ޖަމުޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
15 ފެބުރުއަރީ 2021 | ހޯމަ 07:38އެހީއަށް އެދި ހުށަހެޅޭނީ ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމުއިއްޔާތަކަށް


ޒުވާން ލީޑަރުން ބިނާކުރުމަށް ހޯމް މިނިސްޓްރީއިން ކުރިޔަށް ގެންދާ ވައިއެލްއެން ފޯރަމްގެ ތެރެއިން
މަދަނީ ޖަމުއިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނީ މަދަނީ ޖަމުޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، މަދަނީ ޖަމުޢިއްޔާތަކަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ފެންނާތީ، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ އެހީއަށް އެދި ހުށަހެޅޭނީ (ޖަމުޢިއްޔާތަކާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިނގަމުންދާ ޖަމުއިއްޔާތަކަށް ކަމަށެވެ.
އެގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.
ޔޫތް މިނިސްޓްރީން ބުނީ ކޮންމެ ޖަމުއިއްޔާއަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 21 މާރޗް 2021 ވަނަދުވަހުގެ މެންދުރުފަހު 1:00 ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.







