާގިނަ ދުވަހު ދެމިހުރެވޭގޮތެއް ނުވިއެވެ. ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް އެނބުރޭން ވެގެން ރަނުގެ ތަޚުތެއް ހެދުމަށާއި ޖަވާހިރާއި ރަނުން ތާޖެއް ހެދުމަށާއި މިނޫންވެސް ކަންކަމަށް ބައިވަރު ފައިސާ ބޭނުންވެއްޖެއެވެ. މި ފައިސާ ލީބިޔާއަކުން ނުލިބުނެވެ. އެފައިސާ އާއި މިފައިސާޔާއި މިހެންގޮސް އެކި ކަންކަމަށް ބޭނުންވާ ފައިސާ ދޭން އެއްބަސްވީ ފްރާންސުންނެވެ. ފްރާންސުގެ ޝަރުތަކީ ލީބިޔާއާ ދުރުވެގެން ހުރުމާއި ކްރިސްޓިއަން ދީން އަލުން ގަބޫލު ކުރުމެވެ. މިހިސާބަށް ދިޔައިމާ ބުންޏެވެ. ފައިސާ ނުލިބެންޏާ ކޮން ދީނެއްހެއްޔެވެ. ދެން އިހުގެ ކްރިސްޓިއަން ދީނަށް އަލުން ރުޖޫއަވެއްޖެއެވެ. ސަލާހުއްދީން ބޮކާސާއަކުން ޔޮން ބިޑެލް ބޮކާސާއަކަށް ބަދަލުވެއްޖެއެވެ.
ޗައިނާއިން ފެނުނު މަދަރުސާ ކުދިން
ރަސްކަލަކަށް ވީތަނާ ޗައިނާގެ ލީޑަރ ހުއާ ގޯފެންގެ ދައުވަތަކަށް ރަސްމީ ދަތުރެއްގައި ޗައިނާއަށް ދިޔައެވެ. އެކުގައި ގެންދިޔައީ ކެތަރީނެވެ. މި ދަތުރުގައި ކެތަރީންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޗައިނާގެ މަދަރުސާ ކުދިންނާއި އެކުދިންގެ ޔުނިފޯމެވެ. އެދުވަސްވަރު ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސްކޫލްތަކުގައި ޔުނިފޯމް އެޅުން އާއްމެއް ނޫނެވެ. މީނާގެ ހިތުގައި ޖެހުނެވެ. މިގޮތަށް ޔުނިފޯމް އެޅީމާ ކުދިން ތަރައްގީވާނެއެވެ. ބަލައިލާންވެސް ރީތިވާނެއެވެ. ޔުނިފޯމް ފަހައިދިނީމާ ފައިސާ ވެސް ލިބޭނެއެވެ. މިކަން ރަގަޅު ވިޔަފާރިއަކަށް ވެސް ވާނެއެވެ.
އެނބުރި ގައުމަށް ރުޖޫއަވުމަށްފަހު ކެތަރީން އެދުނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ހުރިހާ މަދަރުސާތަކެއްގެ ދަރިވަރުން ވެސް ޔުނިފޯމް އަޅަން މަޖުބޫރުކުރާ ގަރާރެއް ބޮކާސާގެ ފަރާތުން ނެރުމަށެވެ. މި ޔުނިފޯމް ފަރުމާކޮށް ތައްޔާރުކުރުމުގެ ބާރު އޭނާގެ ކުންފުންޏަށް ދިނުމަށާއި ޔުނިފޯމްގައި ބޮކާސާގެ ތަސްވީރު ހުރުން ވެސް ލާޒިމު ކުރުމަށެވެ. އަނބިމީހާގެ އެދުމަށް ބޮކާސާ ލޮލުން ބޮލުން ރުހިގެން މިކަމާބެހޭ ރަސްމީ ގަރާރެއް ނެރެފިއެވެ.
ޔުނިފޯމް މަޖުބޫރު ކުރީމާ ދެންވީގޮތް
ގައުމުގެ ވެރިޔާ ބޮކާސާގެ ޝާހީ ގަރާރަކުން ހުރިހާ ސްކޫލެއްގެ ހުރިހާ ކުދީންނަށް ޔުނިފޯމް އަޅަން މަޖުބޫރުވީމާ ދެންވީ މާދެރަ ގޮތެކެވެ. މުޅި ގައުމަށް ޔުނިފޯމް ފަހައިދެނީ ގައުމުގެ ރާނީގެ ފެކްޓަރީތަކުންނެވެ. ޔުނިފޯމެއްގެ އަގު އިންތިހާއަށް ބޮޑެވެ. ގިނަ ބެލެނިވެރީންގެ ކިބައިގައި މީން އެއްޗެއް ގަނެވޭވަރުގެ ފޯރުންތެރިކަމެއް ނެތެވެ. ދަރީންނަށް ޔުނިފޯމް ހޯދައިދެވޭއިރު ގެދޮރު ވެސް ހުންނަނީ ރަހުނު ކުރެވިފައެވެ. ތިބޭން ޖެހެނީ ނުކައި ނުބޮއި ބަނޑަށެވެ.
އިސާހިތަކު ކިޔަވާކުދީންނާއި އެކުދީންގެ ބެލެނިވެރިން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ. ރައްޔިތުންގެ އެދުމަކީ މިއަށްވުރެ ފަސޭހަކޮށް މިއަށްވުރެ ހެޔޮ އަގުގައި ޔުނިފޯމް ލިބޭނޭ ގޮތެއް ސަރުކާރުން ހަމަޖައްސައިދިނުމެވެ. މި މުޒާހަރާތައް ބޮކާސާ ސިފަކުރީ އޭނާގެ އަނބިމީހާގެ ވިޔަފާރި ހުއްޓުވައި ބަނގަރޫޓުކުރުމުގެ ނިޔަތުގައި ސިޔާސީ އިދިކޮޅު މީހުން ކުރާ ކަމެއްގެ ގޮތުގައެވެ. އެހެންވީމާ ރަށުތެރެޔަށް ނެރުނީ ހަތިޔާރާއެކު ސިފައިންނެވެ. އަންގާފައި އޮތީ ބަޑިޖަހައިގެންވިޔަސް ތަޅައިމަރައިގެންވިޔަސް މައިތިރި ކުރުމަށެވެ.
ކުޑަކުއްޖެއް ކިޔަވާ ކުއްޖެއް އެނޫން މީހެއް ނުބަލައި ސިފައިން ދިޔައީ ތަޅަމުން މަރަމުންނެވެ. ޚުދު ބޮކާސާގެ އަމިއްލަ އަތުން ވެސް ބައެއް ކުދިން މެރިއެވެ. ބުނެއެވެ. މަގޭ އަނބިމީހާ ފަރުމާކުރި ޔުނިފޯމް ކަމުނުގޮސްގެން އުޅެނީ ކަލޭމެންހެއްޔެވެ. ހުރި ނުބައިކަން ދެކިބަލާށެވެ. މިހެން ބުނެފައި އަތުގައި އޮންނަ އަސަޔަކުން ތަޅައިގަނެއެވެ. މިގޮތަށް ސަތޭކަޔަށްވުރެ ގިނަ ކުދިން މެރިކަމަށް ބުނެވެއެވެ.
ބޮކާސާގެ ވެރިކަން ނިމުން
ބޮކާސާގެ އަނިޔާވެރިކަން ބޮޑުވެގެންގޮސް އެތައް ބަޔަކު މަރުވެ ގައުމުގައި ލޭގެ ކޯރުތައް ދައުރުވާ ހިސާބަށް ދިޔައީމާ އަވަށްޓެރި ގައުމުތަކުން ކަންބޮޑުވެއްޖެއެވެ. މުޅިދުނިޔޭގައި މިވާހަކަ ދެކެވެން ފަށައިފިއެވެ. ސެންޓްރަލް އެފްރިކަން އެމްޕަޔަރގެ މައްޗަށް އެންމެ ބޮޑު ނުފޫޒެއް އޮންނަ ދެ ގައުމަކީ ފްރާންސާއި ލީބިޔާއެވެ. މީގެތެރެއިން ފްރާންސަކީ ސެންޓްރަލް އެފްރިކަން އެމްޕަޔަރގެ މައްޗަށް ކުރިން ވެރިކަން ހިންގި ގައުމެވެ. ޔުނިފޯމް ނޭޅިޔަސް ނުގަނެވުނަސް ކިޔަވާކުދިން ނުމަރާށޭ ގޮވިޔަކަސް ބޮކާސާއަށް މިއަޑެއް ނީވެއެވެ. އޭނާއަށް އިވެނީ ޔުނިފޯމްތައް ނުވިކިގެން އަނބިމީހާ ކުރާ ޝަކުވާތަކުގެ އަޑެވެ.
އެންމެފަހުން ފަރަންސޭސި ސިފައިންގެ ލަޝްކަރެއް ވައިގެ މަގުން ގޮސް ސެންޓްރަލް އެފްރިކަން އެމްޕަޔަރއަށް އަރައިފިއެވެ. ބޮކާސާ ގަންނާކުރެއްވި ބިރުން ވެރިކަމާއި ގަނޑުވަރާއި ފެކްޓަރީތައް ދޫކޮށްފައި އަވަސްއަވަހަށް ފިލައިގެން އައިވަރީ ކޯސްޓަށް ހިނގައްޖެއެވެ. ބޮކާސާގެ ވެރިކަން ބަދަލުވެގެން އޭނާގެ ގަޑުވަރު ބަލައި ފާސްކުރިއިރު ފެނުނު އެންމެ އަޖައިބު އެއްޗަކީ ކިނބޫ ފެންގަޑެކެވެ. އެ ފެންގަޑުގެ އަޑިން އިންސާނުންގެ ކަށިތަކެއްވެސް ފެނުނެވެ. ބުނެވޭގޮތުގައި އެއީ ކެތަރީންގެ ފެކްޓަރީތަކުން ފަހާ ޔުނިފޯމް ކަމުނުދާކަމަށް ބުނި ކިޔަވާކުދީންގެ ކަށިތަކެވެ. ބޮކާސާގެ އަމުރަށް އެކުދިން ކިނބުލަށް ކާންދީ މަރައިލީއެވެ. ބޮކާސާގެ ވެރިކަން ނިމުމާއެކު ގައުމުގެ ނިޒާމުވެސް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެއްޖެއެވެ. މިހާރު އެއީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ.