ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 6 މަސް ތެރޭގައި ފަށައި، މުލީ އެއަރޕޯޓުގެ މަސައްކަތްކުރުމަށް މި މަސްތެރޭގައި ހަވާލުކުރަނީ
ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯ ދަން މިހާރު ވާނީ ހުޅުވާލާފައި


ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ ބަޔާން ދެއްވަނީ
ތިލަފުށި މާލެ ގުޅުވައިލާ ބުރިޖުގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފަށައި، މ. މުލީ އެއަރޕޯޓުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީބަޔާން އިއްވަމުން ރައިސް ޞާލިޙް ވިދާޅުވީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މި ސަރުކާރުން ތަރައްޤީކުރި ހއ. ހޯރަފުށީ އެއަރޕޯޓު މިދިޔަ އަހަރު ހުޅުވައި ޚިދުމަތް ދެމުން އަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން، ބީލަމުގެ މަރުހަލާ ނިންމައި، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި، އެމަސައްކަތް ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުރި ގިނަ މަޝްރޫޢުތަކެއް، މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި މިހާރު ޤާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރުވަނީ ނިމިފައިވާ ކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ، އެބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ހަމައެއާއެކު، މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތް ވެސް، ކުރިއަށް އޮތް 6 މަސްތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
6.695 ކިލޯމީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއަށެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ-ތިލަފުށި ބްރިޖު ގުޅާލުމުން ހުޅުމާލެއިން ފެށިގެން ތިލަފުށްޓާ ދެމެދު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވި، ގްރޭޓަރ މާލެ ސަރަޙައްދުގައި ދަތުރު ފަތުރު ކުރުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބްރިޖަކުން ގުޅާލެވުމުން އެއްގަމު މަގުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދެވުމުގެ ފުރުޞަތު ހުޅުވިގެން ދިއުމާއެކު ސިނާޢީ މަސައްކަތްތައް މީހުން ދިރިއުޅޭ ހިސާބުތަކުން ބަދަލު ކުރެވި މާލޭގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.
ސަރުކާރުން ބުނީ، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތައް އެކަށޭނެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަކަށް ވެފައި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދާ ގުޅިފައިވާ އެހެން ހުރިހާ ދާއިރާތަކެއް ކުރިއަރައިގެން ދާނެ ކަމަށެވެ.





