ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 19:06
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު،
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު،
ރައީސް އޮފީސް
ގައުމުގެ ހުންގާނުގައި ރައީސް ސޯލިހު
ސުމަކުން ފެށި އަހަރު ސުމަކުން ނިންމާލާކަށް ''އެމަނިކުފާނު'' ކުޑަވެސް ޖާގައެއް ނުދެއްވި!
 
ކުށްމަދު ވެއްޓެއް ގާއިމްކޮށްދެއްވި
 
ބޯހިޔާވަހިކަމުގެ އިތުރުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް އާއިލާތައް ފޮނުވި
 
ވިޔަފާރިތައް ފެނުން މަތީގައި ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން
 
އިގްތިސާދަށް ކުރި އަސަރާއިއެކު ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެއްވި

އަހަރެއް ފާއިތުވެދިޔައީއެވެ. ދިޔަ ގޮތް ވެސް ގިނަ މީހުންނަށް ބުނެދޭން މިއަދު ދައްޗެވެ. ނަމަވެސް ދެހާސް ނަވާރަ ވަނަ އަހަރު ނިންމާ ދޭއް ސުމެއް ދޭ ސުމަކާއި މުޅި ދުނިޔެ ކުރިމަތިލީ އައު ހުފެންތަކަކާއި އައު އުންމީދުތަކާއެކުއެވެ. ކުލަ ގަދަކޮށް އައު އަހަރު ފާހަގަކޮށް އުފާފާޅު ކުރަމުންދިޔަ ނަމަވެސް ދުނިޔެ ބަނަވަމުންދަނީ ކިހާ ބަނަ ވިލާގަނޑަކާ ކަމެއް ނޭނގެއެވެ. އަހަރުގެ އަދަދުތައް ރީތި ނަމަވެސް ކޮވިޑް-19ގެ ނުރައްކާތެރިކަން ހިތްތަކަށް ތަސައްވަރު ނުކުރެވެނީސް މުޅި ދުނިޔެ އަޅުވެތިކުރިއެވެ. އެބަލިން ސަލާމަތްކޮށް ނައްތާލުމަށް ކެނޑިނޭޅި ގައުމުތަކުން މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓި، ގިނަ ބަޔަކު ހާލުގައި ޖެހުނެއެވެ. ފަގީރުންގެ ލިސްޓު އިތުރުވެ ބަނޑުހައިހޫނު ކަމުގައި ތިބެން މަޖުބޫރުވިއެވެ. އާމްދަނީ ހުއްޓި ގައުމުގައި ބަންދުވީ އެވެ. ހަނދާނެ ގޮތް ހުސްވެ އިޖްތިމާއީ ގިނަ މައްސަލަތައް ވެސް ކުރިމަތިވާން ފެށީއެވެ. ގައުމުތައް ލޮކްޑައުން ކުރުމާއިއެކު ބޯހިޔާވަހިކަން ގެއްލި ގިނަ ބަޔަކު މަގުމަތިވެސް ވީއެވެ. މިހާލަތުން އަރައިގަތުމަށް ގައުމުތަކުން މަސައްކަތް ކުރިއިރު ގިނަ ކާމިޔާބީތަކެއް ދިވެހިރާއްޖެ މިވަނީ ހޯދާފައެވެ.

ރާއްޖޭގެ ހުންގާނުގައި ހުންނެވީ ކޮންމެ ފަދަ މޫސީބަތަކާއި ކުރިމަތިލާންވެސް ޖެހެލުންވެ ވަޑައިނުގަންނަވާނެ ފަދަ މާލިމީއެއްކަން މިއަދު ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެއްވެސް ރައްޔިތެއްގެ އަތުން ދޫކޮށްނުލައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ގައުމު އަމާން އައްސޭރިއަކަށް ގެންދެވުމުގައި އަދިވެސް ހުއްޓުމެއް ނެތި ދަނީ ދަތުރުކުރައްވަމުންނެއެވެ.

ކޮވިޑް-19ގެ ފުރަތަމަ ވިލާގަނޑުގައި ރާއްޖެ ޖެހުމާއެކު ކޮންމެ ރެއަކު، އެމަނިކުފާނު އިރުޝާދުގެ ދަށުން އެކުލަވާލެއްވި ޓީމާއެކު ރިޔާސަތު ބަލަހައްޓަވައި، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ހާލަތަކީ ކޮބައިތޯ ބެއްލެވިއެވެ. ކަންކަން ހުރީ ކިހިނެއްތޯއާ، ކާބޯތަކެއްޗާއި، ދަތުރުފަތުރުގެ ކަންތައްތައް އިންތިޒާމް ކުރެވިފައި ހުރި ގޮތާއި އަތޮޅުތެރޭގެ ރަށްތަކަށް ބޭސް ފޯރުކޮށްދޭނެ ގޮތްތަކާއި އިންތިޒާމްތައް ހަމަޖެއްސިވިއެވެ. މީގެ އިތުރުން ކޮވިޑް-19ން ރައްކާތެރިވުމަށް އަތަށް ލައްވާ އަންގި، މާސްކް އަދި ގައުމަށް ބޭނުންވާ އިތުރު އާލަތްތަކަކީ ކޮބައިތޯ ބަލައި އޮޅުން ފިލުއްވައެވެ. ދޭދޭ ގައުމުތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި ރާއްޖޭގެ ހާލަތާއި ބެހޭ ގޮތުން މަޝްވަރާކޮށް ގައުމުތަކުގެ އެހީތެރިކަން ހޯއްދެވިއެވެ.

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ނަތީޖާއެއް ގޮތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަނޑުހައިހޫނުކަން ތަހައްމަލް ކުރަން ނުޖެހި ސަލާމަތްވެއްޖެއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއިއެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސްއެއް ތައާރަފްކޮށް 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފެށިއެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ލިބޭއިރު، މިހާތަނަށް 252.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ވަޒީފާ ގެއްލި، އެއްވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް ފަރާތްތަކުގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެއެވެ.

ކޮވިޑް-19 އާއިއެކު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ރިސޯޓްތައް ހުއްޓުނު ނަމަވެސް ރާއްޖޭގެ ވިޔަފާރިތައް ހީނަރުވިޔަ ނުދިނުމަށްވެސް ރައީސް ސޯލިހު ވަނީ މަސައްކަތް ކުރައްވާފައެވެ. ލޯނުތަކާއި ޓެކްސްތައް ދެއްކުމުގައި ލުއި ދީފައިވާއިރު، ވިޔަފާރިތައް ފެނުން މަތީގައި ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރިސޯޓްތަކާއި ބޮޑެތި ވިޔަފާރިތަކަށް އިކޮނޮމިކް ރިކަވަރީ ޕްކޭޖްގެ ދަށުން 419 ވިޔަފާރިއަކަށް 585.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް މިހާތަނަށް 351.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ލޯނުތަކަށް ލުއި ދިނުމުގައި ސަރުކާރުން އެހީތެރިވެދިނީ ހަމައެކަނި ވިޔަފާރިތަކަކަށް ނޫނެވެ. މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކަށް ވެސް ސަރުކާރުން ވަނީ ލުއިދީފައެވެ. އަދި ދަރިވަރުންނަށް ސްކޫލަށާއި ކޮލެޖްތަކަށް ނުދެވުނު ނަމަވެސް އެކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް ކިޔެވުމުގެ ކަންތައްތައްވެސް ހަމަޖައްސައިދިނެވެ.

މީގެ އިތުރުން މާލީ ގޮތުން ދަތިވެ، މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީވާން ޖެންޑަރ މިނިސްޓްރީން ނިންމާ އެކަންވެސް ވަނީ އިއުލާން ކޮށްފައެވެ. މިފަދަ އެހީ ބޭނުންވާ ފަރާތްތަކުން 1421 ހޮޓްލައިނަށް ގުޅައިގެން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮވިޑްގެ މި ޙާލަތުގައި ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް ގިނަ އެހީތަކެއް އެ މިނިސްޓްރީން ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދިނުމުގައިވެސް ގެންދަނީ އެހީތެރިވަމުންނެވެ. އަދި ކޮވިޑް-19ގެ ސަބަބުން ޢިއުލާންކުރި ފުރަބަންދުގެ ސަބަބުން އެކި ސަބަބުތަކަށްޓަކައި މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނާއި ވަޒީފާ ގެއްލުމާއި އެނޫންވެސް ސަބަބުތަކާހެދި ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވި އެތައް ބަޔަކަށް ޖެންޑަރ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ

ހުރިހާ ދިމާއަކުންވެސް ރާއްޖެއަށް އެހީތެރިކަން ލިބުނެއެވެ. ނަމަވެސް ބޮލުގައި ޖަހާ ދަތިން ފެށިގެން ކާ މޭޒުމަތީގައި އޮންނަ ބަތްފުކާ ހަމަޔަށް އަދި އަރައިގެން ހުންނަ ފައިވާނުން ފެށިގެން އެތެރެހައްޓަށް ބޭނުންވާ ހުރިހާ ބޭހަކަށް ރާއްޖެއިން ބަރޯސާވެފައިވަނީ ބޭރުގެ ގައުމުތަކަށް ކަމަށްވާތީ ގިނަ ގޮންޖެހުންތައް ކުރިމަތިވިއެވެ. އެގޮތުން އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ ބޭސްފަރުވާ ހޯދަން ބޭރުގެ ގައުމުތަކަށް ދާން މަޖުބޫރުވި ފަރާތްތަކަށެވެ. ލަސްތަކެއް ކުރިމަތިވި ނަމަވެސް މަޝްވަރާގެ ތެރެއިން އާސަންދައިގެ އެހީތެރިކަމާއެކު އަވައްޓެރި އިންޑިއާއަށް ގިނަ އާއިލާތައް ފޮނުވިއެވެ.

އެއްބައިވަންތަކަމާއެކު ކުރި މަސައްކަތުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ކުރިމަތިނުވެ ވެށި އަމާންވިއެވެ. ވައްކަމުގެ މައްސަލަތަކާއި، މާރާމާރީގެ މައްސަލަތައް ވެސް މަދުވިއެވެ.

މި ހުރިހާ ކަމެއް ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ގެންގޮސް މިއަދު މިވަނީ އުންމީދުން އެތައް މެސެޖްތަކެއް ވެސް ދެއްވާފައެވެ. ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބި، ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް މުޅި ގައުމު ތައްޔާރުކުރުމުގެ މަސައްކަތް އެވަނީ ފަށާފައެވެ. ދޭއް ސުމެއް ދޭ ސުމަކަށް އަލްވަދާއު ކިޔައި ދޭސުމެއް ދޭ އެކެއް ފަށާފައި މިވަނީ އުފާވެރި ޚަބަރުތަކާއެކުއެވެ. މުޅި ދުނިޔެ ސުމަކުން ދިޔަ ނަމަވެސް ރާއްޖޭގެ ހުންގާނުގެ ހުންނެވި މާލިމީގެ ހުށިޔާރުކަމާއެކު ގައުމު ސުމަކުން ނިމުމަކަށް ޖާގައެއް ނުދިނެއެވެ.

0%
76%
0%
11%
14%
0%
ކޮމެންޓް
3 ފެބްރުއަރީ 2021 | ބުދަ 10:48
ކިނބޫ
އަޅެފަހެ ހަމަ ކުޑަކޮށްވެސް ލަދެއް ހަޔާތެއް ގަނެބަލަ. ކަލޭމެން ކިތަންމެ ވަރަކަށް ތިހެން ކިޔަސް ހާލަތު އެންމެނަށް އެބައެނގޭ. ތިދެން ބޮޑުވަރު.